23 Dec 2014, 13:07
ގައުމީ ދުވަސް ފާހަގަކުރަމުންދާއިރު އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައި ވަނީ ގައުމިއްޔަތުގެ ރުކުންތައް ދިވެހިންގެ ހިތްތަކުގައި ބިންވަޅުނަގައި، ގައުމިއްޔަތުގެ ތަނބުތައް މި ބިމުގައި ވަރުގަދަ ކުރުމަށް ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ހުސައިން ވަހީދު ވިދާޅުވެއްޖެ އެވެ.
ގައުމީ ދުވަހުގެ މުނާސަބަތުގައި ކޮމިޝަނަރު އޮފް ޕޮލިސް ނެރުއްވި ހިޠާބެއްގައި ވިދާޅުވެފައި ވަނީ އަންނަން އޮތް ޖީލަށް މި ގައުމު އަމާންކަމާއި ސުލްހަވެރި ކަމާއެކު ވާސިލްކޮށްދެވޭނީ ގައުމުގައި ހުރި ދެބަސްވުންތަކާއި ނޭދެވޭ ގުޅުންތައް އެއްކިބާކޮށްގެން ކަމަށެވެ. އަދި ގައުމުގެ ޒުވާން ޖީލުގެ ހިތްތަކުގައި ގައުމީ "ވަހުދަތުގެ" ބިންގާ ވަރުގަދަކޮށް ޒުވާނުން ކުށުގެ ވެށިން ދުރުކޮށްގެން ކަމަށް ކޮމިޝަނަރު އޮފް ޕޮލިސް ވިދާޅުވި އެވެ.
"ޝައްކެވެސް ނެތްގޮތުގައި ކާބަފައިން ދެއްކެވި ގަދަ ހިތްވަރާއި، ޤައުމަށްޓަކައި އޮހޮރުވާލި އަގުހުރިލެޔާއި، މިޤައުމާއި ވަޠަނުގެ ދިފާޢުގައި ކުރެއްވި ހަރުދަނާ ޤާބިލް މަސައްކަތާއި، އެކަންކަމުގައި ދެމިތިބި ނުގުޑާފަދަ ޢަޒުމުގެ ހިތްވަރު ޒުވާނުންނަށް އުގަންނައިދޭން މިވަނީ ޖެހިފައި. ކާބަފައިން ޤައުމު ބިނާކުރި ޤައުމިއްޔަ ވަންތަކަމުން ޢިބުރަތް ލިބިގަނެ ޤައުމީ ކުލުނާއި ލޯބި ޒުވާނުންނާ ފުރާވަރުގެ ކުދިންނާއި ޅަ ޖީލުގެ ހިތްތަކުގައި އާލާކުރަން އެންމެ އެކަށީގެންވާ މުނާސަބާއަކީވެސް މިއީ." ކޮމިޝަނަރު އޮފް ޕޮލިސްގެ ހިތާބުގައި ވިދާޅުވި އެވެ.
އިތުރަށް ހިތާބުގައި ވިދާޅުވެފައި ވަނީ ދިވެހިން މީގެކުރިން ހޭދަކޮށްފައިވާ އަޅުވެތިކަމުގެ ދުވަސްތަކަށް އަލުން އެނބުރިދާ އެއްވެސް ދިވެއްސަކު ބޭނުންނުވާނެ ކަމަށެވެ. އެހެންކަމުން ގައުމުގައި އެކުވެރިކަމާއި އެއްބައިވަންތަކަން އަލުން އިއާދަކޮށް މުޖުތަމައު އަމާން ސުލްހަވެރި ތަނެއްގެ ގޮތުގައި ބޭއްވުމަށް ހުރިހާ އެންމެންވެސް މަސައްކަތް ކުރުމަށް ހުރިހާ ފަރާތްތަކަށް ސީޕީ ވަހީދު ވަނީ އިލްތިމާސްކުރައްވާފައި އެވެ.
"ވަކިން ޚާއްޞަކޮށް ދިވެހިންގެ ތެރޭގައި އުފެދި އާލާވަމުން އަންނަ ނުރަނގަޅު އާދަތަކުން ދުރުވެ، މީހުންގެ ނަފްސާއި މުދަލުގެ ރައްކާތެރިކަން ހޯދައި ދިނުމަށް ފުލުހުންނާއި އެހެނިހެން ފަރާތްތަކުން ކުރަމުންދާ މަސައްކަތުގައި މުޅި އުއްމަތް އެކުގައި އަތުގުޅާލުމަށް ގޮވާލަން. މިއާއެކު، ރާއްޖޭގެ ކުރިއަރަމުން އަންނަ އިޤްތިޞާދު ހަރުދަނާކުރުމަށް ކުރެވޭ މަސައްކަތުގައި ފަރުދީ ގޮތެއްގައި ހުރިހާ ރައްޔިތުންގެ ޙިއްސާ އިތުރުކޮށް ޤައުމީ ރޫޙުން ހިތްވަރުލިބި، ގުޅިގެން މަސައްކަތް ކުރާ ބަޔަކަށް ޤައުމީ މި އުއްމަތް ވާންވީ ވަގުތަކީ މިއީކަމުގައި ދެކޭ ވާހަކަވެސް ދަންނަވަން،" ސީޕީ ވަހީދު ވިދާޅުވި އެވެ.