ހުރިހާ ކަމެއްގެ ހައްލަކީ ގާނޫނަށް ވެގެން ނުވާނެ ކަމަށާއި ހުރިހާ ކަމެއްގެ ހައްލެއް ގާނޫނަކުން ހޯދައެއް ނުދެވޭނެ ކަމަށް ހައި ކޯޓުގެ ހިންގުމާ ހަވާލުވެ ހުންނެވި ފަނޑިޔާރު އަލީ ސަމީރު ވިދާޅުވެއްޖެ އެވެ.

ބިމާ ބެހޭ ގާނޫނާ ގުޅޭ ގޮތުން މޯލްޑިވްސް ލޯ އިންސިޓިއުޓުން ކުރިއަށް ގެންދިޔަ ކޯހުގައި ދަސްވެނިވި ފަރާތްތަކަށް ސެޓްފިކެޓް ހަވާލު ކުރުމުގެ ހަފްލާގައި އަލީ ސަމީރު ރޭ ވިދާޅުވީ ހުރިހާ ކަމެއްގެ ހައްލު ގާނޫނަކުން ނުފެންނާނެ ކަމަށާއި މުޖުތަމައުގެ އަހުލާގިއްޔަތުން ކަންކަމުގެ ހައްލު ހޯދަން ޖެހޭ ކަމަށެވެ.

"ހުރިހާ ކަމެއްގެ ހައްލަކީ ގާނޫނަށް ވެގެން ނުވާނެކަން. އަދި ހުރިހާ ކަމެއްގެ ހައްލެއް ގާނޫނަކަށް ހޯދައެއް ވެސް ނުދެވޭނެ. ގާނޫނުން ކަންކަމުގެ ހައްލު ހޯދާ މިންވަރަށް އަދި ބައެއް ފަހަރު އެއަށް ވުރެ ވެސް އިތުރަށް މުޖުތަމައުގެ އަހުލާގިއްޔަތުން ކަންކަމުގެ ހައްލު ހޯދުމަށް ވިސްނަން ޖެހޭ،" ސިވިލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކުރައްވާފައިވާ ސަމީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގާނޫނެއް ތަންފީޒުވުމަށް ޓަކައި ވިސްނަން ޖެހޭނީ ހައްގުތައް ތިމާއަށް ބޭނުންވާ ފަދައިން މުޖުތަމައުގެ އެހެން ފަރުދުންނަށް ވެސް އެ ހައްގުތައް ބޭނުންވާނެ ގޮތަށް ކަމަށެވެ.

ބިމާ ބެހޭ ގާނޫނާ ގުޅޭ ގޮތުން މޯލްޑިވްސް ލޯ އިންސިޓިއުޓުން ބޭއްވި ކޯހުގައި ޖުމްލަ 28 ފަރާތަކުން ދަސްވެނިވެފައިވެ އެވެ.

ވިލާ ކޮލެޖުގައި ރޭ ބޭއްވި ހަފްލާގައި މޯލްޑިވްސް ލޯ އިންސިޓިއުޓުން ވަނީ ދެ ފޮތެއް ނެރެފަ އެވެ. ފުރަތަމަ ފޮތަކީ މަހާޒް އަލީ ލިޔުއްވި މަސްތުވާތަކެތީގެ ފަރުވާއާމެދު 106 ސުވާލާއި އޭގެ ޖަވާބުގެ މައްޗަށް ތައްޔާރުކޮށްފައިވާ ފޮތެވެ. ދެ ވަނަ ފޮތަކީ ގާނޫނަށް ހޭލުންތެރި ވުމަށްޓަކައި އާންމުންނަށް އަމާޒު ކޮށްގެން ތައްޔާރުކޮށްފައިވާ ފޮތެވެ. "ވީހާ ވެސް ޓެކްނިކަލް ބަސްތައް މަދުން" ބޭނުން ކޮށްފައިވާ އެ ފޮތަކީ ގާނޫނު ކިޔަވަން ފަށާ ދަރިވަރުންނަށް ފަސޭހަ ވާނެ ފޮތެކެވެ.