ރަޝިއާގައި 2018 ވަނަ އަހަރު ބާއްވަން ހަމަޖެހިފައިވާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތަށް ކޮލިފައި ވުމަށް ކުޅޭ މެޗުތަކުގައި ރާއްޖެއަށް ގްރޫޕް ސްޓޭޖުގައި ކުޅުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް އެފްއޭއެމްގެ އެސިސްޓަންޓް ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝިޔާޒު (މޯހަން) ވިދާޅުވެއްޖެ އެވެ.

މޯހަން ވިދާޅުވީ، 2018 ގެ ވޯލަޑް ކަޕް ކޮލިފައިންގައި ދެ ރައުންޑެއް ކުޅެން ޖެހޭއިރު، ވޯލްޑް ކަޕް ކޮލިފިކޭޝަންގެ ޕްރެލިމިނެރީ ރައުންޑުގައި ރާއްޖެ ކުޅެން ޖެހޭނެކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

"ރަޝިއާ 2018 ގެ ވޯލްޑް ކަޕް ކޮލިފައިންގައި ފުރަތަމަ ކުޅެވޭނީ ޕްލޭއޮފެއް. ރާއްޖޭގެ ރޭންކިން މިހާރު އިން ހިސާބުން ޕްލޭއޮފްގައި ރާއްޖެ ކުޅެން ޖެހޭނެ ކަމަކަށް އަޅުގަނޑުމެނަކަށް ގަބޫލެއް ނުކުރެވޭ. ކޮލިފައިންގެ ގުރުއަތު އޮތީ އަންނަ އަހަރުގެ ފެބްރުއަރީ 17 ގައި. އެހާ ހިސާބަށް ދާއިރު މިސަރަހައްދުގެ ގައުމުތަކުގެ މެދުގައި ރާއްޖޭގެ ރޭންކިން 34 ވަނައަށް ނުވެއްޓިއްޖެ ނަމަ ރާއްޖެ ކުޅެން ޖެހޭނީ ކޮލިފައިންގެ ގްރޫޕް ސްޓޭޖުގައި. އަޅުގަނޑުމެން މި ބަލަނީ ރާއްޖޭގެ ގައުމީ ޓީމު ޕްލޭއޮފް ކުޅެން ނުޖެހި ގްރޫޕް ސްޓޭޖުގައި ކުޅެން ފުރުސަތު ލިބޭނެ ކަމަށް،" މޯހަން ވިދާޅުވި އެވެ.

އަންނަ އަހަރަކީ ރާއްޖޭގެ ގައުމީ ޓީމަށް ވަރަށް ބުރަ އަހަރެއް ކަމަށާއި، ވޯލްޑް ކަޕް ކޮލިފިކޭޝަންގެ އިތުރުން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސާފް ޗެންޕިއަންޝިޕާއި ސާފް ގޭމްސްގައިވެސް ރާއްޖޭގެ ގައުމީ ޓީމު ބައިވެރި ވުމަށް ހަމަޖެހިފައިވާ ކަން މޯހަން ފާހަގަކުރެއްވި އެވެ. އަދި އެ މުބާރާތްތަކުގެ އިތުރުން އިތުރު ދެ ރަހުމަތްތެރިކަމުގެ މެޗުވެސް ގައުމީ ޓީމު ކުޅެން ހަމަޖެހިފައި ވާކަމަށް އޭނާ ވިދާޅުވި އެވެ.

"ފީފާ ކަލަންޑަރު އިންނަނީ އަހަރަކަށް ފަސް ހަފްތާ އިންނަ ގޮތަށް ބަހާލާފަ. އެ ތާރީހުތައް އަޅުގަނޑުމެނަށް އޮތީ ގާތްގަނޑަކަށްހެން ފުރިފަ. އެހެން ކަމުން ރަހްމަތްތެރި ކަމުގެ މެޗުތައްވެސް އަޅުގަނޑުމެން ކުޅެން ޖެހޭނީ އެ ތާރީހުތަކުގެ ބޭރުން. ނަމަވެސް އެ ރަހްމަތްތެރި ކަމުގެ މެޗުތަށްވެސް ކުޅޭ ގޮތަށް އަދި ރޭވިފަ ވަނީ،" އެސިސްޓެންޓް ކޯޗެއްގެ ގޮތުގައި ވެސް ގައުމީ ޓީމަށް ގިނަ ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ފުޓްބޯޅައިގެ ތަޖުރިބާކާރު ކޯޗު އަދި މިހާރު އެފްއޭއެމްގެ އެސިސްޓަންޓް ޓެކްނިކަލް ޑައިރެކްޓަރު ވިދާޅުވި އެވެ.