"އަޅުގަނޑަށް ހީވަނީ ނަޝީދު ބޭނުންވާ ގޮތަކަށް ކަންތައް ކުރާ، ނަޝީދުގެ ބަސް އަހާ، ނަޝީދުގެ ޕަޕެޓެއް ކަމަށް ވެއްޖިއްޔާ އެ މަގާމު އަދާކުރެވިދާނެ(ހެން). ނަޝީދާ ހިޔާލު ތަފާތުވާ އަމިއްލަ ހިޔާލެއް ގެންގުޅޭ މީހަކަށް އެކަން ފުރިހަމައަށް އަދާ ކުރެއްވެވިދާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" އެމްޑީޕީގެ ރައީސްކަން ކުރައްވާފައިވާ އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރު ވިދާޅުވެފައިވެ އެވެ.

އެމްޑީޕީގެ އިސްސަފުގައި "ޖަޑިބެއް"ގެ ގޮތުގައި ހަރަކާތްތެރިވި މޫސާ މަނިކު ޕާޓީން ވަކި ކުރަން ނިންމުމުން ބޮޑު ހައިރާން ކަމެއް ގެނުވި އެވެ. އެ ޕާޓީ އަށް އެތައް ހިދުމަތެއް ކޮށްދީފައިވާ މޫސަ އެމްޑީޕީން ވަކިކުރީ ޕާޓީން ދެއްކި "އުޒުރު" ސާފެވެ. ނަމަވެސް މޫސަ އަށް ކުރެވުނު ކުށަކީ ކުރިއަށް އޮތް ރިޔާސީ ޕްރައިމަރީގައި ވާދަކުރާނެ ކަމަށް އިއުލާން ކުރުންތޯ އެވެ؟ ނޫނީ ޕާޓީގެ ބައެއް ނިންމުންތަކާ ބެހޭ ގޮތުން އަނގަގަދަ ކުރެވުންބާ އެވެ؟ ނުވަތަ "އެޅިހާ ބަތަކަށް ރިހަ" ކިޔަމުން ނުދިޔައީމަތޯ އެވެ؟ ހައްތަހާ ވެސް ސުވާލެވެ. މާޒީ ބުނެދެނީ އެހެންވާހަކައެކެވެ؟

އެމްޑީޕީގެ ވިޕްލައިނާ ހިލާފުވި ކަމަށް ބުނެ، ރީކޯ މޫސަ އެ ޕާޓީގެ މެމްބަރު ކަމުން ވަކިކުރީ، ތްރީލައިން ވިޕްތަކާ ތަކުރަރާރުކޮށް އޭނާ ހިލާފުވެފައި ވާތީ އެވެ. އެއާ އެކު ފިޔަވަޅު އަޅާ ކޮމިޓީން އެ މައްސަލަ ބަލަމުން ދިޔައިރު އެ ކޮމިޓީއަށް އެއްވެސް ވަރަކަށް މޫސަ އެއްބާރުލުން ނުދިނުމުންނެވެ. މޫސަ ޕާޓީން ވަކިކުރުން ވެގެން ދިޔައީ އެމްޑީޕީގެ ތާރީހުގައި ވެސް ވިޕްލައިނާ ހިލާފު ވެގެން އެޅި އެންމެ ހަރުކަށި ފިޔަވަޅަށެވެ. މީގެ ކުރިން ވެސް އެތައް މެމްބަރަކު އެ ޕާޓީގެ ވިޕްލައިނާ ހިލާފުވެފައިވެ އެވެ. އެ ޕާޓީގެ ތާރީހުގައި ބައެއް މެމްބަރުން "ބަޓަން އޮޅިގެންނާއި" ސީދާ ފާޅުގައި ވެސް އެ ޕާޓީގެ ވިޕްލައިނާ ހިލާފްވެފައިވެ އެވެ. ނަމަވެސް އެފަހަރުތަކުގައި އެފަދަ ހަރުކަށި ފިޔަވަޅުތައް އެޅިތަން ނުފެނެ އެވެ.

މޫސަ ޕާޓީން ވަކި ކުރީ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމަށް މަޖިލީހުގައި ވޯޓަށް އެހުމުގެ ކުރިން އެމްޑީޕީން ނެރުނު ވިޕްލައިނާ ހިލާފުވި ކަމަށް ބުނެ އެވެ. މޫސަގެ އިތުރުން ވިޕްލައިނާ ހިލާފުވި އަނެއް ފަސް މެމްބަރުންނާ މެދު ވަނީ ލުއި ފިޔަވަޅުތަކެއް އަޅާފަ އެވެ. ދެން އޮތީ އެއަށް ވުރެ ބޮޑު ޖޯކެއްގެ ވާހަކަ އެވެ.

ހުރިހާ އަދަބެއް އާހިރުގައި މި ލިބުނީ މޫސަ އަށެވެ. ފުރަތަމަ ކަމަކަށް ކޯޓުތަކުގެ ގާނޫނަށް އިސްލާހު ހުށައަޅާފައި ވަނީ މަޖިލީހުގައި އެމްޑީޕީ ތަމްސީލް ކުރައްވާ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު (މަވޯޓާ) އެވެ. ޝަރީފުގެ ފިކުރާއި އެމްޑީޕީގެ ފިކުރާ ތަފާތުވީ އެވެ. ނަމަވެސް އާހިރުގައި ގޯސްވެފައި ވަނީ ވޯޓު ލީވަގުތު މަޖިލީހަށް ހާޒިރުނުވި މެމްބަރުންނެވެ. އޭގެ ތެރެއިން ވެސް ބޮޑު އަދަބު ލިބުނީ 2018 ގެ ރިޔާސީ ޓިކެޓަށް އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރާނެ ކަމަށް އިއުލާން ކުރައްވާފައިވާ މޫސާ މަނިކަށެވެ.

އެމްޑީޕީ އިން ބުނި ގޮތުގައި ޕާޓީން އިއްޔެ ވަކި ކުރި މޫސަ އަލުން ޕާޓީއާ ގުޅެން ބޭނުންވެއްޖެ ނަމަ އެކަން ކުރެވޭނީ އޭނާއާ އެކު އިތުރު 50 މެމްބަރުންގެ ސޮއާ އެކު މެމްބާޝިޕް ފޯމް ހުށަހެޅުމުންނެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށް ވެސް ބުނެފައިވެ އެވެ. އެންމެ އަޖައިބު ކުރުވަނިވި ކަމަކަށް އެ ޕާޓީ އިން ބުނެފައި ވަނީ މޫސަ އަލުން އެ ޕާޓީ އަށް ގުޅިވަޑައިގަންނަވާ ތާރީހުން ފެށިގެން ފަސް އަހަރު މުއްދަތުގެ ތެރޭގައި އެ ޕާޓީގެ އެއްވެސް މަގާމަކަށް ވާދަ ނުކުރެވޭނެ ކަމަށެވެ. މިއީ ރިޔާސީ ޕުރައިމަރީ އަށް އެޅި ހުރަހެއް ކަމަށް ބެލެވޭނެ ފުރުސަތު އެބައޮތެވެ. މިއީ މޫސަ ޕާޓީ އިން ވަކިކުރި ހަގީގީ ސަބަބުކަމަށް ބެލެވޭނެ ފުރުސަތު މިކަމުން ވެސް އެބައޮތެވެ.

މޫސަ ޕާޓީ އިން ވަކި ކޮށްލީ އެވެ. ނަމަވެސް އޭނާ އެ ޕާޓީ އަށް ކޮށްދިން ހިދުމަތުގެ ވާހަކައެއް މިއަދަކު ނުދައްކަ އެވެ. އެއީ އެމްޑީޕީ އަށް ވެރިކަން ލިބުނު އިރު އެޕާޓީގެ ޗެއާޕާސަން އެވެ. މޫސަ އަކީ އެމްޑީޕީ އަޑިއަޅާލާ ކޮންމެ ހިދެއްގައި އެޕާޓީ ކޮޅަށް ޖެހުމަށް އެންމެ ބޮޑު ދައުރެއް އަދާކޮށްފައިވާ އެއް ބޭފުޅާ އެވެ. ސަޕޯޓަރުން ހިތް މަރުވާ ކޮންމެ ފަހަރަކު އޭނާގެ "ޖާޒުބީ ސިޔާސީ" ވާހަކައިން އެ ސަޕޯޓަރުން ކައްކުވާލުމުގައި އެތައް ހިދުމަތެއް މޫސަގެ ފަރާތުން ފެނިފައިވެ އެވެ. ހަމައެހެންމެ 2009 ވަނަ އަހަރުން ފެށިގެން 2011 ވަނަ އަހަރުގެ ނިޔަލަށް އެމްޑީޕީ ޕާލަމެންޓުރީ ގްރޫޕުގެ ލީޑަރުކަން ކޮށްފައިވާ މޫސައަކީ އެމްޑީޕީގެ ހައްގުގައިނުކުމެ އުޅުމުގެ ތެރެއިން އެންމެ ބޮޑަށް ހާނިއްކަވި އެކަކެވެ.

ވޭތުވެ ދިޔަ ކުރު މާޒީގައި އެމްޑީޕީގެ ތެރެއިން ކުރިއަރަން މަސައްކަތްކުރި ފަރާތްތަކަށް ޖެހުނު ދަތުރު ހަދާން ކޮށްލަން މިއީ ރަނގަޅު ދަނޑިވަޅެކެވެ. އެ ޕާޓީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ ފުރަތަމަ ރައީސަކަށް ހޮވި ވަޑައިގެންނެވީ އިބްރާހިމް އިސްމާއީލް (އިބްރާ) އެވެ. އޭނާ އަށް އެމަގާމްގައި ހުންނެވުނީ 132 ދުވަހު އެވެ. ދެން ރައީސްކަމާއި ހަވާލުވި ޑރ. މުހައްމަދު މުނައްވަރަށް އެމަގާމުގައި ހުންނެވުނީ 437 ދުވަހު އެވެ. ތަފާތު ފިއްތުންތަކުގެ ސަބަބުން ކަމަށް ވިދާޅުވެ އެދެ ބޭފުޅުން ވެސް އިސްތިއުފާދެއްވީ އެވެ. ދެން އެމަގާމާއި ހަވާލުވެވަޑައިގަތީ ޑރ. އިބްރާހިމް ދީދީ (ޑީޑީ) އެވެ. އޭނާ އަށް އެމަގާމުގައި ހުންނެވުނީ އެއް އަހަރު ދުވަހު އެވެ. ކުއްލި ގޮތަކަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއަކުން އިތުބާރު ނެތް ކަމަށް ފާސްކޮށް ޑީޑީ އެމްޑީޕީގެ ރައީސް ކަމުން ވަކި ކުރެއްވީ އެވެ. އުފެދޭ ސުވާލަކީ އެމްޑީޕީގެ އިސް މަގާމްތަކަށް އިންތިހާބުވެ ވަޑައިގެން ފަރާތްތަކަށް މަގާމުގައި ދެމި ނުހުންނެވުނީ ކީއްވެގެން ހެއްޔެވެ؟

އެމްޑީޕީގެ ރައީސްގެ މަގާމުން އިސްތިއުފާދެއްވާފައިވާ ބޭފުޅުން އެކަން އަންގައި ފޮނުވި ސިޓީތަކުގައި މުޅިންހެން ވިދާޅުވެފައި ވަނީ ރައީސްގެ މަގާމުން އިސްތިއުފާ ދެއްވަނީ ޕާޓީގެ ތެރޭގައި ހިނގާ ޑިމެކްރެޓިކް ނޫން ނުފޫޒުތަކުގެ ސަބަބުން ކަމަށެވެ. އަދި ވިދާޅުވެފައި ވަނީ އެކަމުގެ ސަބަބުން މަސައްކަތް ކުރެވެން ނެތުމާ އެކު އެ މަގާމުގައި އެބޭފުޅަކު ދެމިހުންނެވުމަކީ އަދި ޕާޓީގެ މެންބަރެއްގެ ގޮތުގައި ހުންނެވުމަކީ ޒަމީރު ގަބޫލުކުރެއްވޭ ކަމަކަށް ނުވާތީ ޕާޓީގެ ރައީސް ކަމުން އިސްތިއުފާދެއްވައި މެންބަރުކަމުން ވަކިވެވަޑައިގަތީ ކަމަށެވެ.

ކޮންމެ ފަހަރަކު ވެސް އެއްހާލެކެވެ. އެމްޑީޕީގެ އެންމެ މަގުބޫލް ފަރާތަކަށް ވުމުގެ މަގު ފަހިވާ ފަރާތަކަށް ނުވަތަ ޕާޓީގެ އިސް މަގާމު ލިބޭ ކޮންމެ ބޭފުޅެއް ވަކި ހިސާބަކުން "އެހެލަނީ" އެވެ. ރައީސް ނަޝީދަށް ފާޑެއް ކިޔާ ނަމަ ނުވަތަ އެބޭފުޅާއާ ވާދަކުރައްވައިފާނެހެން ހީވާ ކޮންމެ ފަހަރެއްގައި އެބޭފުޅަކު ޖެހެނީ ޕާޓީއާ ދުރަށް ދާށެވެ. ބައެއް ފަހަރު ނޫސް މަޖައްލާތައް ބޭނުން ހިފައި ބޭޒާރު ކުރަނީ އެވެ. އަނެއްބައި ފަހަރު ޕާޓީގެ އާންމު މެމްބަރުން ލައްވައި އެފަރާތެއް ފަހަތުން "ފަހާ ދުވަނީ" އެވެ. ދުރަށް ދާންޖެހުނު ފަރާތްތަކުގެ ބަހުން ބުނާ ނަމަ އެކަން ވަނީ ރައީސް ނަޝީދުގެ ނުފޫޒް ޕާޓީގެ ތެރޭގައި ބޮޑުވުމުންނެވެ. އެ ވިދާޅުވެވެނީ ރައީސް ނަޝީދުގެ ބާރުގަދަވެ އެހެން ލީޑަރަކަށް ވެސް ބާރަކަށް ވެސް އެމްޑީޕީގައި ފުރުސަތެއް ނެތް ކަމަށެވެ.

"2018 ރައީސް ނަޝީދަށް ކާމިޔާބް ކުރުމަށްޓަކައި ރައީސް ނަޝީދަށް އޮތް ހަމައެކަނި ގޮތަކަށް ވާނީ އަޅުގަނޑު ޕާޓީއިން ވަކިކުރުން،" ރީކޯ މޫސަ ސަން އަށް ވިދާޅުވި އެވެ.

އެމްޑީޕީގެ ރައީސްކަން ކުރެއްވި ތިން ބޭފުޅުންނަށާއި ރީކޯ މޫސާ މަނިކަށް ޖެހުނު ހާލުން އަޑުހަރުކޮށް "އެމްޑީޕީގެ ތެރޭގައި ވަކި މީހެއްގެ ނުފޫޒް" ގަދަކަމަށް މިދެކެވޭ ވާހަކައިގައި ހަގީގަތެއް ވާކަމަށް ބެލެވެން އެބައޮތެވެ. މާޒީ އެކަމަށް ހެކިދެ އެވެ. އެ ޕާޓީގެ ވަކި ހިސާބަކުން މުޅިން ވެސް ފެންނަމުން ދަނީ ވަކި މީހަކަށް ވުރެ ކުރިއަރަން އުޅޭ ނަމަ "އެހަލާ" މަންޒަރެވެ. ޕާޓީ ވެފައިވަނީ ނަޝީދުގެ މިލްކަކަށެވެ.