މީރާ އިން އަލަށް ތައާރަފުކުރި ޓެކްސް އޭޖެންޓުކަން ކުރުމަށް ކުރިމަތިލީ ފަރާތްތަކުގެ ތެރެއިން ޝަރުތު ހަމަވި ފަރާތްތަކަށް މީރާ އިން ލައިސަންސް ދޫކޮށްފި ކަމަށް އެ އޮތޯރިޓީ އިން ބުނެފި އެވެ.

އިއްޔެ އެ އޮތޯރިޓީގައި އޮތް ހަފުލާއެއްގައި އޭޖެންޓުންނަށް ސެޓްފިކެޓް ހަވާލުކޮށް ދެއްވީ ޑެޕިއުޓީ ކޮމިޝަނަރު ޖެނެރަލް އޮފް ޓެކްސޭޝަން ހަސަން ޒަރީރު ކަމަށް އެ އޮތޯރިޓީ އިން ބުންޏެވެ.

މިދިޔަ ބުރާސްފަތި ދުވަހު ގެޒެޓްކުރި "ޓެކްސް އޭޖެންޓުންގެ ގަވާއިދު"ގެ ދަށުން މީރާގައި ޓެކްސް އޭޖެންޓުން ރަޖިސްޓަރީކުރުމުގެ ފުރުސަތު އަދި ވެސް ހުޅުވިފައިވާ ކަމަށާއި އެ ކަމަށް އެދޭ ފަރާތްތަކުން ޓެކްސް އޭޖެންޓުކަން ކުރުމުގެ ހުއްދައަށް އެދޭ ފޯމު ފުރިހަމަކުރުމަށް ފަހު މީރާ އަށް ހުށަހެޅުމަށް އެދޭ ކަމަށް ވެސް މީރާ އިން ބުންޏެވެ.

މީރާ އިން ބުނީ ޓެކްސް އޭޖެންޓުން ދެ ކެޓަގަރީއަކަށް ބެހިފައިވާ ކަމަށާއި އެ ދެ ކެޓަގަރީއަށް ވެސް ހުއްދަ ދޫކުރަނީ މީރާ އިންދޭ އިމްތިހާނަކުން ފާސްވުމުގެ އިތުރުން، ކެޓަގަރީ ދެ ގެ ޓެކްސް އޭޖެންޓުން މީރާ އިން ހިންގާ ކޯހެއް ފުރިހަމަކުރުމުން ކަމަށެވެ.