23 Dec 2014, 10:58
ގައުމުގެ ސަފުތައް ރޫޅި، ތަރައްގީގެ ދުވެލި މަޑުޖެހި، މިނިވަންކަމަށް ލޮޅުމެއް އަތުވެދާނެ އެއްވެސް ކަމަކަށް ޖާގަ ނުދިނުމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ.
މިއަދަކީ ރާއްޖޭގެ ގައުމީ ދުވަސްކަމުގައިވުމާ އެކު ދުވަހުގެ މުނާސަބަތުގައި ދެއްވި ޚިތޯބެއްގައި އިސްލާމިކް މިނިސްޓަރު ވިދާޅުވީ ގައުމެއް ކުރިއަރައިދާނީ އެގައުމެއްގައި އެކުވެރިކަމާއި އެއްބައިވަންތަކަން އޮވެގެން، އިޖުތިމާއީ އަދާލަތު ގާއިމްކުރެވިގެން ކަމަށެވެ. ހަމައެހެންމެ ގައުމު ބިނާކުރުމުގައި ގައުމުގެ އެންމެހައި އަފްރާދުން ބައިވެރިވެ ޒުވާނުންނަށް ފުރުސަތު ވެސް ދޭންޖެހޭ ކަމަށާއި އެއިންކަމަކަށް އުނިކަމެއް އަތުވެއްޖެ ނަމަ އެ ގައުމެއްގައި ހަމަޖެހުމެއް ނޯންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ދިވެހި އުންމަތުގެ އަޖުދާދުންގެ ޒިކުރާތަކުން އަޅުގަނޑުމެންނަށް ގިނަގުނަ އިބުރަތްތެރި ދަރުސްތަކެއް ލިބޭ ކަމަށާއި އޭގެ ތެރޭގައި އިސްލާމްދީނުގައި ހިފެހެއްޓުމާއި ގައުމަށް ދިމާވާ ގޮންޖެހުންތަކުން ގައުމު ސަލާމަތްކުރުމުގައި އެކުވެރިކަމާއި، ހިތްވަރާއި އަޒުމުގައި ކަންކަންކުރުން ފަދަ ފިލާވަޅުތައް ހިމެނޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ދިވެހިރާއްޖޭގެ ރައްޔިތުންގެ އެއްބައިވަންތަކަމާއި، އެއްބައެއްވަންތަަކަން ބިނާވެފައި ވަނީ މާތްވެގެންވާ އިސްލާމްދީނުގެ ހަރުދަނާ އުސޫލުތަކުގެ މަތީގައިކަން ކަށަވަރު. މިހެންކަމުން މިމަތިވެރި އަސާސް ދެމެހެއްޓުމާއި، އެ އަސާސް ހިމާޔަތްކުރުމަށް ޓަކައި މަސައްކަތް ކުރުމަކީ ދިވެހި އުންމަތުގެ ކޮންމެ ޖީލެއްގެ މައްޗަށް އޮތްް ގައުމީ ވާޖިބެއް،" އިސްލާމިކް މިނިސްޓަރު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ ތަރައްގީގެ އާ އުސްމިންތަކަކަށް ވާސިލުވުމަށް ޓަކައި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުުލްގައްޔޫމް ކުރައްވަމުންް ގެންދަވާ ބުރަ މަސައްކަތަށް ރައްޔިތުންގެ ތާއީދާއި އެހީތެރިކަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ދިވެހި ގައުމާއި މުސްތަގުބަލުގެ ޖީލުތަކަށްޓަކައި ރައީސް ޔާމީނަށް އެހީތެރިކަން ދެއްވުމަށް އިސްލާމިކް މިނިސްޓަރު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންްފަ އެވެ.