ރާއްޖޭގައި ޓެރަރިސްޓުން ތިބިކަމަށް ބުނެ ދަވީކް މަޖައްލާގައި ޝާއިއު ކުރި ލިޔުމާ ގުޅިގެން އިންޑިޔާއަށް ބޭސްފަރުވާ އަށާއި އެހެނިހެން ބޭނުންތަކަށްދާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިވަމުންދާ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.

އަދާލަތު ޕާޓީގެ ވެބްސައިޓުގައި ބުނަނީ، މިދިޔަ މަހުގެ 29 ވަނަ ދުވަހު އިންޑިއާއިން ރާއްޖެ އައި ދިވެއްސެއްގެ ޕާސްޕޯޓުގައި އެ ގައުމަށް ދެ މަސްދުވަސް ވަންދެން ދަތުރު ނުކުރެވޭނެ ގޮތަށް އެންޑޯސްމަންޓް ތައްގަނޑެއް ޖަހާފައިވާކަމަށެވެ. އަދި އެމީހާ އާއި ހަވާލާދީ އަދާލަތުގެ ރަސްމީ ވެބްސައިޓްގައި ބުނަނީ، އެ މައްސަލައިގައި އިންޑިޔާގެ އިމިގްރޭޝަން އާ ސުވާލުކުރުމުން އެއީ ސެކިއުރިޓީ ސަބަބުތަކަކަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް އިމިގްރޭޝަނުން އޭނާ ގާތުގައި ބުނިކަމަށެވެ.

އިންޑިޔާގެ އިމިގްރޭޝަނުން އެމީހާގެ ޕާސްޕޯޓުގައި ޖަހާފައިވާ ތައްގަނޑު ފެންނަގޮތަށް އަދާލަތުގެ ވެބްސައިޓްގައި ވަނީ ފޮޓޯއެއް ވެސް ޖަހައިފަ އެވެ.

އިންޑިޔާގައި އިނގިރޭސި ބަހުން ނެރޭ މަޖައްލާއެއް ކަމަށްވާ "ދަވީކް"ގެ 16 ޖެނުއަރީގެ އަދަދުގައި ލިޔެފައިވާ ލިޔުމުގައި ވަނީ މުމްބާއީއަށް ދިން ބޮމުގެ ހަމަލާތަކާ ސީދާ ދިވެހިންނާއި ގުޅުންތަކެއް ވާކަމަށާއި ރާއްޖޭގައި ފުޅާދާއިރާއެއްގައި ޓެރަރިސްޓު ހަރަކާތްތައް ހިންގާ މީހުން އުޅޭ ކަމަށެވެ.

"ދަ މެލްވޮލަންޓު" ގެ ނަމުގައި ލިޔެފައިވާ އެލިޔުމަށް ޑެޕިއުޓީ ކޮމިޝަނާ އޮފް ޕޮލިސް އަހުމަދު މުނީރު ދެއްވާފައިވާ އިންޓަވިއުގައި ވިދާޅުވެފައިވަނީ، ރާއްޖޭގައި ތިއްބެވި ބައެއް ދީނީ ދަންނަ ބޭކަލުންގެ ތަގުރީރުތަކުގައި ހައްދުފަހަނަ އަޅައި ދިޔުމަށް ތަރުހީބު ދޭ ކަމަށާއި އެކަމުގެ ހެކި ވަރަށް ފާޅުކޮށް ރާއްޖެއިން ފެންނަމުންދާ ކަމަށެވެ. އަދި އެކަމާއި ކަންބޮޑުވާކަމަށް މުނީރު ވަނީ ވިދާޅުވެ ފައެވެ. އެ ލިޔުމުގައި ރާއްޖޭގައި ތިއްބެވި މަޝްހޫރު ދެ ދަންނަ ބޭކަލުން ކަމުގައިވާ ޝެއިޚް އިބްރާހިމް ފަރީދާއި ޝެއިޚް އިލްޔާސް ހުސެއިން އަކީ ހައްދުފަހަނަ އަޅާފައިވާ ދެމީހުން ކަމަށްވެސް ވަނީ ސިފަކޮށްފަ އެވެ.

މީގެ ކުރިން އަދާލަތު ޕާޓީންނާއި މަދަނީ ޖަމްއިއްޔާއެއް ކަމަށްވާ އިސްލާމިކް ފައުންޑޭޝަން އޮފް ދަ މޯލްޑިވްސް (އައިއެފްއެމް)ން ވަނީ ސަރުކާރުގެ އިސްވެރިންގެ ވާހަކަތައް އެފަދަ ގޮތަކަށް ހުރުމުން ބޭރު ގައުމުތަކުގައި ދިރިއުޅެމުން އަންނަ ދިވެހިންނަށް އެކަމުގެ ނޭދެވޭ އަސަރުކުރާނެ ކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކޮށްފަ އެވެ.

ޕާސްޕޯޓުގެ މައްސަލައިގައި އިތުރު މައުލޫމާތު ސާފުކުރުމަށް ކޮންޓްރޯލާ އޮފް އިމިގްރޭޝަން އިލްޔާސް ހުސެއިން އަށް މިއަދު ގުޅާލުމުން ވިދާޅުވީ، "ދޭނެ މައުލޫމާތެއް ނެތް" ކަމަށާއި "މައުލޫމާތެއް ދޭން އޮވެއްޖެއްޔާ ގުޅުއްވާނެ" ކަމަށެވެ. އަދި އެވަގުތު އުޅުއްވަނީ "ވަރަށް ވެސް ބިޒީ" ކޮށް ކަމަށް ވިދާޅުވެ، ވަނީ ފޯނު ކަނޑުއްވައިލައްވައިފަ އެވެ.