އޮސްޓްރޭލިއާ ސަރުކާރުން ރާއްޖެ އަށްދޭ ހިލޭ އެހީގެ ދަށުން މަތީ ތައުލީމުގެ ފުރުސަތު ރާއްޖޭގެ 33 ދަރިވަރަކަށް ދީފި އެވެ.

ރާއްޖޭގައި އޮސްޓްރޭލިއާގެ ސްކޯލަޝިޕްގެ ކަންތައް ހިންގެވުމާ ހަވާލުވެ ހުންނެވި، ކަންޓްރީ ސްކޮލާޝިޕް ކޯޑިނޭޓަރު ޑރ. އިބްރާހީމް ހަސަން (ޗަބީ) ވިދާޅުވީ އޮސްޓްރޭލިއާ ހިލޭ އެހީގެ ދަށުން އަންނަ އަހަރު މާސްޓާ ޑިގްރީ އަށް ކިޔެވުމަށް 20 ދަރިވަރަކަށާއި ފުރަތަމަ ޑިގްރީ އަށް ކިޔެވުމަށް 13 ދަރިވަރަށް ފުރުސަތު ދީފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޮސްޓްރޭލިއާ ސްކޯލާޝިޕް މިފަހަރު ދީފައިވާ މައިގަނޑު ދާއިރާތަކަކީ އެޑިއުކޭޝަނާއި އެންވަޔަރަންމެންޓް އަދި ގަވާނެންސް އެންޑް ޕަބްލިކް އެޑްމިނިސްޓްރޭޝަންގެ ދާއިރާ ކަމަށެވެ.

އޮސްޓްރޭލިއާގައި މަތީ ތައުލީމަށް ކިޔެވުމަށް ފުރުސަތު ލިބުނު ދަރިވަރުންނަށް މިރޭ ޓްރޭޑާސް ހޮޓަލުގައި ވަނީ ހަފްލާއެއް ވެސް ބާއްވާފަ އެވެ. އެ ހަފްލާގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުން ތައުލީމާ ބެހޭ ވަޒީރު ޑރ. އައިޝަތު ޝިހާމް ބައިވެރިވެވެޑައިގެންނެވި އިރު އޮސްޓްރޭލިއާ އިން ސްރީލަންކާ އާއި ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޮބީން މޫޑީ އާއި އެންވާރަމަންޓް މިނިސްޓަރު ތޯރިގް އިބްރާހިމް ވެސް ހަފްލާގައި ބައިވެރިވެވަޑައިގަތެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވިދާޅުވީ، ތަރައްގީއަށް ޓަކައި ތައުލީމުގެ ބޭނުން ހިފަން ބޭނުންވާ ކަމަށާއި އެ ވިސްނުމުގައި ގައުމުގެ ތަރައްގީ އަށް އެކަށީގެންވާ ގޮތަށް މަތީ ސާނަވީ ތައުލީމު ވަރުގަދަ ކުރުމަކީ އިސްކަންދޭ ކަމެއް ކަމަށެވެ.

އެގޮތުގެ މަތިން ސިސްޓަމެޓިކްކޮށް މައްސަލަތައް ހައްލު ހޯދުމަށް މަތީ ތައުލީމާ ބެހޭ މާސްޓާ ޕްލޭނެއެއް ސަރުކާރުގެ ފަރާތުން ކުރިއަށް އޮތް ހަ މަސް ދުވަސް ތެރޭގައި އެކުލަވައިލާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.

ރާއްޖޭގެ ބޮޑު އާބާދީއަކީ ޒުވާނުން ކަމަށް ފާހަގަކުރައްވައި އައިޝަތު ޝިހާމް ވިދާޅުވީ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ހޯދައި ދިނުމާއި މަސައްކަތުގެ ހުނަރު ޒުވާނުންނަށް ދަސްކޮށްދިނުމަކީ މި ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު ވަރަށް އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

ރާއްޖޭގެ ހިއުމަން ރިސޯސް މެނޭޖްމަންޓް ދާއިރާ ތަރައްގީކޮށް ފުޅާކުރުމަށް އޮސްޓްރޭލިއާ ސަރުކާރުން ވެދެއްވަމުން އަންނަ އެހީތެރި ކަމަށް ދިވެހި ސަރުކާރުގެ ފަރާތުން އެޑިޔުކޭޝަން މިނިސްޓަރު ވަނީ އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރުއަދާކުރައްވައިފަ އެވެ.

ރާއްޖޭގެ ސަރުކާރާއި ސަރުކާރު ނޫން ތަންތަނާއި އަމިއްލަ ފަރުދުންންނާއި އެކިއެކި މުއައްސަސާތައް ތަރައްގީކޮށް ހަރުދަނާ ކުރުމުގެ މަގުސަދުގައި އޮސްޓްރޭލިޔާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ރާއްޖެ އަށް ކޮންމެ އަހަރަކު ވެސް ވަކި ދާއިރާތަކަކުން މަތީތައުލީމު ހާސިލްކުރުމުގެ ފުރުސަތުތައް ދެމުން ގެންދަވަ އެވެ.

އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕްސްގެ ދަށުން މިދިޔަ އަހަރު ވެސް ރާއްޖޭގެ 33 ދަރިވަރަކަށް މަތީ ތައުލީމު ހާސިލު ކުރުމުގެ ފުރުސަތު ދީފައިވެ އެވެ.