22 Dec 2014, 22:59
ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފުގެ ނަމުގައި ނ. އަތޮޅުގައި ކުރިޔަށް ގެންދާ "ޢަލީ މައުރޫފު އިންވިޓޭޝަނަލް ފުޓުބޯޅަ ޓޯނަމެންޓް" ގައި މިއަދު ކުޅުނު މި މުބާރާތުގެ ފަސް ވަނަ މެޗު މާޅެންދޫ ކާމިޔާބުކޮށްފި އެވެ.
މާޅެންދޫ ޓީމުން މި މެޗު ކާމިޔާބުކުރީ ކެނދިކުޅުދޫ ކޭކޭ ސްޓާ އާއި ބައްދަލުކޮށް 3-1 އިންނެވެ.
މި މެޗުގެ ފުރަތަމަ ލަނޑު މާޅެންދޫ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު 5، ހަސަން އަބްދުއްރަހީމް އެވެ. ދެވަނަ އަދި ތިން ވަނަ ލަނޑު ކާމިޔާބުކޮށްދިނީ ޖޯޒީ ނަންބަރު 13، މޫސާ ހަސަން އެވެ. ކޭކޭ ސްޓާ އަށް ލަނޑު ޖަހައިދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު 7، އަހުމަދު އައްޝަމް އެވެ.
މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ މާޅެންދޫ ޓީމަށް ދެގޯލު ކާމިޔާބުކޮށްދިން މޫސާ ހަސަން އެވެ. އޭނާ އަށް މޭން އޮފްދަ މެޗުގެ އިނާމު ދެއްވީ މިއަދުގެ މެޗުގެ ޝަރަފުވެރި މެހެމާނު، ނ. ކުޑަފަރީ، އާދަމް ނަސީމް އެވެ.

މި މުބާރާތުގެ މެޗުތައް ކުރިޔަށް ދަނީ ނ. ކުޑަފަރީ ރަސްމީ ބޯޅަ ދަނޑުގަ އެވެ.
މި މުބާރާތުގައި ވާދަކުރަނީ ޖުމުލަ އަށް ޓީމެވެ. އެއީ، ކުޑަފަރީ އާއި މާޅެންދޫ އާއި ހެނބަދޫ އާއި ލަންދޫ އާއި މަނަދޫ އަދި ޅޮހި މީން ކޮންމެ ރަށަކުން އެއް ޓީމާއި ކެނދިކުޅުދޫ އިން ދެ ޓީމެވެ. ކެނދިކުޅުދޫން ވާދަކުރަނީ ކޭކޭ ސްޓާ އަދި ކޭކޭ ޔުނައިޓެޑެވެ.
ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނައަޕް ޓީމަށް 15،000 ރުފިޔާ އަލީ މައުރޫފު ވަނީ ހުށަހަޅުއްވައިފަ އެވެ.