އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ވިޕްލައިނާ ހިލާފުވި މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު އެ ޕާޓީން ވަކިކޮށްފައި ވާތީ، ކުރީގެ ރައީސް މުހައްމަދު ނަޝީދު ގެކޮޅު ކައިރިއަށް އެއްވެ ބަޔަކު އަޑު އުފުލައިފި އެވެ.

މ. ކެނެރީގެ ހުންނަ ގޯޅި ކަންމައްޗަށް އެއްވެ މުޒާހަރާ ކުރީ 10 ވަރަކަށް ޒުވާނުންނެވެ. އެއްވުމުގެ ބައިވެރިން އަޑުއުފުލާފައި ވަނީ އެމްޑީޕީ ތެރޭގައި އިންސާފު ގާއިމް ކުރުމަށާއި ރީކޯ މޫސަ އަނބުރާ އެމްޑީޕީ އަށް ގެނައުމަށެވެ.

މުޒާހަރާގެ ބައިވެރިއަކު ބުނީ ރީކޯ މޫސައަކީ އެމްޑީޕީއަށް ބޮޑެތި ގުރުބާނީތަކެއް ވެފައިވާ މެމްބަރެއް ކަމަށާއި އޭނާ ޕާޓީން ވަކިކޮށްގެން ނުވާނެ ކަމަށެވެ. އަދި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ހިލާފުވެވަޑައިގެންނެވި ހަ މެމްބަރުންގެ ތެރެއިން ހަމައެކަނި މޫސަ އެމްޑީޕީން ވަކިކުރުމުން އެކަމާ އެ މީހުން ވަނީ ކަންބޮޑުވުންފާޅުކޮށްފަ އެވެ.

މުޒާހަރާގެ ބޭނުމަކީ އެމްޑީޕީގެ ތެރޭގައި ހަމަހަމަ ކަމެއް ނެތި، މޫސަ ޕާޓީން ވަކިކުރުމުން އެކަން ރައީސް ނަޝީދުގެ ސަމާލުކަމަށް ގެނައުން ކަމަށް މުޒާހަރާގެ ބައިވެރިޔަކު ބުންޏެވެ.

ކެނެރީގޭ ސަރަހައްދުގެ މަޖީދުމަގުގައި މިރޭ 9:30 އިން ފެށިގެން ކުރަމުން ގެންދިޔަ މުޒާހަރާ އަށް އެއްވެސް ފަރާތަކުން ހުރަސް އަޅާފައެއް ނުވެ އެވެ. އަދި އެ ސަރައްދުގައި ޓްރެފިކް ބެލެހެއްޓުމަށް ފުލުހުން އެ ސަރަަހައްދުގައި ހަރަކާތްތެރިވި އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒް ހުސައިން އާއި ފަނޑިޔާރު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި ވޯޓުގައި މޫސަގެ އިތުރުން އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕްގެ ފަސް މެމްބަރަކު ބައިވެރިވެވަޑައެއް ނުގެންނަވަ އެވެ. ނަމަވެސް އެ ޕާޓީން ވަކިކުރީ މޫސަ އެކަންޏެވެ. މޫސަ ޕާޓީން ވަކިކުރަން ނިންމީ ޕާޓީގެ ޕީޖީ ގްރޫޕުން ނެރެފައިވާ ތުރީލައިން ވިޕްތަކާ ތަކުރަރާރުކޮށް ހިލާފުވެފައި ވާތީ އެމްޑީޕީން ވަނީ ބުނެފަ އެވެ.