22 Dec 2014, 22:43
ތައުލީމީ ދާއިރާ އިން ރާއްޖެ އަށް އެހީތެރިވުމަށް ތައްޔާރަށް އޮތް ކަމަށް އޮސްޓްރޭލިއާ ސަރުކާރުން ބުނެފި އެވެ.
"އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕްސް 2015" އިން މަތީ ތައުލީމު ހާސިލްކުރުމުގެ ފުރުސަތު ލިބުނު ރާއްޖޭގެ 35 ދަރިވަރުންނާ ބައްދަލުކުރެއްވުމަށް މިރޭ ޓްރޭޑާސް ހޮޓެލްގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ، ރާއްޖެ އަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ރޮބީން މޫޑީ ވިދާޅުވީ ތަރައްގީގެ މަގުގައި ދުނިޔޭގެ ގައުމުތަކާ އޮސްޓްރޭލިއާއާ ދެމެދު އޮންނަ ގުޅުމުގެ އެންމެ މުހިއްމު އެއް ކަމަކީ ތައުލީމު ކަމަށެވެ.
"... ތަރައްގީގެ މަގުގައި އޮސްޓްރޭލިއާއި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ ގައުމުތަކާ ދެމެދު އޮންނަ ގުޅުމުގައި ތައުލީމަކީ އެންމެ މުހިއްމު އެއް ކަންތައް. ދިވެހި ރާއްޖޭގައި ތައުލީމު ދިނުމަށް އެހީތެރިވެދިނުމަށް އަޅުގަނޑުމެން މިތިބީ ތައްޔާރަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ އޮސްޓްރޭލިއާ އިން ދިން ތައުލީމީ ފުރުސަތުގެ އަސަރު ގައުމުތަކުގެ ތަރައްގީގައި ފެންނަމުން އަންނާތީ އެކަމާ ފަހުރުވެރިވެވަޑައިގަންނަވާ ކަމަށެވެ.
އޮސްޓްރޭލިއާ އިން ދިން ސްކޮލަޝިޕް ފުރުސަތުތަކުގައި ކިޔަވައި ވިދާޅުވެގެން ތިއްބެވި ގިނަ ބޭފުޅުންތަކެއް ރާއްޖޭގައި އިސް މަގާމުތަކުގައި ތިއްބަވާތީ އުފާ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އަދި މިފަހަރުގެ ސްކޮލަޝިޕް ފުރުސަތު ލިބުނު ކުދިން ތަފާތު ގިނަ ދާއިރާތައް އިހުތިޔާރުކޮށްފައި ވާތީ އެކަމާ އުފާ ކުރައްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.