ލ. މާވަށުގެ އަންހެނަކު ވިހެވުމަށް ފަހު، އެ ކުއްޖާ ބަލާނެ އާއިލާއެއް ހޯދަން ސޯޝަލް މީޑިއާގައި އާއްމު ކުރުމާ ގުޅިގެން އެ ކުއްޖާ ހޯދަން އާއިލާ އަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފި އެވެ.

ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިދާތާ ޝަރީފް މިރޭ 'ސަން' އަށް ވިދާޅުވީ މާވަށުގައި އަންހެނަކު ވިހެއި އެ ތުއްތު އަންހެން ކުއްޖާ ބޭނުންވެގެން އާއިލާއަކުން އެ ކުއްޖާގެ މަންމައާ ބައްދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ކުއްޖާ އެއްވެސް ބަޔަކާ ހަވާލުކޮށްފައިވާކަން އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސިދާތާ ވިދާޅުވީ އެ ތުއްތު ކުއްޖާ އަކީ އެ ރަށުގެ ނިކަމެތި އާއިލާ އަކަށް އުފަން ވެފައިވާ ކުއްޖެއް ކަމަށާއި އެ ކުއްޖާ ބަލަން ބަޔަކު ހޯދަން އުޅޭކަން އެނގިވަޑައިގެން ހިސާބުން ފެށިގެން ޖެންޑާ އިން އެ އާއިލާ އާ ވާހަކަ ދައްކަމުން ގެންދާ ކަމަށެވެ. އެހެންނަމަވެސް ޖެންޑާ މިނިސްޓްރީ މެދުވެރިނުކޮށް ވެސް އެ ކުއްޖާ މަންމަ ބޭނުންވާ ނަމަ އެ ކުއްޖާ އެހެން ބަޔަކާ ހަވާލު ކުރެވިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މިނިސްޓްރީ އިން މިގެންދަނީ އެ ތުއްތު ކުއްޖާގެ މަންމައާ ވާހަކަ ދައްކަމުން. އަދި ދަރިފުޅު ބަޔަކަށް ދިނުމުގެ ކުރިން މަންމަ ވިސްނަން ޖެހޭނެ ކަންތައްތައް ވެސް ކިޔައިދެމުން މިގެންދަނީ. އެ ތުއްތު ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނުނަގަންޔާ މިނިސްޓްރީން ނުބަލާނެ އެހެން ބަޔަކު ހަވާލުވުމަށް ފަހު އެކުއްޖާގެ ކަންތައްތަކެއް، އެހެން ނަމަވެސް އެއްވެސް ކަަހަލަ އިހުމާލެއް އެ ކުއްޖާއާ މެދު ވަންޔާ މިނިސްޓްރީން ބަލާނެ،" ޝިދާތާ ވިދާޅުވި އެވެ.

އެ ރަށު ކައުންސިލްގެ ރައީސް ހުސެއިން ނިޒާމް މިރޭ ވިދާޅުވީ އެ ތުއްތު އަންހެން ކުއްޖާ ބޭނުންވެގެން އެ ރަށަށް މިއަދު ދެ މަފިރިއަކު އައިސް އޭނާގެ މަންމައާ ބައްދަލުކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް އެ ކުއްޖާ އެ ރަށުން ގެންގޮސްފައިވާކަން އެނގިވަޑައިގެންފައިނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެކުއްޖާ އަދި މިރަށުން އެއްވެސްތާކަށް ގެންދިޔަކަން އެނގިފައެއް ނުވޭ،" ނިޒާމް ވިދާޅުވި އެވެ.

މާވަށުގައި އަންހެނަކު ކައިވެނިން ބޭރުގައި ވިހެއި އެ ތުއްތު ކުއްޖާއާ ބެހޭ މައުލޫމާތު ޖެންޑާ މިނިސްޓްރީ އަށް އެނގުނީ މީޑިއާތަކުގައި އެ ވާހަކަ ޖެހި ހިސާބުން ކަމަށް ޖެންޑާ މިނިސްްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް އަޅާލާނެ ބަޔަކު ނެތް ނިކަމެތި އެ އާއިލާ އަށް ރައްކާތެރިކަން ހޯދައިދިނުމަށާއި އެ އާއިލާ އަށް ދައުލަތުގެ ފަރާތުން އެހީތެރިކަން ހޯދައިދިނުމަށް އެތަކެއް ފަހަރު މަތިން ޖެންޑާ މިނިސްޓްރީ އަށް ހުށަހަޅާފައިވާ ކަމަށް އެ ރަށު ކައުންސިލުން ވަނީ ބުނެފަ އެވެ.