އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުގެ ވިޕްލައިނާ ހިލާފުވި މައްސަލާގައި ޕާޓީން ވަކިކޮށްފައިވާ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކު ސަރުކާރު ހިންގާ ޕީޕީއެމާ ގުޅެން އުޅިވަޑައިގަންނަވަން އުޅުއްވާ ކަމަށް ބުނެ ދައްކާ ވާހަކަތައް އޭނާ ދޮގު ކުރައްވައިފި އެވެ.

ސްރީ ލަންކާގައި ހުންނެވި މޫސަ "ސަން"އަށް މިރޭ ވިދާޅުވީ ޕީޕީއެމްއަށް ސޮއިކުރަން އުޅޭ ކަމަށް ބުނެ ފަތުރާ ދޮގަކީ "ކަނޑައެޅިގެން ބޮޑު ދޮގެއް" ކަމަށެވެ. މޫސަ ވިދާޅުވީ އެފަދަ ވާހަކަތައް ބައެއް ފަރާތްތަކުން ފެތުރުމުގެ ބޭނުމަކީ އެމްޑީޕީގައި ތިބި މޫސަގެ ސަޕޯޓަރުންގެ ހިތް ގޯސްކޮށްލުން ކަމަށެވެ.

"އެމްޑީޕީގެ ވަރަށް ގިނަ މެމްބަރުންނަކީ އަޅުގަނޑަށް ވަރަށް އިހުލާސްތެރި ބައެއް. އަޅުގަނޑަށް ހަމްދަރުދީ ފާޅުކުރާ ވަރަށް ގިނަ މީހުން އެބަ ތިބި. އެމީހުންގެ ހިތްތައް ކަތިލުމަށްޓަކައި މާދަމާ މެންދުރު އަޅުގަނޑު ޕީޕީއެމަށް ސޮއިކުރާ ކަމަށް ދެކެވޭ ވާހަކައަކީ ކަނޑައެޅިގެން ބޮޑު ދޮގެއް. އެކަހަލަ ވާހަކަ އެގޮތައް ފެތުރުމުގެ ބޭނުމަކީ މިވަގުތު އަޅުގަނޑާއި ދޭތެރޭ ހަމްދަރުދީ ވެފައި ތިބި އަޅުގަނޑުގެ ގިނަ ސަޕޯޓަރުންތަކެއްގެ ހިތް ގޯސްކޮށްލުން،" އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުވެސް ފުރުއްވެވި މޫސަ ވިދާޅުވި އެވެ.

މޫސަ ވިދާޅުވީ އޭނާ އެމްޑީޕީން ވަކިވި ކަމަށް ގަބޫލުފުޅު ނުކުރައްވާ ކަމަށާއި ޕާޓީން ވަކިކުރުމަށް އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައި ވަނީ އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ނުފޫޒުން ކަމަށެވެ. އަދި އެ ކޮމެޓީން ނިންމާފައިވާ ނިންމުމަކީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށް މޫސަ ވިދާޅުވި އެވެ.

"ކަނޑާލުމަކީ އަދި ފިޔަވަޅެއް ނޫންތާ އެހެންނުވަނީ. ކަނޑާލުމަކީ މީހަކު ޕާޓީން ނައްތާލުންތާ ޕާޓީން. ކަންކަމަށް ފިޔަވަޅު އެޅުމަކީ އެ މީހާ އޭގެތެރޭގައި އުޅޭއިރު ދެވޭ ބައެއް ކަހަލަ އަދަބުތައް. އެހެންވީމަ އެމްޑީޕީގެ ނިންމުމަކަށް އެ އޮތީ އަޅުގަނޑު ހަމަ ނައްތާލުން. ސިޔާސީ ގޮތުން ނައްތާލުން. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން. އަޅުގަނޑު އެކަމަކަށް އިހުތިރާމެއް ނުކުރާނަން،" މޫސަ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އާއި ފަނޑިޔާރު މުއުތަސިމް އަދުނާން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުން ވަކިކުރި ވޯޓުގައި ބައިވެރިވެވަޑައި ނުގެންނެވުމުން އެމްޑީޕީގެ މެމްބަރުންގެ ކިބައިން މާފަށް އެދެން ނުޖެހޭނެ ކަމަށް މޫސަ ވިދާޅުވި އެވެ.

އެމްޑީޕީ އޮފީހުގައި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މޫސާ މަނިކު ވަކިކުރަން ނިންމީ ޕާޓީގެ ޕީޖީ ގްރޫޕުން ނެރެފައިވާ ތުރީ ލައިން ވިޕްތަކާ ތަކުރަރާރުކޮށް އޭނާ ހިލާފުވެފައި ވާތީ ކަމަށެވެ. އަދި އޭގެ އިތުރުން ފިޔަވަޅު އަޅާ ކޮމިޓީން އެ މައްސަލަ ބަލަމުން ދިޔަ އިރު އެ ކޮމިޓީ އަށް އެއްވެސް ވަރަކަށް މޫސަ އެއްބާރުލުން ނުދެއްވުމަކީ ވެސް އޭނާ ވަކި ކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.

ދެ ފަނޑިޔާރުން ވަކި ކުރުމަށް ނެގި ވޯޓުގައި އެމްޑީޕީގެ ތްރީލައިން ވިޕާއި މޫސަ މަނިކުގެ އިތުރުން ހިލާފުވި ފަސް މެމްބަރުންނާ މެދު ވެސް ތަފާތު ފިޔަވަޅު އެޅުމަށް ނިންމި ކަމަށް ކޮމެޓީ އިން ބުންޏެވެ.