ސްރީލަންކާގެ ރައީސް މަހިންދަ ރާޖަޕަކްސާގެ ކެބިނެޓް މިނިސްޓަރަކު ސަރުކާރުން އިސްތިއުފާ ދެއްވައި އިދިކޮޅު މީހުންނާ ގުޅިއްޖެ އެވެ.

އިންޑިއާގެ ދަ ހިންދޫ ނޫހުން ބުނީ ކޮމާސް އެންޑް އިންޑަސްޓްރީސް މިނިސްޓަރަކަށް ހުންނެވި ރިޝާދު ބަދީއުއްދީން މަގާމުން އިސްތިއުފާ ދެއްވައި އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓް މައިތިރި ޕާލާ އަށް ތާއީދު ކުރައްވާފައިވާ ކަމަށެވެ.

ސްރީލަންކާގެ މުސްލިމުންތަކެއް އިސްކޮށް ތިބޭ އޯލް ސިލޯން މުސްލިމް ކޮންގްރެސް ޕާޓީން ވަކިވެފައިވާ ފެކްޝަނަކަށް ނިސްބަތްވާ ބަދީއު ވިދާޅުވެފައި ވަނީ އޭނާ އާއި އޭނާގެ ޕާޓީ ރާޖަ ޕަކްސާއާ ވަކިވެވަޑައިގެންނެވީ މުސްލިމުންނާ ދެކޮޅަށް ހިންގި ހަމަނުޖެހުންތައް ހުއްޓުވުމުގައި ރާޖަ ޕަކްސާ ނާކާމިޔާބު ވެވަޑައިގެންފައި ވާތީ ކަމަށެވެ.

އިންތިހާބު ކާމިޔާބު ކުރެއްވުމަށް ޓަކައި ބިރުވެރިކަން އުފައްދަވަން ރާޖަޕަކްސާ މަސައްކަތް ކުރައްވާ ކަމަށް ވެސް ބަދީއު ވަނީ ތުހުމަތު ކުރައްވައިފަ އެވެ.

"... ރައީސް ރާޖަޕަކްސާ މަސައްކަތް ކުރައްވަނީ ވުޖޫދުގައި ނެތް، އެލްޓީޓީއީ އާއި ޓީޔޫ އެލް އެފްގެ ބިރު ދައްކަވައިގެން އިންތިހާބު ކާމިޔާބު ކުރައްވަން،" ބަދީއު ވިދާޅުވި ކަމަށް ނޫހުގައިވެ އެވެ.

ބަދީއުއްދީނަކީ ރައީސް މަހިންދަ ރާޖަޕަކްސާގެ ވެރިކަން ކުރާ ކޯލިޝަނުން ވަކިވި ހަވަނަ ލީޑަރެވެ. އިދިކޮޅު ލީޑަރު މައިތިރި ޕާލާއަކީ ވެސް ކުރިން ރާޖަޕަކްސާގެ މިނިސްޓަރެކެވެ.