އިނގިރޭސި ޕްރިމިއާ ލީގުގައި ލިވާޕޫލާއި އާސެނަލް ރޭ ބައްދަލުކުރި މެޗުގައި ލިވާޕޫލުން އެންމެ ފަހު ވަގުތު ޖެހި ލަނޑާއެކު އާސަނަލަށް ކުރިއަށް ދިޔަ ނުދީ ހިފައްޓައިފި އެވެ.

ދުވަސްވީ ވާދަވެރިކަމެއް އޮންނަ އެ ދެ ޓީމް ރޭ ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުވުމުން ދެ ޓީމަށް ވެސް ލިބިފައި ވަނީ އެއް ދަރަޖައިގެ ކުރިއެރުމެކެވެ. ރޭގެ މެޗުން ލިވާޕޫލް 22 ޕޮއިންޓާއެކު ތާވަލްގެ 11 ވަނައިން 10 ވަނައަށް ޖެހިލާފައި ވާއިރު، އާސެނަލްއަށް ޖެހިލެވިފައި ވަނީ 27 ޕޮއިންޓާއެކު ތާވަލްގެ ހަތް ވަނައިން ހަ ވަނައަށެވެ. ނަމަވެސް ފަހު ވަގުތު 10 ކުޅުންތެރިންނާއެކު ކުޅެމުން އައި ލިވާޕޫލް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައި ވަނީ މެޗުގެ އެެންމެ ފަހު ވަގުތުކޮޅު އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެން ދިޔަ އެ މެޗުގެ ފުރަތަމަ ހާފް ލީޑު ކުރީ ލިވާޕޫލެވެ. މެޗުގެ ފުރަތަމަ ލަނޑު ފެނިގެން ދިޔައީ ފުރަތަމަ ހާފްގެ އެންމެ ފަހު މިނެޓުގަ އެވެ. އާސެނަލްގެ ޑިފެންޑަރު މެތިއު ޑެބޫޗީ އަތުން ބޯޅަ އަތުލުމަށްފަހު ހެދި ޝޮޓުން އާސެނަލްގެ ގޯލު ހުޅުވަދިނީ ލިވަޕޫލުގެ މިޑްފީލްޑަރު ފިލިޕް ކޫޓީނިއޯ އެވެ. ނަމަވެސް އޭގެ ދެ މިނެޓު ފަހުން އާސެނަލް ނަތީޖާ ހަމަހަމަ ކުރިއެވެ. ފުރަތަމަ ހާފްގެ އިތުރު ވަގުތުގެ ދެ ވަނަ މިނެޓުގައި އާސެނަލަށް އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ އާސެނަލްގެ ޑިފެންޑަރު ޑެބޫޗީ އެވެ.

ދެ ވަނަ ހާފްގައި އާސެނަލްގެ ކުޅުން ރަނގަޅުކޮށް، މެޗުގައި އެ ޓީމް ލީޑު ހޯދި އެވެ. މެޗުގެ 64 ވަނަ މިނެޓުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ކާމިޔާބުކޮށް، އާސެނަލްގެ އުންމީދުތައް އާކޮށްދިނީ އެ ޓީމުގެ އޮލިވިއޭ ޖެރޫ އެވެ.

އެ ލަނޑާއެކު ލިވާޕޫލް ނުތަނަވަސްކަމާ ކުރިމަތިލާން ޖެހުނު އިރު، އެ ޓީމަށް އިތުރު ދަތިތަކަކާ ކުރިމަތިވީ މެޗުގެ ފަހު ވަގުތުކޮޅު ދެ ރީނދޫ ކާޑާއެކު ރަތް ކަޑެއް ދައްކާ އެ ޓީމްގެ ފޯވާޑް ފެބިއޯ ބޮރީނޯ ދަނޑުން ފޮނުވާލުމުންނެވެ. ނަމަވެސް ދެ ވަނަ ހާފްގެ އިތުރު ވަގުތުގެ ގޮތުގައި ހަތް މިނެޓު ދެއްކި އެ މެޗުގެ އެންމެ ފަހު މިނެޓުގައި ލިވަޕޫލުން ވަނީ ލަނޑެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. އެ ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެ ޓީމުގެ ޑިފެންޑަރު މާޓިން ސްކާޓެލް އެވެ.

ރޭގެ މެޗުގެ ނަތީޖާ އެއްވަރުވި ނަމަވެސް އެ ނަތީޖާއާއެކު ލިވާޕޫލްގެ ކޯޗް ބްރެންޑަން ރޮޖާސްއަށް ވަނީ އަނެއްކާވެސް އިތުރު ވިސްނުންތަކަކާ ކުރިމަތިލާން ޖެހިފަ އެވެ. އޭނާގެ ޓީމް އަމިއްލަ ސްޓޭޑިއަމްގައި އެންމެ ފަހުން ކުޅުނު ހަތް މެޗުގެ ތެރެއިން ކާމިޔާބު ކުރެވިފައި ވަނީ އެންމެ ދެ މެޗެވެ.

މިހަފަރުގެ ލީގުގައި ލިވާޕޫލްގެ ކުރިމަގާ މެދު ސުވާލުތަކެއް އުފެދިފައިވިޔަސް، މިދިޔަ ސީޒަންގައި ލިވާޕޫލްއަތުން ލިބުނު 5-1 ގެ ތަފާތުބޮޑު ނާކާމިޔާބީ ތަކުރާރުވިޔަ ނުދިނުމަށް ރޭގެ މެޗަށް ނިކުތް އާސެނަލްގެ ކޯޗް އާސަން ވެންގާ ވަނީ ރޭގެ މެޗުގެ ނަތީޖާއާމެދު ހިންހަމަޖެހުން ފާޅުކޮށްފަ އެވެ.