ރާއްޖެގެ ކޮންމެ ފުޓްބޯޅަ ކްލަބެއްގައި ވެސް ބިދޭސީ ހަތަރު ކުޅުންތެރިންނަށް ބައިވެރިވެވޭ ގޮތަށް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)އިން ގަވާއިދެއް އިސްލާހުކޮށްފި އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެގޮތަށް ނިންމީ އެ އެސޯސިއޭޝަނުގެ އިންތިގާލީ ކޮމިޓީގެ ޖަލްސާގައި ހާޒިރުވި ހުރިހާ މެންބަރުންގެ އިއްތިފާގުން ކަމަށެވެ. އަދި އެ ނިންމުން ނިންމާފައި ވަނީ އެފްއޭއެމްގެ ޓެކްނިކަލް ކޮމިޓީން އިންތިގާލި ކޮމިޓީއަށް ދިން ލަފާގެ މަތިން ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ.

މީގެ ކުރިން އެފްއޭއެމުން ހަދާފައިވާ ގަވާއިދުގެ ދަށުން ކްލަބަކަށް ކުޅެވޭނީ ބިދޭސީ ތިން ކުޅުންތެރިންނަށެވެ.

އެފްއޭއެމުން އިސްލާހު ކުރި ގަވާއިދުގެ ދަށުން ކޮންމެ ކްލަބަކަށްވެސް މިހާރު ހަތަރު ބިދޭސީ ކުޅުންތެރިން ރަޖިސްޓާ ކުރުމުގެ ފުރުސަތު ހުޅުވާލެވިފައި ވާއިރު، އެ ގަވައިދުގެ ދަށުން ރަޖިސްޓާ ކުރެވޭ ހަތަރު ބިދޭސީ ކުޅުނުތެރިންގެ ތެރެއިން އެއް ކުޅުންތެރިއަކު ވާން ޖެހެނީ އޭޝިއާގެ ގައުމަކަށް ނިސްބަތްވާ ކުޅުންތެރިއަކަށެވެ.