އެފްއޭއެމްގެ ޔޫތު ޑިވަލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ހިންގަމުން އަންނަ ގްރާސްރޫޓް ޕްރޮގްރާމް ހިންގުމަށް އަންނަ އަހަރު ފުރަތަމަ ޑިވިޝަންގެ ކްލަބުތަކާ ހަވާލުކުރަން އެ އެސޯސިއޭޝަނުން ނިންމައިފިއެވެ.

މިއަދު އެފްއޭއެމްގެ ހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އެސޯސިއޭޝަންގެ އެސިސްޓަންޓް ޓެކްނިކަލް ޑައިރެކްޓަރު މުހައްމަދު ޝިޔާޒު (މޯހަން) ވިދާޅުވީ އެފްއޭއެމްގެ ގްރާސްރޫޓް ޕްރޮގްރާމް ހިންގުމަށް ފުރަތަމަ ޑިވިޝަންގެ ކްލަބުތަކާއި ހަވާލުކުރަން ނިންމި އެންމެ ބޮޑު އެއް ސަބަބަކީ އެ އެސޯސިއޭޝަނުން ތައާރަފް ކުރަން ވިސްނާ ކްލަބް ލައިސެންސިންގް ސިސްޓަމާއި ކޯޗިންގް ލައިސެނސިންގް ސިސްޓަމަށް ރާއްޖޭގެ ކްލަބުތައް ތައްޔާރު ކުރުވުން ކަމަށެވެ.

"އަޅުގަނޑުމެން މިހާރު މި އަންނަނީ ރާއްޖޭގެ ފުޓްބޯޅައިގައި ކްލަބް ލައިސެންސިންގް ސިސްޓަމަކާއި ކޯޗިންގް ލައިސެންސިންގް ސިސްޓަމެއް ތައާރަފް ކުރަން ވިސްނަމުން. އެ ލައިސެންސިންގް ސިސްޓަމް ތެރޭގައި ހިމެނެންޖެހޭ ކަންތައްތަކެއް އެބަހުރި. އޭގެ ތެރޭގައި ކްލަބްތަކުގައި ވައިޑީޕީ ޕްރޮގްރާމްތަކެއް އޮތުމާއި ކްލަބް ތަކުގައި އޭޖް ކެޓަގަރީތަކުގެ ޓީމްތަކެއް އޮތުން ހިމެނޭ،" ޝިޔާޒު ވިދާޅުވިއެވެ.

މޯހަން ވިދާޅުވީ ގްރާސްރޫޓް ޕްރޮގްރާމް ހިންގުމަށް ކްލަބްތަކާއި ހަވާލުކުރެވުނު ނަމަވެސް، ކްލަބުތަކުން ހިންގަމުންދާ ޕްރޮގްރާމްތައް ކުރިއަށް ގެންދެވޭނީ އެފްއޭއެމްގެ މޮނީޓަރިންގް ސިސްޓަމެއްގެ ދަށުން ކަމަށާއި، އެ ޕްރޮގްރާމްތައް ހިންގުމަށް ބެނުންވާ ސާމާނު ފޯރުކޮށްދޭނީ އެފްއޭއެމުން ކަމަށެވެ.

މި ނިންމުމުގެ ދަށުން ކްލަބް ލައިސެންސިންގް ސިސްޓަމަށް ކްލަބްތައް ތައްޔާރު ކުރުމުގެ އިތުރުން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރުމަށާއި، ރާއްޖޭގެ ފުޓްބޯޅައިގެ ފެންވަރު މަތިކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމަށް ވެސް އެފްއޭއެމް އިން ބުންޏެވެ. އަދި މީގެ އިތުރުން ސްކޫލްތަކުގެ މެދުގައި ބާއްވާ ފުޓްބޯޅަ މުބާރާތްތަކުގައިވެސް ކްލަބްތަކުން އެހީތެރިވެދިނުމަށް އެފްއޭއެމުން ކަނޑައަޅާފައި ވާއިރު، އެ އެސޯސިއޭޝަން ބޮޑަށް ވިސްނާނީ ގައުމީ އެކި އުމުރުފުރާތަކުގެ ޓީމްތައް ތަރައްގީ ކުރަން ކަމަށްވެސް އެ އެސޯސިއޭޝަނުން ވަނީ ވިދާޅުވެފައެވެ.

އެފްއޭއެމްގެ މި ނިންމުމާއެކު ނުވަ އަހަރުން ދަށާއި 11 އަދި 13 އަހަރުން ދަށުގެ ގްރާސްރޫޓް ޓީމުތައް ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ކްލަބްތަކުގެ ބެލުމުގެ ދަށަށް ބަދަލުވެގެން ދާއިރު، ފުރަތަމަ ޑިވިޝަންގައި ހިމެނޭ އަށް ކްލަބުން ކޮންމެ ކްލަބެއްވެސް 30 ހާއި 35 ކުދިން ހިމެނޭ ފަދަ ގޮތަކަށް ގްރާސްރޫޓް ޕްރޮގްރާމް ކުރިއަށް ގެންދިޔުމަށް އެފްއޭއެމުން ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން އެ އުމުރުފުރާ ތަކުގެ މެދުގައި އަހަރުގެ ތެރޭ ދެ ފުޓްބޯޅަ ފެސްޓިވަލް ބޭއްވުމާއި، ގްރާސްރޫޓް ފުޓްބޯޅަ ކޯސްތައް ހިންގުމުގެ އިތުރުން މެންބަރު އެސޯސިއޭޝަންތަކާއި ގުޅިގެން ގްރާސްރޫޓް ލެވަލްގެ ކޯޗުން ތަމްރީނުކުރުންވެސް އެފްއޭއެމުން ކަނޑައަޅާފައިވާ ކަންކަމުގެ ތެރޭގައި ހިމެނެއެވެ.