ޗައިނާއިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓަތަކަކީ ބަޖެޓުން ދައްކާ ގޮތަށް ހިންގާ ޕްރޮޖެކްޓަތަކެއް ނޫން ކަމަށާއި އެއީ ފީސިބަލް ލޯންތަކެއް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު ވިދާޅުވެއްޖެ އެވެ.

ޗައިނާއިން ރާއްޖޭގައި ހިންގާ ޕްރޮޖެކްޓްތަކުގެ ސަބަބުން ރާއްޖޭގެ ދަރަނީގެ މިންވަރު އިތުރުވާނެތޯ ސުވާލު ކުރުމުން، ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް ވިދާޅުވީ ޗައިނާއިން ރާއްޖޭގައި ހިންގާ ޕުރޮޖެކްޓަތަކުގެ ސަބަބުން ރާއްޖޭގެ ޖީޑީޕީ ކުރިއަރާނެ ކަމަށާއި އެ ޕްރޮޖެކްޓްތަކަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކާ ގޮތަށް ހިންގާ ޕްރޮޖެކްޓުތަކެއް ނޫން ކަމަށެވެ. ރާއްޖެއިން ނަގަނީ ފީސިބަލް ލޯނުތައް ކަމަށް ވެސް މިނިސްޓަރު އަދީބް ވިދާޅުވި އެވެ.

"އަޅުގަނޑުމެން ޗައިނާއާ ގުޅިގެން ހިންގާ ޕުރޮޖެކްޓްތަކަކީ ދައުލަތުގެ ބަޖެޓުން އަނބުރާ ދައްކާކަށް ހިންގާ ޕުރޮޖެކްޓްތަކެއް ނޫން،" މިނިސްޓަރު އަދީބް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން މިނިސްޓަރު އަދީބު ވިދާޅުވީ އެއާޕޯޓުގެ ދެވަނަ ރަންވޭ މަސައްކަތް ޗައިނާއިން ކުރާއިރު އެއާޕޯޓަކީ ފައިދާވާ ކުންފުއްޏަކަށްވުމުން އެއާޕޯޓުން ލިބޭ އެއްޗަކުން އެ ލޯން ދެއްކޭނެ ކަމަށެވެ. އަދި ބްރިޖަކީ ވަރަށް ބޮޑަށް ޗައިނާގެ ހިލޭ އެހީ ގެ ދަށުން ހިންގާ ޕުރޮޖެކްޓަކަށްވާއިރު ލ. ފުނަދޫ 14 ކިލޯމީޓަރު މަގަކީ ހިލޭ އެހީގެ ދަށުން ހަދާ މަގުތަކެއް ކަމަށް ވިދާޅުވި އެވެ.

ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވީ ވަރަށް ގިނަ ފަންނީ ފުރުސަތުތަކެއް ޗައިނާއިން ލިބެމުންދާ ކަމަށާއި އިންވެސްޓުމަންޓު ބޭންކްތަކާއި މަޝްވަރާ ކުރުމުން އެ ފަރާތްތަކުން ރާއްޖެއަށް އައުމަށް ޝައުގުވެރިކަން ހުރި ކަމަށެވެ.