ޗާންދަނީ މަގު، މއ. ބޭރުމަތިގޭ ހަ ވަނަ ބުރީގެ ބެލްކަނިން ވެއްޓި މަރުވި ހ. ދޫހިމެރިގޭ، ނަދާލް ރަޝީދު، 25، ހަށިގަނޑުން ނެގި ސާންޕަލްތައް މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިސްކަންދަރު ބިލްޑިންގައި މިރޭ ބޭއްވި ޕްރެސް ކޮންފަރެންސެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް އަބްދުﷲ ޝަތީހު ވިދާޅުވީ، މި މަހުގެ 13 ވަނަ ދުވަހު ބޭރުމަތިގެއިން ވެއްޓި މަރުވި ނަދާލުގެ މަރުގެ މައްސަލާގައި އަމިއްލަ އަދި އެހެން މީހަކު ބައިވެރިވިކަން ތަހުގީގުން އަދި އެނގިފައިނުވާ ކަމަށެވެ.

"އެ މައްސަލައާ ގުޅިގެން މިހާތަނަށް ހޯދި ހޯދުންތަކުން ނަދާލުގެ ހަށިގަނޑުން ނެގި ބްލަޑް ސާންޕަލްތަކުން މަސްތުވާތަކެތީގެ އަސަރުހުރިކަން ޓެސްޓުތަކުން ވަނީ ދައްކާފަ،" ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ޝަތީހު ވިދާޅުވި އެވެ.

ޝަތީހު ވިދާޅުވީ ނަދާލްގެ ހަށިގަނޑުން ނެގި ލޭ ކެނަބިސްގެ ބާވަތަކަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް އޭނާ ވެއްޓިފައިވަނީ ބޭނުންކުރި މަސްތުވާތަކެތީގެ ސަބަބުން ހަމަބުއްދި ފިލައިގެން ކަމެއް އަދި ދަންނަވަން ދަތި ކަމަށް އޭނާ ވިދާޅުވީ

ނަދާލް ވެއްޓުނު ގެ ބަލައި ފާސްކުރި އިރު އެޕާޓްމަންޓް ތެރެއިން މަސްތުވާތަކެތި ފެނިފައިނުވާ ކަމަށް ޝަތީހު ވިދާޅުވި އެވެ. އަދި ވިދާޅުވީ ނަދާލްއާއެކު އެޕާޓްމަންޓުގައި ތިބި ހަ މީހެއްގެ ކުޑަކަމުދާ ތަކެތީގެ ސާމްޕަލް ނަގާފައިވާ ކަމަށާއި އެ ސާމްޕަލްތަކުގެ ރިޕޯޓްތައް އަދި ލިބިފައިނުވާ ކަމަށެވެ.

ނަދާލް ވެއްޓުނު ދުވަހުގެ ރޭ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު ވެސް މަރުވެފައިވާ ކަމަށާއި ހޮސްޕިޓަލަށް ނަދާލް ގެންދިޔައިރު، ބޮލުގެ ނާށިގަނޑުގެ ފުއްކިބައިން ދެ ތަނެއް ފަޅައިގެން ގޮސްފައިވާ ކަމަށް ވެސް ޝަތީހު ވިދާޅުވި އެވެ.