ޗައިނާއިން އިސްނަގައިގެން އުފައްދާ އޭޝިއާ އިންފުރާސްޓްރަކްޗާ އިންވެސްޓްމަންޓު ބޭންކް (އޭއައިއައިބީ)ގެ ފައުންޑާ މެމްބަރެއްގެ ގޮތުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.

އިކޮނޮމިކް ކައުންސިލްއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވީ އުމުރާނީ ތަރައްގީއަށް ހާއްސަ ކުރެވިގެން އޭއައިއައިބީ މެމްބަރު ގައުމުތަކަށް ލޯން ދޫކުރާ ބޭންކުގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެއަށް ލިބިފައިވާ ކަމަށެވެ.

"ރައީސް ޔާމީންގެ އެދިވަޑައިގަތުން އެ ބޭފުޅުންނާއި ހިއްސާކޮށް އަޅުގަނޑުމެންނަށް ވަރަށް މުހިންމު މައުލޫމާތުތަކެއް އެބޭފުޅުން ދެއްވި، ބޭންކް މި އަންނަ އަހަރު އިފްތިތާހު ކުރެވިގެންދާއިރު އަޅުގަނޑުމެންނަކީ ފައުންޑިން މެމްބަރެއްގެ ގޮތުގައި ހަމަޖެހިގެންދާނެ ކަމަށް،" މުންދު ވިދާޅުވި އެވެ.

ވިހި ގައުމުގެ މެދުގައި މަޝްވަރާކޮށްގެން އުފައްދާ ބޭންކު، އަންނަ އަހަރު އިފްތިތާހު ކުރުމަށް ނިންމާފައިވާއިރު ރާއްޖެ އެ ބެންކުގެ ފައުންޑާ މެމްބަރަކަށް ވުމަށް ބޭނުންވާ ލިޔެކިޔުން ފޮނުވާފައިވާ ކަމަށް މުންދު ވިދާޅުވި އެވެ. އޭއައިއައިބީގެ ބޯޑުގައި ރާއްޖޭގެ ފަރާތުން ޗީފް ނެގޯޝިއޭޓާއަކަށް އިކޮނޮމިކް މިނިސްޓުރީގެ އެޑްވައިޒަރު އާރިފް ހިލްމީ ހަމަޖައްސަވާފައިވާ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ބޭންކުގެ މަސައްކަތް ފަށައިގަތުމާއެކު 50 ބިލިއަން ޑޮލަރުގެ ލޯނެއް މެމްބަރު ގައުމުތަކަށް ލިބޭނެ ކަމަށާއި ރާއްޖެއަށް ވެސް ތަފާތު ދާއިރާތަކުން އެހީތައް ލިބޭނެ ކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. އެންމެ އަވަހަށް ލޯން ދޫކުރާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނިގެންދާނެ ކަމުގެ ޔަގީންކަން އެ ބޭންކުން ދީފައިވާ ކަމަށް މުންދު ވިދާޅުވިއެވެ.

"ސަން"އިން ކުރި ސުވާލެއްގެ ޖަވާބުގައި މުންދު ވިދާޅުވީ އެ ބޭންކުގެ ސަބަބުން ރާއްޖޭގެ ޕުރައިވެޓް ސެކްޓާ އިންވެސްޓްމަންޓުތަކަށް ލޯން ލިބުމުގެ އިތުރުން ބޭރުގެ ޕުރޮޖެކްޓްތަކަށް އިސްވެސްޓު ކުރުމުގެ ފުރުސަތު ވެސް ލިބިގެންދާނެ ކަމަށެވެ.

އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގެ ރަންވޭ އާއި ފިއުލްފާމްގެ އިތުރުން ކާގޯ ޓާމިނަލްގެ ތަރައްގީގެ މަސައްކަތް އަންނަ އަހަރުގެ މެދެއްހާ ހިސާބްގައި ފެށޭނެ ކަމަށާއި އެކަމުގެ އެއްބަސްވުންތަކުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށް ވެސް މުންދު ވިދާޅުވި އެވެ.