22 Dec 2014, 17:43
ދެކުނު އޭޝިއާގެ ގައުމުތަކުގެ މެދުގައި ފުރަތަމަ ފަހަރަށް ބާއްވާ 'ސައުތު އޭޝިއަންސް ވިމަންސް ވޮލީބޯލް ޗެންޕިއަންޝިޕް 2014' ގައި ރާއްޖެ ކުޅުނު އެންމެ ފަހު މެޗު ކާމިޔާބު ކޮށްފި އެވެ.
ނޭޕާލްގައި ކުރިއަށް ގެންދާ އެ މުބާރާތުގައި ރާއްޖެއާ ދެކޮޅަށް މިއަދު ބައްދަލުކުރީ ބަންގްލަދޭޝްގެ ޓީމެވެ. އެ މެޗު ރާއްޖެގެ ޓީމުން ކާމިޔާބުކުރީ 3-1 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ސެޓު 17-25 ގެ ނަތީޖާއަކުން ރާއްޖެ ކާމިޔާބުކުރިއިރު، މެޗުގެ ދެވަނަ ސެޓު 13-25 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ބަންގްލަދޭޝް އެވެ. ނަމަވެސް ރާއްޖެއިން ވަނީ އަނެއްކާވެސް ކުޅުން ރަނގަޅުކޮށް، 23-25 ގެ ނަތީޖާއަކުންނާއި 19-25 ގެ ނަތީޖާއަކުން މެޗުގެ ފަހު ދެ ސެޓު ކާމިޔާބު ކޮށްފައެވެ.
މިއަދުގެ މެޗުން ލިބުނު ކާމިޔާބީއާ ގުޅިގެން ޓީމުގެ ކޯޗު އިބްރާހިމް ޖަލީލް (ޖައްލަ) ބުނީ އެ މުބާރާތަށް ކުރިމަތިލީ އެއް ސަބަބަކީ ސަރަހައްދީ ޓީމެއް އަތުން ކާމިޔާބީއެއް ހޯދުން ކަމަށާއި، މިއަދުގެ މެޗުން އެ މަގްސަދު ހާސިލް ވެއްޖެ ކަމަށެވެ. އަދި މިއަދުގެ ކާމިޔާބީއާމެދު ވަރަށް އުފާ ކުރާ ކަމަށާއި، މުޅި މުބާރާތަށް ބަލާއިރު ރާއްޖޭ ޓީމަށް އެ މުބާރާތުގައި ރަނގަޅު ކުރިއެރުންތަކެއް ލިބިފައި ވާކަމަށް އޭނާ ބުންޏެވެ.
ދެކުނު އޭޝިއާގެ ފަސް ގައުމަކުން ވާދަ ކުރި އެ މުބާރާތުގެ ފުރަތަމަ ތިން މެޗުންވެސް ރާއްޖެ ކުރިމަތިލާން ޖެހުނީ ނާކާމިޔާބީއާއެވެ. އެ މުބާރާތުން ރާއްޖެ މިހާރު ވަކިވާން ޖެހިފައި ވިނަމަވެސް، މިއަދުގެ ކާމިޔާބީއާއެކު ރާއްޖެ ވަނީ އެ މުބާރާތުގެ ހަތަރު ވަނަ ހާސިލް ކޮށްފައެވެ. އަދި އެ ކާމިޔާބީއަކީ ރާއްޖޭގެ ގައުމީ އަންހެން ވޮލީ ޓީމުން ބައިނަލްއަގްވާމީ މެޗެއްގައި ތިން އަހަރަށްފަހު ހޯދި ފުރަތަމަ ކާމިޔާބީ އެވެ. ބައިނަލްއަގްވާމީ މެޗަކުން ރާއްޖެ އެންމެ ފަހުން މޮޅުވީ 2010 ވަނަ އަހަރުގެ އޭޝިއަންސް ގޭމްސްގައެވެ.
ނޭޕާލްގެ ވޮލީބޯޅަ އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން މިދިޔަ ހުކުރު ދުވަހު އެ ގައުމުގައި ފެށި އެ މުބާރާތުގައި ރާއްޖޭގެ ޓީމުގެ މުހިންމު ދެ ކުޅުންތެރިންނަށް ވަނީ ބައިވެރި ވެވޭގޮތް ނުވެފައެވެ.