22 Dec 2014, 17:22
ރާއްޖޭގައި މިހާރު ކުރިއަށް ގެންދާ ދިވެހި ލީގުގެ ނަން "ދިވެހި ޕްރިމިއާ ލީގް" އަށް ބަދަލުކޮށް، ގިނަ ބަދަލުތަކަކާއެކު އަންނަ އަހަރު އެ ލީގް ފަށަން އެފްއޭއެމުން ނިންމައިފި އެވެ.
މިއަދު އެފްއޭއެމުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެފްއޭއެމްގެ އިންތިގާލީ ކޮމިޓީގެ ޗެއާމަން މުހައްމަދު ޝަވީދު ވިދާޅުވީ، އަންނަ އަހަރުގެ ދިވެހި ލީގަށް ގެންނަން ވިސްނާ ބަދަލުތަކުގެ ތެރޭގައި ކްލަބުތައް ދާއިރާތަކަށް ރަޖިސްޓްރީ ކުރުވުމާއި، ސްޓޭޑިއަމްގައި އެ ދާއިރާތަކުގެ ޒޯންތައް މާކް ކުރުމުގެ އިތުރުން ސީޒަން ޓިކެޓުތައް ކްލަބްތަކާއި ހާވާލު ކުރުން ހިމެނޭ ކަމަށެވެ.
"އަންނަ އަހަރުގެ ލީގުގައި ކްލަބްތަކަށް ރަޖިސްޓްރީ ވެވޭނީ ކޮންމެވެސް އެއް ދާއިރާއަކަށް، ނުވަތަ އަވަށަކަށް ރަޖިސްޓްރީވެގެން. ފުރަތަމަ ޑިވިޝަންގެ އަށް ކްލަބުވެސް މިހާރު ވަނީ މިކަމަށް އެއްބަސްވެފަ. އަދި ހުރިހާ ކްލަބުތަކެއްވެސް އެ ކްލަބުތަކުގެ ޒޯން ތައް ކަނޑައަޅައިފި. އެ ޓީމްތަކުގެ ޖާޒީގައިވެސް އެ ކްލަބެއް ނިސްބަތްވާ ޒޯން ލިޔަން ވަނީ ހަމަޖެހިފަ. އަދި ސްކޯބޯޑުވެސް އަވަށްތަކުގެ ނަން ހިމެނޭ ގޮތަށް ބަދަލުވެގެން ދާނެ. މީގެ އިތުރުން ސީޒަން ޓިކެޓްތަށް ޕްރިންޓު ކުރުމަށްފަހު އަޅުގަނޑުމެން ހަވާލުކުރާނީ ކްލަބްތަކާ. އެ ޓިކެޓްތައް ވިއްކާނީވެސް ކްލަބްތަކުން. އަދި ޓިކެޓު ވިއްކައިގެން ލިބޭ ފައިދާ އެއީ ކްލަބްތަކުގެ ރެވެނިއު އެއް،" ޝަވީދު ވިދާޅުވި އެވެ.
މީގެ ކުރިން ތިން ބުރު ކުޅެމުން އައި ދިވެހި ލީގުގައި މިފަހަރު މުޅިއެކު އަށް ޓީމު ބައިވެރިކޮށް ކުޅެން ނިންމާފައި ވަނީ ދެ ބުރެވެ. އަދި ލީގުގެ އަށްވަނައަށް ދާ ޓީމު އޮޓަމެޓިކުން ރެލިގޭޓް ވާއިރު، ދެވަނަ ޑިވިޝަން މުބާރާތުގެ ޗެންޕިއަން ޓީމަށް އެއްވަނަ ޑިވިޝަނުން ޖާގަ ލިބިގެން ދާނެއެވެ. މިފަހަރުގެ ލީގު ހަމަޖެހިފައި ވާގޮތުން ލީގުގެ ހަތް ވަނައަށް ދާ ޓީމާއި ދެވަނަ ޑިވިޝަންގެ ދެވަނައަށް ދާ ޓީމާ މެދު ޕްލޭއޮފް މެޗެއް ކުޅެ، އެއްވަނަ ޑިވިޝަނުން ޖާގަ ލިބިގެން ދާނީ އެ މެޗުން މޮޅުވާ ޓީމަކަށެވެ.
މީގެ އިތުރުން ޝަވީދް ވިދާޅުވީ، އަންނަ އަހަރުގެ ދިވެހި ލީގް ގަތަރުން ސްޕޮންސާ ކޮށްދޭނެ ކަމުގެ ޔަގީންކަން ދީފައި ވާކަމަށާއި، އެކަމުގެ ސަބަބުން ކްލަބްތަކަށްވެސް ރަނގަޅު ކޮންޓްރިބިއުޝަންއެއް އެފްއޭއެމްގެ ފަރާތުން ދެވޭނެ ކަމަށެވެ. އަދި ދިވެހި ލީގުގެ ފެންވަރު ރަނގަޅުކޮށް، ޕްރިމިއާ ލީގަކަށް ބަދަލުކުރުމުގެ ޓެކްޓިކަލް ސަޕޯޓް ފީފާ އާއި އޭއެފްސީގެ ފަރާތުން މިހާރުވެސް ހޯދަމުން ދާކަމަށް އޭނާ ވިދާޅުވި އެވެ.
"އެ މުބާރާތުގައި ގަތަރުގެ އެފްއޭއިން ވަނީ އަޅުގަނޑުމެންނަށް އެހީތެރިކަން ދޭން ނިންމާފަ. ނަމަވެސް އެ މުބާރާތް ސްޕޮންސާ ކުރާނީ ގަތަރު ފައުންޑޭޝަން މެދުވެރިކޮށް ސީދާ ކޮންފަރާތެއްކަން އަޅުގަނޑުމެންނަށް އަދި ޔަގީނެއް ނޫން. އަޅުގަނޑުމެން މި ބަލަނީ ލީގުގައި ބައިވެރިވާ ކޮންމެ ޓީމަކަށް ސަރުކާރާއި އެފްއޭއެމަށް ލިބޭ ސްޕޮންސާޝިޕް ބޭނުންކޮށްގެން ލީގު ފެށުމަށް ގާތްގަނޑަކަށް ދެ މިލިއަނެއްހާ ރުފިޔާ ދެވޭނެކަމަށް،" އޭނާ ވިދާޅުވި އެވެ.
ޝަވީދު ވިދާޅުވީ، މިހާ ބޮޑެތި ބަދަލުތަކެއް ދިވެހި ލީގަށް ގެންނަން ނިންމި އެންމެ ބޮޑު ސަބަބަކީ ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދިވެހި ފުޓްބޯޅަ 'އަޑިގަނޑަކަށް' ވެއްޓިފަގައި ވުމުން ކަމަށާއި، އެކަމުގެ ސަބަބުން ފުޓްބޯޅައިގެ ސަޕޯޓަރުން ދިވެހި ފުޓްބޯޅައާ ދުރުވާން ފަށާފައި ވުމުން ކަމަށެވެ.
"ކުޅިވަރެއްގެ އެންމެ މައި އެއްޗަކީ، ނުވަތަ ބްލަޑް ލައިނަކީ އެ ކުޅިވަރެއްގެ ސަޕޯޓަރުން. އެ ކުޅިވަރެއްގެ ސަޕޯޓަރުން ނުދާ ތަނެއްގައި އެ ކުޅިވަރެއް ނުދިރޭނެ. މިހާރު ގިނަ ފަހަރަށް ރާއްޖޭގެ ފުޓްބޯޅައިގައި އޮތް މާހައުލާއި، ދަނޑަށް މީހުން ވަންނަ ވަރުގެ އަދަދާއި، ބޮޑު ދެ ކްލަބެއް ކުޅުނުކަން އިނގޭ މީހަކުވެސް ނެތް. އެކަމުގެ ސަބަބުން ރާއްޖޭގެ ކްލަބުތަކުންވެސް ދަނީ ހިތްހަމަނުޖެހުން ފާޅު ކުރަމުން. އެހެންކަމުން މި އަޑިގަނޑުން ދިވެހި ފުޓްބޯޅަ ނަގަން އަޅުގަނޑުމެން މަސައްކަތް ކުރަން ޖެހޭ. މިހާރު އެފްއޭއެމް ހިންގުމާއި ހަވާލުވެފައިވާ އިންތިގާލީ ކޮމިޓީން މި ނިންމުން ނިންމަން ގަސްދުކުރީ،" އޭނާ ވިދާޅުވި އެވެ.
ޝަވީދު ވިދާޅުވީ، މީގެ އިތުރުން މި ބަދަލުތަކަކީ ރާއްޖޭގެ ފުޓްބޯޅަ އިތުރު ލެވެލްއަކަށް ގެންގޮސް، ދަނޑަށް އިތުރު ސަޕޯޓަރުން ވެއްދުމަށް އެފްއޭއެމުން ގެނައި ބަދަލުތަކެއް ކަމަށެވެ.