22 Dec 2014, 16:26
ގަވާއިދާ ހިލާފަށް މާލޭގެ މަގުތަކުގައި އަދި ޕާކިން ޒޯންތަކުގައި ބަހައްޓާފައި ހުންނަ އެއްގަމު އުޅަނދުތައް ނެގުމުގެ މަސައްކަތް އަންނަ އަހަރު ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަނެއްކާވެސް ފެށުމަށް ފުލުހުން ނިންމައިފި އެވެ.
ފުލުހުން ބުނީ، މާލޭގެ މަގުތައް ތަރުތީބުކޮށް ގަވާއިދާ ހިލާފަށް ބަހައްޓާފައިވާ އުޅަނދުތައް ނެގުމުގެ ހާއްޞަ ޕްރޮގްރާމެއް ހައުސިން މިނިސްޓްރީއާ ގުޅިގެން ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށާއި އެ ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމީ މާލޭގައި ދުއްވާ ވެހިކަލްތައް އިތުރުވެ ގަވާއިދާ ހިލާފަށް ޒޯންތަކުގައި ބާ އުޅަނދުތައް ބެހެއްޓުން ވެސް އިތުރުވެފައިވާތީ ކަމަށެވެ.
ފުލުހުން ބުނީ އެއްގަމު އުޅަނދު ޕާކުކުރުމުގެ ގަވާއިދާ ހިލާފަށް ރަޖިސްޓްރީ ނުކުރާ އުޅަނދުފަހަރާއި ބާވެ ހަލާކުވެފައިވާ އުޅަނދުތައް މަގުތަކުގައާއި ޕާކިން ޒޯންތަކުގައި ހުރުމުގެ ސަބަބުން މަގު ބޭންކުރާ ފަރާތްތަކަށް ދަތިވާކަމަށެވެ. އަދި ގަވާއިދާ އެއްގޮތަށް ޕާކު ކުރަން ބޭނުންވާ ފަރާތްތަކަށް ޕާކު ކުރާނެ ޖާގަ ނުލިބޭ ކަމުގެ ޝަކުވާތައް ކެނޑިނޭޅި ފުލުހުންނަށް ހުށަހެޅެމުން އަންނާތީ ކަމަށްވެސް ފުލުހުން ބުންޏެވެ.
" ޤަވާއިދާއި ޚިލާފަށް މަގުމަތީގައި ޕާކުކޮށްފައިވާ އުޅަނދުތަކާއި ޤަވާއިދާއި ޚިލާފަށް ބަހައްޓާފައިވާ އުޅަނދުތައް 2015 ޖެނުއަރީ 1 ވަނަ ދުވަހުގެ ކުރިން ނެގުމަށް އުޅަނދުގެ ވެރިފަރާތްތަކަށް އިލްތިމާސްކުރަމެވެ،" ފުލުހުން ބުންޏެވެ.
އޭގެ އިތުރުން އެ ޕްރޮގްރާމްގައި ނަގާ އުޅަނދުތަކަށް ދައްކަން ޖެހޭ ޖޫރިމަނާ ފައިސާ ދެއްކުމަށްފަހު އަނބުރާ ގެންދިއުމުގެ އެންމެހާ ޚަރަދުތައްކޮށް އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އުޅަނދުގެ ވެރިފަރާތުން ކަމަށާއި ގާނޫނާއި ގާވާއިދާ ހިލާފަށް މަގުތަކުގައި ބަހައްޓާފައިވާ ވެހިކަލްތައް ނަގައި، ގާނޫނާ އެއްގޮތަށް މަގުތައް ބޭނުންކުރުމަށް ހުރިހާ ފަރާތްތަކަށް ފުލުހުން އިލްތިމާސް ކުރެއެވެ.