ކުޑަ އަންހެން ކުއްޖަކާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ބިދޭސީއަކު ހޯދަން ފަށައިފި އެވެ.

ފުލުހުން ބުނީ، ސ. ގަން ޕޮލިސް ސްޓޭޝަނަށް ހުށަހެޅި، ބަލަމުންދާ މައްސަލައާ ގުޅިގެން ހޯދަމުން ދަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ބަސްލު މިއާ،28، ކަމަށެވެ.

ސަން' އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި، ކުޑަ ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ހޯދަމުންދާ ބިދޭސީ މީހާ ބަދުއަހުލާގީ އަމަލު ހިންގާފައި ވަނީ 15 އަހަރުގެ ކުޑަ ކުއްޖަކާ އެވެ.

ފުލުހުން ބުނީ، އެ ބިދޭސީ މީހާ ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުންދަނީ އޭނާ ހައްޔަރުކުރުމަށް ކޯޓުން ކޮށްފައިވާ އަމުރެއްގެ ދަށުން ކަމަށެވެ. އަދި އެ ބިދޭސީ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެ ނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އައްޑޫ ސިޓީ ގަން ޕޮލިސް ސްޓޭޝަންގެ ނަމްބަރު 9792058 އަށް ގުޅުއްވައި ހިއްސާކުރުމަށް ފުލުހުން އެދޭ ކަމަށެވެ.

ކުޑަކުދިންނާ ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގުމުގެ މައްސަލަތަކާއި ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަަކުގައި ބިދޭސީން ޝާމިލުވާލެއް މިހާރަކަށް އައިސް އިތުރުވަމުންދާ އިރު، ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގައި މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި ފުވައްމުލަކުން ވެސް ވަނީ ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.