22 Dec 2014, 16:00
ތެލަސީމިއާ ކުދިން އެ ބަލިން ފަސޭހަ ކުރުމަށް އޮތް ހަމަ އެކަނި ގޮތް ކަމަށްވާ ބޯންމެރޯ ހެދުމަށް ޒަކާތުން ފަންޑުން އެހީވާ ގޮތަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު "ސަން" އަށް ވިދާޅުވީ، ޒަކާތު ފަންޑުން އެހީވާން ހަމަޖެހިފައި ވަނީ ބޯންމެރޯ ޓްރާސްޕްލާންޓް ހެދުމަށް ޑޯނާއެއް ހަމަޖެހިފައިވާ ކުދިންނަށް ކަމަށެވެ. އަދި އެންސްޕާއާ ގުޅިގެން ދޭން ހަމަޖެހިފައިވާ އެ އެހީގެ ދަށުން 34 ކުއްޖަކަށް ބޯންމެރޯ ޓްރާސްޕްލާންޓު ހެދުމަށް އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އޮފިޝަލު ވިދާޅުވި އެވެ.
އޮފިޝަލު ވިދާޅުވީ، ބޯންމެރޯ ހެދުމަށްދާ ހަރަދު ހަމަޖައްސާނީ ޒަކާތު ފަންޑުން ކަމަށާއި އިތުރު ހަރަދުތައް އެންސްޕާގެ ދަށުން ހަމަޖެހިގެންދާނެ ކަމަށެވެ. ނަމަވެސް ބޯންމެރޯ ހެދުމަށް ޒަކާތު ފަންޑުން ހަރަދުކުރަނީ ކިހާވަރެއްގެ ކަމެއް އޭނާ ވިދާޅެއްނުވެ އެވެ.
ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އެހީދޭ ކުދިންނަށް އެ އެހީ ހަވާލުކުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު އެވެ.