22 Dec 2014, 15:39
އެމްޑީޕީގެ ވިޕްލައިނާ ތަކުރާރުކޮށް ހިލާފުވި ކަމަށް ބުނެ، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ރީކޯ މޫސާ މަނިކު އެމްޑީޕީގެ މެމްބަރު ކަމުން ވަކިކުރުމަށް އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމެޓީ އިން މިއަދު ނިންމައިފި އެވެ.
އެމްޑީޕީ އޮފީހުގައި އެ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީ އިން މިއަދު ނޫސްވެރިންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން އެ ކޮމިޓީގެ މުގައްރިރު އަދި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވީ މޫސާ މަނިކު ވަކިކުރަން ނިންމީ ޕާޓީގެ ޕީޖީ ގްރޫޕުން ނެރެފައިވާ ތްރީލައިން ވިޕްތަކާ ތަކުރަރާރުކޮށް އޭނާ ހިލާފުވެފައިވާތީ ކަމަށެވެ. އަދި އޭގެ އިތުރުން ފިޔަވަޅު އަޅާ ކޮމިޓީ އިން އެ މައްސަލަ ބަލަމުން ދިޔަ އިރު އެ ކޮމިޓީ އަށް އެއްވެސް ވަރަކަށް މޫސަ އެއްބާރުލުން ނުދެއްވުމަކީ ވެސް އޭނާ ވަކި ކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް ޕާލިމަންޓްރީ ގްރޫޕުން ފޮނުވާފައިވާ ލިޔުންތަކަށް ބަލާ އިރު މޫސާ މަނިކު ތްރީލައިން ރެޑް ވިޕްލައިންއާ ހިލާފުވެ، އެކަން ތަކުރާރުކުރައްވާފައިވޭ އެތައް ފަހަަރަކު، އެއީ އެއް ނުކުތާ. ދެން އެންމެ ބޮޑު އަނެއް ކަމަކަށް އަޅުގަނޑުމެންނަށް ފާހަގަކުރެވިގެން ދިޔައީ މި ކޮމެޓީ އަށް އެބޭފުޅާގެ އެއްވެސް ވަރެއްގެ އެއްބާރުލުމެއް ނުލިބޭ [ކަން]. ޖަވާބުދާރީވާން އަޅުގަނޑުމެން އެރުވި ފުރުސަތުގައި ވެސް އަޅުގަނޑުމެންގެ ކޮމިޓީ އަށް ޖަވާބުދާރީވަޑައެއް ނުގަތް،" ޝިފާޒު ވިދާޅުވި އެވެ.
މޫސަގެ އިތުރަށް، އިތުރު ފަސް މެމްބަރެެއްގެ މައްޗަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ގައުމީ މަޖިލީހުން ނިންމީ، ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު މަގާމުން ވަކި ކުރަން ނެގި ވޯޓުގައި އެމްޑީޕީ އިން ނެރުނު ތްރީލައިން ވިޕާ ހިލާފުވި ހިސާބުންނެވެ.
ދެ ފަނޑިޔާރުން ވަކި ކުރަން ވޯޓު ނެގި ޖަލްސާ އަށް މޫސަ ހާޒިރެއް ނުވެ އެވެ.
ޝިފާޒު ވިދާޅުވީ ފިޔަވަޅު އަޅާ ކޮމިޓީން މަސައްކަތް ކުރަމުން ދިޔައީ އެމްޑީޕީގެ އަސާސީ ގަވާއިދުގައިވާ ގޮތުގެ މަތިން ކަމަށެވެ. އޭނާ ވިދާޅުވީ މޫސަ ފިޔަވަޅު އަޅާ ކޮމިޓީ އަށް ޖަވާބުދާރީވި ނަމަ އެ މައްސަލާގައި މޫސާ މަނިކު ދެކިވަޑައިގަންނަވާ ގޮތް، ކޮމެޓީ އަށް ސާފު ކުރެވެނީސް ކަމަށާއި ނަމަވެސް ކޮމެޓީ އަށް މޫސަގެ އެއްބާރުލެއްވުން ނުދެއްވުމުން އެކަން ސާފު ނުކުރެވުނީ ކަމަވެ.
ނަމަވެސް މޫސަ މީޑިއާ އަށް ވިދާޅުވީ އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމެޓީ އަށް ހާޒިރު ނުވީ އެ ޕާޓީގެ އަސާސުތަކާ ހިލާފަށް ކޮމެޓީ އިން މަސައްކަތް ކުރިއަށް ގެންދާތީ ކަމަށެވެ.
މޫސަ ސިފަ ކުރެއްވީ އެ ޕާޓީގެ ގައުމީ މަޖިލީސް ހިނގަނީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ފަހަތުން އެނބުރޭ ބައެެއްގެ ގޮތުގަ އެވެ.
ޝިފާޒު ވިދާޅުވީ އެމްޑީޕީ އަކީ ވަރަށް ބޮޑު ޕާޓީއެއް ކަމަށާއި އެ ޕާޓީ އިން ކަންކަން ކުރަނީ ގައުމީ މަޖިލީހުން ނިންމާ ގޮތެެއްގެ މަތީން ކަމަށެވެ.
"މި ޕާޓީއަކީ ދިވެހި ރާއްޖޭގައި އެންމެ ގިނަ ރައްޔިތުން ތަމްސީލުކުރައްވާ ސިޔާސީ ޕާޓީ. މި ޕާޓީ ވަކި ފަރުދަކަށް ވުރެ ބޮޑު. ވަކި ބޭފުޅެއްގެ މަސްލަހަތު ހިމާހަތް ކުރުމަށް ވުރެ ޕާޓީގެ މަސްލަހަތު ހިމާޔަތް ކުރުމަކީ ޕާޓީ ހިންގަން ތިބޭ ބައެއްގެ ޒިންމާއެއް. އަދި ވަކިން ހާއްސަކޮށް ގަވާއިދުގައި ވަކި ކަމެއް ވަކި ގޮތަކަށް ކުރަން އޮއްވައި ގަވާއިދުން ބޭރަކުން އަޅުގަނޑުމެންނަކަށް ވަކި ގޮތަކަށް ކަމެއް ނުކުރެވޭނެ." ޝިފާޒު ވިދާޅުވި އެވެ.
ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުން ވަކި ކުރުމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެމްޑީޕީ، މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފު ނޫންތޯ އާއި އޭނާއާ މެދު ފިވަވަޅު ނާޅުއްވައި އޭގެ ފަހުން އުފެދުނު މައްސަލައެއްގައި މޫސަ އާ މެދު ފިޔަވަޅު އެޅުއްވުމަށް ގެންގުޅުއްވި އަސާސަކީ ކޮބައިތޯ ނޫސްވެރިޔަކު ދެންނެވުމުން ޝިފާޒު ވިދާޅުވީ ވިޕްލައިނާ ހިލާފުވި މެމްބަރުންގެ މައްސަލަ ބެލުމަށް އެންގީ ގައުމީ މަޖިލީހުން ކަމަށާއި "ޝަރީފުއާ މެދު ފިޔަވަޅު އަޅަންޖެހޭނެ" ކަމަށް އޭނާ ގަބޫލު ކުރައްވާ ކަމަށެވެ.
"އެމްޑީޕީގެ ގައުމީ މަޖިލީހުން ގަރާރުކޮށްފި އަޅުގަނޑުމެންގެ މައްޗަށް ހަތް ދުވަސްގެ މުހުލަތެއްގައި ވަކި މައްސަލައެއް ސްޕެސިފިކް ކޮށް ބަލައި ދިނުމަށް އެދި. އަޅުގަނޑުމެން މި ހަތް ދުވަހުގެ ތެރޭގައި މިބެލީ މި މައްސަލަ ކުރިއަށް ގެންދިއުމަށް. އެހެންވީމަ ތިޔަ ވިދާޅުވާ މައްސަލަތައް އަޅުގަނޑުމެންނަށް އަދި ނުބެލިފައެއް ނެތް." ޖުމްލަ އެމްޑީޕީގެ ފަސް މެމްބަރެއްގެ ކޮމެޓީ އަކުން ބެލި މައްސަލައާ ބެހޭ ގޮތުން ޝިފާޒު ވިދާޅުވި އެވެ.
ސިޔާސީ މަގާމުތަކުގައި ތިއްބަވާ އިރު އެކި ފަރާތްތަކުގެ ޕްރެޝަރަކީ އަބަދުވެސް އަންނާނެ އެއްޗެއް ކަމަށާއި އެހެންނަމަވެސް ވިޕްލައިންއާ ހިލާފުވި މެމްބަރުންގެ މައްސަލާގައި ފިޔަވަޅު އަޅާ ކޮމިޓީން އެއްވެސް ޕްރެޝަރަކަށް ބަލާފައި ނުވާނެ ކަމަށް ޝިފާޒު ވިދާޅުވި އެވެ.
"އަޅުގަނޑުމެން ކޮމިޓީން މަސައްކަތް ކޮށްފައި ވާނީ އަޅުގަނޑުމެންގެ ކޮމިޓީގެ މެންޑޭޓް، އެމްޑީޕީގެ އަސާސީ ގަވާއިދު ތަންދޭ ގޮތުގެ މަތިން މިކަން ކުރިއަށް ގެންދެވެން އޮތް ގޮތަކީ ކޮބައިތޯ ބަލާފައި އެގޮތަށް. އެކި ބޭފުޅުން އެކި ކަންކަމުގެ ޕްރެޝަރު ކުރައްވާނެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ނިންމުންތައް އަންނަން ޖެހޭނީ ޕްރެޝަރާ އެކީއެއް ނޫން. ޕްރެޝަރަށް ބަލާގެން މިޕާޓީގައި އަޅުގަނޑުމެން ކަމެއް ނުކުރަން." ޝިފާޒު ވިދާޅުވި އެވެ.
ދެހާސް އަށާރަ ވަނަ އަހަރު އޮންނަ ރިޔާސީ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓްގައި ވާދަ ކުރައްވާނެ ކަމަށް މޫސަ ވަނީ އެތައް ފަހަރަކު ވިދާޅުވެފަ އެވެ. މޫސަ އެމްޑީޕީ އިން ވަކި ކުރަން ނިންމުމާ އެކަމާ އެއްވެސް ގުޅުމެއް އޮންނާނެތޯ ދެންނެވުމުން ޝިފާޒު ވިދާޅުވީ މޫސަ މަނިކު ރިޔާސީ އިންތިހާބުގައި ވާދަކުރައްވުމަކީ އެބޭފުޅާގެ އަމިއްލަ ކަމެއް ކަމަށާއި އަދި އެކަމައިގެން މޫސަ ކުރިއަށްދާން ބޭނުންފުޅު ކަމަށްވާ ނަމަ އެ ފުރުސަތު އެމްޑީޕީގެ ތެރޭގައި އެބައޮތް ކަމަށް ޝިފާޒު ވިދާޅުވި އެވެ.
"ރައީސް ކަމަށް މޫސާ މަނިކު ކުރިމަތިލުމަކީ މޫސާ މަނިކުގެ އަމިއްލަ ކަމެއް. އެބޭފުޅާއަށް މިޕާޓީން އެކަމުގައި ކުރިއަށްދާނެ ބޭނުންފުޅުވެ ލައްވާ ނަމަ އަޅުގަނޑު ދެކޭ ގޮތުގައި އަދި ވެސް އެ ފުރުސަތު ތަންދޭ. ދެން މީހަކު ވިދާޅުވެފައި އޮތް އެއްޗަކަށް ބަލާފައި އަޅުގަނޑުމެންނަކަށް ހުކުމްތައް ތަފާތު ކުރެވޭކަށް ނޯވެ." ޝިފާޒު ވިދާޅުވި އެވެ.
ޕާޓީން ވަކިކޮށްފައިވާ މޫސަ އަލުން ޕާޓީއާ ގުޅެން ބޭނުންވެއްޖެނަމަ އެކަން ކުރެވޭނީ އޭނާއާއެކު އިތުރު 50 މެމްބަރުންގެ ސޮއާއެކު މެމްބާޝިޕް ފޯމް ހުށަހެޅުމުންނެވެ. އަދި ވަކި މުއްދަތެއްގެ ތެރޭގައި ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދެން ޖެހޭނެ ކަމަށާއި ޕާޓީއަށް އަލުން ގުޅިވަޑައިގަންނަވާ ތާރީހުން ފެށިގެން ފަސް އަހަރު މުއްދަތުގެ ތެރޭގައި ޕާޓީގެ އެއްވެސް މަގާމަކަށް ވާދަ ނުކުރެވޭނެ ކަމަށް ފިޔަވަޅު އަޅާ ކޮމެޓީން ނިންމާފައިވެ އެވެ.
ދެ ފަނޑިޔާރުން ވަކި ކުރުމަށް ނެގި ވޯޓުގައި އެމްޑީޕީގެ ތްރީލައިން ވިޕާއި މޫސަ މަނިކުގެ އިތުރުން ހިލާފުވި ފަސް މެމްބަރުންނާ މެދު ވެސް ތަފާތު ފިވަޅު އެޅުމަށް ނިންމި ކަމަށް ކޮމެޓީ އިން ބުންޏެވެ.
އެގޮތުން ވައިކަރުދޫ ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމަށް ފިޔަވަޅު އަޅާ ކޮމިޓީން އެޅުމަށް ނިންމާފައިވާ ފިޔަވަޅަކީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ކުރިން ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދިފައިވާ ބަޔާނެއް އެ ޕާޓީގެ ވެބްސައިޓުގައި ޝާއިއުކުރުމެވެ. އަދި އޭނާއަށް ވަނީ ވިޕްލައިނާއި ހިލާފުނުވުމަށް އެދި ނަސޭހަތްތެރިވެފައި އެވެ. ހަމަ އެއާއެކު ޕާޓީގެ އިންތިހާބީ އަދި އައްޔަންކުރެވިފައިވާ އެންމެހާ މަގާމުތަކުން އޭނާ ވަނީ ވަކިކުރައްވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ތަމްސީލުކުރާ ކޮމިޓީތަކުގެ މުގައްރިރެއްކަމުގައި އަދި ނައިބު މުގައްރިރެއް ކަމުގައި ހުންނެވި ނަމަ އެ ޒިންމާތަކުން އޭނާ ވަކިކުރުން ވެސް ހިމެނެ އެވެ. ހަމަ އެއާއެކު އެމްޑީޕީގެ އެތެރޭގެ ކޮމިޓީތަކުގެ މެމްބަރުކަމުން ތިން މަސް ދުވަހަށް ނާޒިމް ވަނީ ސަސްޕެންޑުކޮށްފައި އެވެ. އަދި ރާއްޖެއާއި ރާއްޖެއިން ބޭރުގައި އެމްޑީޕީން ތަމްސީލުކުރާ އެއްވެސް ފުރުސަތެއްގައި މިއަދުން ފެށިގެން ހަތަރު މަސްދުވަހުގެ މުއްދަތަށް ވެސް ނާޒިމް ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި ނާޒިމަށް ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި އެމްޑީޕީގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭ ގޮތަށާއި އެތެރޭގެ އެއްވެސް ޕްރައިމަރީއެއްގައި ބައިވެރިވެވަޑައިނުގަނެވޭ ގޮތަށް ނާޒިމް ވަނީ ސަސްޕެންޑުކޮށްފައި އެވެ. ހަމަ އެއާއެކު މަގުބޫލު އުޒުރެއް ނެތި އެމްޑީޕީގެ ޕީޖީގެ ވިޕްލައިނަކާއި ހިލާފުވެއްޖެ ނަމަ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެއްވޭނެ ގޮތަށާއި އެއްވެސް ޕްރައިމަރީއެއްގައި ބައިވެރިވެވަޑައިނުގަނެވޭ ގޮތަށް އޭނާ ވަނީ ސަސްޕެންޑުކޮށްފައި އެވެ. އަދި އެމްޑީޕީގެ ޕީޖީގައި ނެގޭ އެއްވެސް ވޯޓެއްގައި ބައިވެރިނުވެވޭ ގޮތަށް މިއަދުން ފެށިގެން އޭނާ ވަނީ ތިން މަސް ދުވަހަށް ސަސްޕެންޑުކޮށްފަ އެވެ.
ދެން ތިބި ހަތަރު މެމްބަރުންނަށް ވަނީ އެއްގޮތަކަށް އަމަލުކުރައްވާފައި އެވެ. އެގޮތުން ވެލިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔާމީން އާއި ކުރެންދޫ ދާއިރާގެ މެމްބަރު އަބްދުލްބާރީ އަބްދުﷲ އާއި ފެލިދޫ ދާއިރާގެ މެމްބަރު އަހުމަދު މަރުޒޫގާއި މުލަކު ދާއިރާގެ މެމްބަރު އިބްރާހިމް ނާސިރަށް ފިޔަވަޅު އަޅާ ކޮމިޓީން އެޅުމަށް ނިންމާފައިވާ ފިޔަވަޅުތަކަކީ ޕާޓީގެ މެމްބަރުންގެ ކިބައިން މައާފަށް އެދި ޖެނުއަރީ މަހުގެ އެއްވަނަ ދުވަހުގެ ކުރިން އެ މެމްބަރުންގެ ބަޔާން ނެރެ ޕާޓީގެ ވެބްސައިޓުގައި ޝާއިއި ކުރުމެވެ. އަދި އެފަރާތްތަކަށް ވަނީ ވިޕްލައިނާއި ހިލާފުނުވުމަށް އެދި ނަސޭހަތްތެރިވެފައި އެވެ. ހަމަ އެއާއެކު ޕާޓީގެ އިންތިހާބީ އަދި އައްޔަންކުރެވިފައިވާ އެންމެހާ މަގާމުތަކުން އެ ފަސް މެމްބަރުން ވަނީ ވަކިކުރައްވާފައި އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ ފަރާތުން ތަމްސީލުކުރާ ކޮމިޓީތަކުގެ މުގައްރިރެއްކަމުގައި އަދި ނައިބު މުގައްރިރެއް ކަމުގައި ހުންނެވި ނަމަ އެ ޒިންމާތަކުންވެސް ވަނީ ވަކިކުރައްވާފައި އެވެ. އަދި އެމްޑިޕީގެ ޕީޖީގައި ނެގޭ އެއްވެސް ވޯޓެއްގައި ބައިވެރިނުވެވޭ ގޮތަށް މިއަދުން ފެށިގެން އެ މެމްބަރުން ވަނީ ހަ މަސް ދުވަހަށް ސަސްޕެންޑުކޮށްފައި އެވެ. ހަމަ އެއާއެކު އެމްޑީޕީގެ އެތެރޭގެ ކޮމިޓީތަކުގެ މެމްބަރުކަމުން ހަ މަސްދުވަހަށް އެ ފަސް މެމްބަރުން ވަނީ ސަސްޕެންޑުކޮށްފައި އެވެ. އަދި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި އެމްޑީޕީން ތަމްސީލުކުރާ އެއްވެސް ފުރުސަތެއްގައި މިއަދުން ފެށިގެން އެއް އަހަރު ދުވަހުގެ މުއްދަތަށް ބައިވެރިވުމުން ވަނީ ސަސްޕެންޑު ކުރައްވާފައި އެވެ. އަދި ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި އެމްޑީޕީގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެވޭ ގޮތަށާއި އެތެރޭގެ އެއްވެސް ޕްރައިމަރީއެއްގައި ބައިވެރިވެވަޑައިނުގަނެވޭ ގޮތަށް ވަނީ ސަސްޕެންޑުކޮށްފައި އެވެ. ހަމަ އެއާއެކު މަގުބޫލު އުޒުރެއް ނެތި އެމްޑީޕީގެ ޕީޖީގެ ވިޕްލައިނަކާއި ހިލާފުވެއްޖެ ނަމަ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް އެމްޑީޕީގެ އެއްވެސް މަގާމަކަށް ކުރިމަތި ނުލެއްވޭނެ ގޮތަށާއި އެއްވެސް ޕްރައިމަރީއެއްގައި ބައިވެރިވެވަޑައިނުގަނެވޭ ގޮތަށް އެ ފަރާތްތަށް ވަނީ ސަސްޕެންޑުކޮށްފައި އެވެ.