މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)އަށް ލިބެން ޖެހޭ މިލިއަނެއްހާ ޑޮލަރު، ތައިލޭންޑުގެ ކުންފުންޏަކުން ނުބައި އެކައުންޓަކަށް ޖަމާކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ބަލަން ފަށައިފި އެވެ.

އޭސީސީގެ އޮފިޝަލަކު މިއަދު 'ސަން'އަށް ވިދާޅުވީ، އެ މައްސަލަ އޭސީސީން ބަލަމުން އަންނަ ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލެއް ނުދެއްވަ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ، އެފަދަ މައުލޫމާތެއް ފުލުހުންނަށް ވެސް ލިބިފައިވާ ކަމަށެވެ.

'ސަން' އަށް އެނގިފައިވާ ގޮތުގައި އެ ފައިސާ އަކީ ތައިލޭންޑުގެ ކުންފުންޏަކުން މިފްކޯއަށް ދޭން ޖެހޭ ފައިސާތަކެކެވެ. ނަމަވެސް އެ ފައިސާ އެގައުމުން ވަނީ ހޮލެންޑުގެ ކުންފުންޏެއްގެ އެކައުންޓަކަށް ޖަމާކޮށްފަ އެވެ.

މިފްކޯގެ ސީއީއޯ އަދްލީ އިސްމާއިލް މިއަދު 'ސަން'އަށް ވިދާޅުވީ، މިފްކޯ އިން ތައިލެންޑުގެ ކުންފުންޏަށް ފޮނުވަން ޖެހޭ މަހުގެ ޝިޕްމަންޓް ވެސް އަދި އެފަރާތަށް ހަވާލު ނުކުރާ ކަމަށާއި އެ ކުންފުނިން މިފްކޯއަށް ދޭންޖެހޭ 999،000 ޑޮލަރުގެ ތެރެއިން މިހާތަނަށް 600،000 ވަރަކަށް ޑޮލަރު މިފްކޯއަށް ދީފައިވާ ކަމަށެވެ. އަދި މިހާރު ނުލިބި ވަނީ 350،000 ޑޮލަރު ކަމަށް އެނާ ވިދާޅުވި އެވެ.

"މިފްކޯ އަކަަށް އެކަމުގެ ސަބަބުން އެއްވެސް ގެއްލުމެއް ނުލިބޭ. އެ ފައިސާ މިފްކޯއަށް ދޭނެ ކަމަށް އެ ކުންފުނިން ބުނި. މިހާރު ވެސް އޭގެތެރެއިން ބޮޑު ބައެއް ވަނީ ހަވާލުކޮށްފައި. ޕޭމަންޓް އެއްކޮށް ލިބުނީމަ ނޫނީ ޝިޕްމަންޓް ހަވާލެއް ނުކުރާނެ،" އަދްލީ ވިދާޅުވި އެވެ.