22 Dec 2014, 14:51
ފަލަސްތީނުގެ ބިމުގައި 1948 ވަނަ އަހަރު އިސްރާއީލުގެ ނަމުގައި ޔަހޫދީ ދައުލަތެއް އުފެއްދި އިރު ފޭރިގެންފައިވާ ބިމެއްގައި ހުރި ޒަމާންވީ މިސްކިތެއް ދާރުލްއާސާރަކަށް ބަދަލުކުރުމަށް ފަހު ހުޅުވައިފި އެވެ.
މިހާރު އިސްރާއީލުގެ ރަށެއްގެ ގޮތުގައި އޮތް ބީރުޝޭބާގައިވާ އެ މިސްކިތް އަންނަ 2015 ވަނަ އަހަރުގެ ޖޫން މަހާ ހަމައަށް ދާރުލްއާސާރެއްގެ ގޮތުގައި ހުޅުވާފައި ބަހައްޓާނެ ކަން އިއުލާން ކޮށްފައިވާ ކަމަށް ފަލަސްތީނުގެ މައާން ނިއުސް އެޖެންސީން ބުންޏެވެ.
ދާރުލް އާސާރެއްގެ ގޮތުގައި އެ މިސްކިތް ހުޅުވި އިރު ނަމާދު ކުރާނެ މިސްކިތެއް ނެތިފައި ތިބި 10،000 މުސްލިމުން އެރަށުގައި އަދިވެސް އެބަތިއްބެވެ. ބީރުޝޭބާގެ ބޮޑު މިސްކިތް " ( ގްރޭޓް މޮސްކް އޮފް ބީރުޝޭބާ)ގެ ނަމުން މަޝްހޫރު އެ މިސްކިތް ޔަހޫދީން ފޭރިގަތީ އެރަށް ހިފައި 6000 ފަލަސްތީނު މީހުން ބޭރުކޮށްލުމަށް ފަހުގައެވެ. އޭގެ ފަހުން ޔަހޫދީން އެ މިސްކިތް ބޭނުން ކުރަމުން އައީ މެޖިސްޓްރޭޓް ކޯޓެއްގެ ހެޑްކުއާޓަރަކާއި ޖަލެއްގެ ގޮތުގައެވެ.
އުސްމާނީ ޚިލާފަތުގެ ދަށުގައި ފަލަސްތީނު އޮތް އިރު 1906 ވަނަ އަހަރު ބިނާކޮށްފައިވާ އެ މިސްކިތް، ނަމާދު ކުރުމަށް ހުޅުވައި ދިނުމަށް ބީރުޝޭބާގައި ދިރިއުޅޭ މުސްލިމުން އިސްރާއީލް ސަރުކާރުގައި އެދެމުން އަންނަތާ ގިނަ އަހަރުތަކެއް ވެފައި ވެއެވެ. އެރަށުގައި މިހާރު ދިރިއުޅޭ މުސްލިމުންނަކީ އެރަށުން ފަލަސްތީނު މީހުން ބޭރުކޮށްލި އިރު ސަލާމަތްވި ބަދަވީންގެ އާއިލާތަކުގެ މީހުންނެވެ.
ބީރުޝޭބާއިން ބޭރުކޮށްލި ފަލަސްތީނުގެ ގިނަ ބަޔަކު ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން އައީ އެރަށާއި ވަރަށް ކައިރީގައެވެ. އޭގެ ތެރެއިން އެއް ބަޔަކު ގޮސްފައި ވަނީ ޣައްޒާއަށެވެ. އިސްރާއީލުގެ ނަމުގައި ޔަހޫދީ ދައުލަތް އުފެއްދި އިރު އެ ދައުލަތުގެ ސަރަހައްދު ކަމަށް ކަނޑައެޅި ސަރަހައްދު ތަކުން 750،000 މީހުން ބޭރުކޮށްލި އެވެ.