މަޑިފުށީ ޒުވާނުންގެ ޖަމިއްޔާއިން އިންތިޒާމްކޮށްގެން ކުރިއަށްގެންދާ "މަޑިފުށި ކަޕް 2014" ގެ ފިރިހެން އަދި އަންހެން ޑިވިޝަންގެ ވޮލީބޯޅަ މުބާރާތް ފަށައިފި އެވެ.

މަޑިފުށީގައި އެންމެ ދުވަސް ވަންދެން ބާއްވަމުން އަންނަ އެ މުބާރާތް ހޮނިހިރު ދުވަހު ފަށާފައިވާއިރު އެންމެ ފުރަތަމަ ފަށާފައިވަނީ ފުޓުބޯޅަ މުބާރާތެވެ.

ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަން އިއްޔެ ފެށިއިރު ތިން ޓީމެއް ބައިވެރިވެފައިވެއެވެ. އެއީ ވިލަމޯރާއާއި ވަންހަ ގަބީލާ އަދި އެކްސަސް ޔުނައިޓެޑެވެ. އިއްޔެ ކުޅުނު ފުރަތަމަ މެޗުގައި ބައްދަލުކުރީ ވިލަމޯރާއާއި ނެކްސަސް އެވެ. އެރަށުގައި ބާއްވާ 16 ވަނަ ފިރިހެން ވޮލީބޯޅަ މުބާރާތުގެ އިއްޔެ ކުޅުނު މެޗުން މޮޅުވީ ވިލަމޯރާ އެވެ.

ފިރިހެން ޑިވިޝަންގެ މިއަދު ހަވީރުގެ މެޗުގައި ބައްދަލު ކުރާނީ ވަންހަ ގަބީލާ އަދި ނެކްސަސް ޔުނައިޓެޑެވެ.

އަންހެން ޑިވިޝަން މިއަދު ފެށިއިރު އެ މުބާރާތުގައި ބައިވެރިވެފައިވަނީ ދެޓީމަކުންނެވެ. ހަތަރުވަނަ އަންހެން ވޮލީބޯޅަ ޓޯނަމެންޓުގެ ފައިނަލް މެޗު ހުކުރު ދުވަހު ކުޅޭއިރު މިއަދު ކުރިއަށްދިޔައީ އެކުވެރިކަމުގެ މެޗެކެވެ. އެތުލެޓިކޯ 27 އައްޑާ އާއި ވެނޯޒިއާ ސްޕޯޓްސް ކްލަބު ބައިވެރިވި މުބާރާތުގެ މިއަދުގެ އެކުވެރިކަމުގެ މެޗު 3-1 ސެޓުން ކާމިޔާބުކުރީ އެތުލެޓިކޯ 27 އެވެ.