22 Dec 2014, 14:32
އަންނަ އަހަރު ރާއްޖެ އިން އުމްރާއަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކުން އެކަމަށް އެދި ކުރިމަތިލާން އިސްލާމިކް މިނިސްޓްރީން ހުޅުވާލި ފުރުސަތު އަންނަ އަހަރުގެ ފެބްރުއަރީއަށް އިތުރުކޮށްފި އެވެ.
އިސްލާމިކް މިނިސްޓްރީގެ އޮފިޝަލަކު 'ސަން'އަށް މިއަދު ވިދާޅުވީ، އުމްރާއަށް މީހުން ގެންދިއުމުގެ ފުރުސަތު ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހުގެ 1:30 އާ ހަމައަށް އިތުރުކޮށްފައިވާ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން މީގެކުރިން ހަމަޖައްސާފައި އޮތް ގޮތުން އުމްރާއަށް މީހުން ގެންދަން ބޭނުންވާ ކުންފުނިތަކުން މި މަހުގެ 31 ގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެ އެވެ.
އުމްރާއަށް މީހުން ގެންދަން ޝައުގުވެރިކަން ފާޅުކޮށް ހުށަހަޅާ ފަރާތްތަކުގެ ހުންނަން ޖެހޭ ޝަރުތުތަކުގެ ތެރޭގައި އެ ކުންފުންޏަކީ ދިވެހިރާއްޖޭގެ ކުންފުންޏާ ބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ ފަރާތެއް ކަމުގައި ވާން ޖެހެ އެވެ. އަދި އެ ކުންފުނީގެ މެޖޭނިންގް ޑައިރެކްޓަރާއި އުމްރާއާ ބެހޭ ކަންކަމުގެ އިންތިޒާމްތަކާއި ކަންކަން ބެލެހެއްޓުމަށް އައްޔަންކޮށްފައިވާ އެންމެ އިސްފަރާތަކީ ކުށުގެ ރިކޯޑެއް ނެތް އަދި ފާއިތުވި އަހަރުތަކުގައި އުމްރާ ނުވަތަ ހައްޖު ފައިސާ މެނޭޖު ކުރުމުގައި މައްސަލަތަކެއް ހުރިކަމަށް މިނިސްޓްރީއަށް ސާބިތުވެފައިވާ ފަރާތެއް ކަމުގައި ނުވުން ހިމެނެ އެވެ.
މީގެއިތުރުން އުމްރާއަށް ގެންދާ މީހާ އާއި އެކުންފުންޏާ ދެމެދު ހަދަން ގަސްދުކުރާ އެއްބަސްވުމުގެ ނަމޫނާ އާއި ހުއްދައަށް އެދޭ ކުންފުނީގެ މެޖޭނިންގް ޑިރެކްޓަރާއި ބޯޑުގެ މެމްބަރުންނާއި އަދި އުމްރާއާ ބެހޭ ކަންކަން ހަވާލުކޮށްފައިވާ އެންމެ އިސްވެރިޔާގެ އައިޑީކާޑު ކޮޕީއާއި ގުޅޭނެ ފޯނު ނަމްބަރާއި އީމެއިލް އެޑްރެހާއި ފުރިހަމަކޮށްފައިވާ ކުށުގެ ރިކޯޑް ފޯމްތައް މިނިސްޓްރީއަށް ހުށަހަޅަން ޖެހޭނެ ކަމަށް ވެސް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.