އަންނަ އަހަރު ކުރިއަށް ގެންދަން ރާވާފައިވާ ގައުމީ އިންޑިވިޖުއަލް ޗެސް ޗެންޕިއަންޝިޕްގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށާއި އަންނަ އަހަރު އެ މުބާރާތް ކުރިއަށް ގެންދާނީ ބަދަލުތަކަކާ އެކީ ކަމަށް ރާއްޖޭގެ ޗެސް ފެޑަރޭޝަނުން ބުނެފި އެވެ.

'ސަން'އަށް މައުލޫމާތު ދެއްވަމުން ޗެސް ފެޑަރޭޝަންގެ ރައީސް ނޫހު އަލީ ވިދާޅުވީ، މުބާރާތް ހިންގާ ގޮތަށް މާ ބޮޑެތި ބަދަލުތަކެއް ގެންނަން ވިސްނާފައި ނުވި ނަމަވެސް، މުބާރާތުގައި ވަނަތައް ކަނޑައެޅުމުގައި މިފަހަރު ބަދަލުތަކެއް ގެންނަން ވިސްނާފައި ވާކަމަށެވެ. އަދި އެ ބަދަލުތަކަކީ ދުނިޔޭގެ އެކިއެކި ޗެސް މުބާރާތްތަކުގެ އިނާމް ދިނުމުގައި މިހާރު ކަންކުރާ ގޮތާ އެއްގޮތަށް ގެނައި ބަދަލުތަކެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"އަންނަ އަހަރުގެ ޖެނުއަރީގައި ބާއްވަން ހަމަޖެހިފައި ވަނީ އޯޕަން އިންޑިވިޖުއަލް ޗެސް މުބާރާތް. އެ މުބާރާތް އިންތިޒާމް ކުރެވިގެން ދަނީ ހަމަ ކުރިއެކޭވެސް އެއްގޮތަށް. ނަމަވެސް އިނާމް ދިނުމުގެ އޮނިގަނޑަށް އަޅުގަނޑުމެން ވަނީ ބަދަލުތަކެއް ގެންނަން ވިސްނާފައި. މުބާރާތް ކުޅުމުގައި އަޅުގަނޑުމެން ވަކި ކެޓަގަރީތަކެއް ކަނޑައަޅާފައެއް ނުވާނެ. ނަމަވެސް އިނާމު ދޭނީ މައިގަނޑު ހަތަރު ކެޓަގަރީއެއް ކަނޑައަޅައިން،" އޭނާ ވިދާޅުވި އެވެ.

އަންނަ އަހަރުގެ ގައުމީ ޗެސް މުބާރާތުގައި އިނާމް ދިނުމަށް ހަމަޖެހިފައި ވަނީ މުބާރާތުގެ އެއްވަނަ، ދެވަނަ އަދި ތިން ވަނައިގެ އިތުރުން މުބާރާތުގެ އެންމެ މޮޅު އަންހެން ތިން ކުޅުންތެރިންނަށާއި 18 އަހަރުން ދަށުގެ އެންމެ މޮޅު އަންހެން އަދި ފިރެހެން ތިން ކުޅުންތެރިންނަށެވެ.

އަންނަ އަހަރުގެ މުބާރާތުގައި މުޅި މުބާރާތުން އެއްވަނައަށް ދާ ފަރާތަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ވަނީ ހަމަޖެހިފައެވެ. އަދި މުޅި މުބާރާތުން ދެވަނައަށް ހޮވޭ ފަރާތަށް 5000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅާފައި ވާއިރު، ތިންވަނައަށް ހޮވޭ ފަރާތަށް ދޭން ހަމަޖެހިފައި ވަނީ 3000 ރުފިޔާއެވެ.

މީގެ އިތުރުން އެ މުބާރާތުގެ އެންމެ މޮޅު އަންހެން ކުޅުންތެރިޔާއަށް 3000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭން ހަމަޖެހިފައި ވާއިރު، މުބާރާތުގެ ދެވަނަ އަދި ތިންވަނައަށް ހޮވޭ އަންހެން ކުޅުންތެރިޔާއަށް ދޭން ހަމަޖެހިފައި ވަނީ 1500 ރުފިޔާ އާއި 500 ރުފިޔާގެ އިނާމެކެވެ.

އަންނަ އަހަރުގެ ޖެނުއަރީ 23 ވަނަ ދުވަހުން ފެށިގެން 31 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ މުބާރާތުގައި ބައިވެރިވުމުގެ ފޯމު އެ ފެޑަރޭޝަންގެ އޮފިހުން މިހާރު ވަނީ ދުކުރަން ފަށާފައެވެ. އަދި މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށައެޅުމަށް އެ ފެޑަރޭޝަން ކަނޑައަޅާފައިވާ އެންމެ ފަހު ތާރީހަކީ ޖެނުއަރީ 15 އެވެ.