ރޭ ފަތިހު 5:30 ކަންހާއިރު ގދ. ގައްދޫ ނެރުކައިރިން އެރަށު ފަރަށް އެރި ފެރީ ފުންކޮށްފި އެވެ.

އެ ފެރީ ފުންކޮށްފައި ވަނީ ފުލުހުންނާއި ގައްދޫގެ ބައެއް ރައްޔިތުން ގުޅިގެން ކޮށްފައިވާ މަސައްކަތުންނެވެ.

ފުލުހުން ބުނީ، އެ ހާދިސާގެ މައުލޫމާތު ފުލުހުންނަށް މިއަދު ހެނދުނު 6:00 ކަންހާއިރު ލިބުމާ ގުޅިގެން އެ ފެރީގައި ތިބި މީހުން ފުލުހުންގެ އެހީތެރިކަމާއެކު ސަލާމަތްކޮށް ޑިންގީއެއްގައި ގައްދުއަށް ގެންގޮސްފައިވާ ކަމަށެވެ.

ގައްދޫ ކައުންސިލްގެ ރައީސް މުހައްމަދު އަހުމަދު މިއަދު "ސަން" އަށް ވިދާޅުވީ، ގދ އަތޮޅާއި ގއ. އަތޮޅުގެ ފެރީގެ ކަންކަން އިންތިޒާމުކުރަނީ ކޫއްޑޫ އިން ކަމަށެވެ.

އެގޮތުން ކޮންމެ އަތޮޅަކަށް އެއް ފެރީ އޮންނާނެ ކަމަށާއި ނަމަވެސް ގދ. އަތޮޅުގައި ދަތުރުކުރާ ފެރީއަށް މިހާރު މައްސަލައެއް ދިމާވެގެން އުޅޭތީ ގއ. އަތޮޅުގައި ދަތުރުތައް ނުހުންނަ ދުވަސް ދުވަހު އެ ފެރީ ގދ. އަތޮޅުގައި މިހާރު ދަތުރުކުރާ ކަމަށެވެ.

އެގޮތުން އެ ފެރީ މިއަދު ފަރަށް އަރާފައި ވަނީ ގައްދޫއަށް ކުރި ދަތުރުގައި ގައްދޫ ނެރުކައިރިން ކަމަށް މުހައްމަދު އަހުމަދު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ފަރަށް އެރި ނަމަވެސް ފެރީއަށް ދަތުރުނުކުރެވޭ ވަރުގެ ގެއްލުމެއް ލިބިފައި ނުވާ ކަމަށެވެ.

އެހާދިސާ ހިނގި ވަގުތު އެ ފެރީގައި ދެ ފިރިހެނަކާއި ދެ އަންހެނެއްގެ އިތުރުން ދެ ކުޑަކުއްޖަކު ދަތުރުކުރިއެވެ.

ފެރީ ފަރަށް އަރަން މެދުވެރިވި ސަބަބު ގައްދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ.