22 Dec 2014, 13:09
އަލަށް އެކުލަވާލި ބްރޯޑްބޭންޑް ޕޮލިސީގެ ދަށުން ކުރިއަށްއޮތް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ތްރީޖީ އިންޓަނެޓުގެ ހިދުމަތް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ކޮމިއުނިކޭޝަން އޮތޯރިޓީ އޮފް މޯލްޑިވްސް (ކޭމް) އިން ބުނެފި އެވެ.
މުއާސަލާތީ ހިދުމަތްތައް ރެގިއުލޭޓްކުރާ ކޭމް ގެ ޗީފް އެގްޒެކްޓިވް އިލްޔާސް އަހްމަދު މިއަދު 'ސަން'އަށް ވިދާޅުވީ، މީގެ ކުރިން ހަމަޖެހިފައި އޮންނަނީ، ތްރީޖީގެ ހިދުމަތް ދިނުން ކުންފުނިތަކުން އިހްތިޔާރީ ކަމެއްގެ ގޮތުގައި ކަމަށާއި ނަމަވެސް އަލަށް ތައާރަފްކުރި ބްރޯޑްބޭންޑް ޕޮލިސީ އާއެކު އަހަރު ދުވަހުގެ ތެރޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ތްރީޖީ ހިދުމަތް ފޯރުކޮށްދޭންޖެހޭނެ ކަމަށެވެ.
"ނަމަވެސް ބްރޯޑްބޭންޑް ޕޮލިސީ އެކުލަވާލީމަ މީހުން އުޅޭ ހުރިހާ ރަށަކަށް ތްރީޖީ ހިދުމަތް ލިބެންޖެހޭނެ. އަންނަ އަހަރުގެ ނިޔަލަށް ތްރީޖީ ލިބެންޖެހޭ،" އިލްޔާސް ވިދާޅުވި އެވެ.
އިލްޔާސް ވިދާޅުވީ، މީހުން ދަތުރުކުރާ ރަށްރަށާއި ދަތުރުކުރާ ރޫޓްތަކަށް ފޯނު ރޭންޖް ލިބޭނެހެން ކަވަރުކުރުމަށް މުއާސަލާތީ ހިދުމަތްދޭ ކުންފުނިތަކަށް އަންގާފައިވާއިރު ބައެއް ސަރަހައްދުތަކަށް ރޭންޖު ނުލިބޭކަމުގެ ޝަކުވާ އަންނަމުންދާ ކަމަށެވެ. އެފަދަ މައްސަލަތައް ބަލައި ހައްލުކުރުމަށް އޮޕަރޭޓަރުންނަށް އަންގަމުންދާކަމަށްވެސް އިލްޔާސް ވިދާޅުވި އެވެ.
"ޝަކުވާ ލިބޭ. އަހަރަކު އެއްފަހަރު އަޅުގަނޑުމެން ސާވޭ ކުރަން. އެސާވޭގެ މައްޗަށް ބަލައި އޮޕަރޭޓަރުންނަށް އެންގީމަ ރަނގަޅު ކުރޭ،" އިލްޔާސް ވިދާޅުވި އެވެ.
އަންނަ އަހަރުން ފެށިގެން މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ތްރީޖީގެ ހިދުމަތް ތައާރަފް ކުރަންޖެހޭނެ ކަމަށް ކޭމްއިން ބުނާއިރު އެހިދުމަތް ހޯދުމުގައި އަތޮޅުތެރޭ ގިނަ ރަށްތަކަކަށް ވަނީ ދަތިތަކާއި ކުރިމަތިވެފައެވެ.