22 Dec 2014, 11:53
ސްކޫލްތަކުގެ ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމު އުވާލުމަކީ އެ ދާއިރާގެ "މުއައްޒަފުންގެ މުސާރަ އަށް ހެޔޮބަދަލެއް ގެނައުމުގެ ނަމުގައި" ފަހަރެއްގައި ވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ޓީޗާސް އެސޯސިއޭޝަނުން ބުނެފި އެވެ.
ޓީޗާސް އެސޯސިއޭޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ރާއްޖޭގެ ސްކޫލްތަކުގައި ޚިދުމަތްކުރައްވާ ޑެޕިއުޓީ ޕްރިންސިޕަލުންނަކީ ތައުލީމީ ދާއިރާ އަށް އަގުނުކުރެވޭ ފަދަ ނުހަނު ގިނަގުނަ ޚިދުމަތްތަކެއް ކުރައްވައިފައިވާ ބޭފުޅުން ކަމަށާއި އެ ބޭފުޅުން "ނަގާ އެއްލާލުމަކީ" ކުރާވަރުގެ ކަމެއް ނޫން ކަމަށެވެ.
އޭގެ އިތުރުން ދިވެހި ރާއްޖޭގެ ސްކޫލްތަކުގައި ތިއްބެވި ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމު އުވާލުމަށް ނިންމުމާ ގުޅޭ ގޮތުން "މިނިސްޓްރީގެ ސިޔާސީބޭފުޅުން" ދައްކަވާ ވާހަކައާއި މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ ދައްކަވާ ވާހަކަ ދިމާނުވާތީ އެ އެސޯސިއޭޝަނުން އެކަން ފާހަގަކޮށް ކަންބޮޑުވުން ފާޅުކުރި އެވެ.
އެ ބަޔާނުގައި އިތުރަށް ބުނެފައި ވަނީ ދިވެހި ރާއްޖޭގެ ތައުލީމީ ނިޒާމު "ކަޅު އަނދިރިކަމެއް"ގެ ތެރެއަށް ދިއުމަކީ އެ އެސޯސިއޭޝަނުން އެދޭ ކަމެއް ނޫން ކަމަށާއި އެއީ މިނިސްޓްރީން ވެސް ބޭނުންވާ ގޮތް ކަމަށް ގަބޫލު ނުކުރާ ކަމަށެވެ.
ރާއްޖޭގެ ސްކޫލްތަކުގައި ޑެޕިއުޓީ ޕްރިންސިޕަލުން ގިނަ ކަމަށް އެ އެސޯސިއޭޝަނުން ވެސް ގަބޫލުކުރާ ކަމަށާއި އެގޮތަށް އެކަންވެފައި ވަނީ ޑެޕިއުޓީ ޕްރިންސިޕަލުންގެ މަގާމު ދިނުމުގައި އުސޫލެއް ގާއިމުކޮށްފައި އޮތް ނަމަވެސް އެ އުސޫލުތަކުގެ ބޭރުން ޑެޕިއުޓީ ޕްރިންސިޕަލުން ހަމަޖައްސަވާފައި ވާތީ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އެހެންކަމުން އެގޮތަށް އެކަން ކުރެއްވި ފަރާތްތަކާ ދޭތެރޭ ފިޔަވާޅު ނާޅައި ތައުލީމީ ދާއިރާ އަށް އަގުހުރި ޚިދުމަތްތަކެއް ކުރެއްވި ބޭފުޅުންގެ މަގާމު ކުއްލިއަކަށް އުވާލުމަކީ އެންމެ ޒިންމާދާރުކަމާ އެކު ކުރާ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވެސް އެ އެސޯސިއޭޝަނުން ބުނެ އެވެ.