ގދ. ތިނަދޫން: މުހައަމަދު ނަސީމު

ގދ. ތިނަދޫ ރައްޔިތުންނަށް 1962 ވަނަ އަހަރު އުފުލި ތަކުލީފުތައް (ހުވަދޫ ބަޣާވާތަށް ފަހު ހިނގި ކަންތައްތައް) އަލުން ބަލަން ޖެހޭ ކަމަށް އެރަށަށް ނިސްބަތްވާ ސިޔާސީ ލީޑަރެއް ކަމަށްވާ ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަހުމަދު ނިހާނު ހުސައިން މަނިކު ވިދާޅުވެއްޖެ އެވެ.

އެންވަޔަރްމެންޓް މިނިސްޓްރީން ތިނަދޫގައި ގާއިމްކުރި އަވިން ކަރަންޓް އުފައްދާ ނިޒާމު އެ ރަށުގެ ކަރަންޓް ގްރިޑާ ގުޅައިލުމަށް ތިނަދޫ ސްކޫލްގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ނިހާނު ވިދާޅުވީ އިންސާނީ ހައްގުތަކަށް ވަކާލާތާތު ކުރާ ފަރާތްތަކަށް އެވާހަކަ ދައްކަން ނުކެރޭ ކަމަށެވެ.

"... 1962 ވަނަ އަހަރުގެ ހާދިސާތަކަށް ފަހުގައި އެކީ އެކައްޗަކަށް މިރަށް އުވާލެވުނު. އަދި މިރަށުގެ ރަށްވެހިންނާއި ރައްޔިތުން އެ އުފުލި ތަކުލީފާއި އެ އުފުލި ކަންތައްތައް އެއްކޮށް ކަނޑައި ގުނަކޮށް ގެއްލަން ވެއްޖެ ނަމަ އޭގެ މައްޗަށް އަލުން ވިޒިޓްކޮށް މިކިޔާ ގޮތަށް ނަމަ ރީވިޒިޓްކޮށް، އެސަފުހާތައް އަލުން ބަލުން ހުޅުވައި، އިންސާނީ ހައްގުތަކާ ބެހޭ ގޮތުން ވަކާލާތު ކުރާ ފަރާތްތަކުން މިވާހަކަ ނުދައްކަނީ ކީއްވެ ބާއޭ އެއީ އަޅުގަނޑު ހިތުގައި ބައެއް ފަހަރު ސުވާލު އުފެދޭ ކަމެއް،" ނިހާނު ވިދާޅުވި އެވެ.

ނިހާނު ވިދާޅުވީ ތިނަދުއަށް ކުރިމަތިވި ކަންތައްތަކަށް ބަލާ ނަމަ (ބަދަލު ދޭ ނަމަ) އެރަށަކީ ޑިއުޓީ ނުދައްކައި ތަކެތި އެތެރެ ކުރެވެން ޖެހޭނެ ރަށެއް ކަމަށެވެ. އަދި ވިދާޅުވީ އެ ރަށުގެ ރައްޔިތުންނާ މެދު ހާއްސަ ގޮތަކަށް ކަންތައް ކޮށްދޭން ޖެހޭ ފަދަ ކަންތައްތަކެއް އެމީހުންނާ މެދު ހިނގާފައިވާ ކަމަށެވެ. އަދި ވިދާޅުވީ ހިޔާލުތަފާތުވުމަކީ އެރަށުގެ ރައްޔިތުންގެ ލޭގައި ހުރި ކަމެއް ކަމަށާއި އެއީ ރަނގަޅަކަށްވާ ކަމެއް ކަމަށް ދެކެން ޖެހޭ ކަމަށެވެ.

"... ދެވޭ އެއްޗަކާ ދެވޭ ތަކެއްޗަކާ، ސަރުކާރުގެ ފަރާތުން ބަލައިގަނެ، އާނ މިރަށުގެ މިވެނި ހިސާބަކުން މިވެނި ހިސާބަކަށް މިކަން ކޮށް ދިނުމަކީ ތިމަންނާ މެންގެ މައްޗަށް މިވެނި ގޮތަކުން ލާޒިމް ކުރަން ޖެހޭ ކަމަށް ގަބޫލު ކުރެވޭ ހިސާބަށް މިރަށުގެ މި ފަސްގަނޑުގައި ކަންތައްތައް ހިނގާފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ނިހާނު މިމޭރުމުން ވާހަކަ ދެއްކެވުމުގެ ކުރިން އޭނާ ވިދާޅުވީ ތިނަދޫގެ ތަރައްގީއަށް ސަރުކާރުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ ބަޖެޓުން ތިނަދޫގެ ކަންކަމަށް ބޮޑު އަދަދެއް ހާއްސަ ކުރީ ވެސް ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ކަމަށެވެ