ދިރާގު 6 ވަނަ ޤައުމީ ބާސްކެޓްބޯޅަ ލީގުގައި ރޭ ކުޅެވުނު މެޗުގައި ދިވެހި ސިފައިންގެ ކްލަބް އަތުން މޮޅުވެގެން ޓީރެކްސް ހުރިހާ މެޗަކުން މޮޅުވެގެން ލީގު ނިންމާލައިފި އެވެ.

މިމެޗަށް ނުކުތްއިރުވެސް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ޓީރެކްސް ރޭގެ މެޗުން މޮޅުވީ 50-66 ޕޮއިންޓުންނެވެ. މިމެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީީރެކްސްގެ އަޙްމަދު ހުޝާމެވެ. އޭނާ ވަނީ ބަޔަށް 18 ޕޮއިންޓް ހޯދާދީފައެވެ.

މިމޮޅާއެކު ޓީރެކްސް ލީގު ނިންމާލީ ކުޅުނު 6 މެޗުންވެސް މޮޅުވެގެން 12 ޕޮއިންޓާއެކުގައެވެ. އެންމެ ކައިރީގައިވާ ހަރިކޭންވެސް ވަނީ ދެމެޗުން ބަލިވެފައެވެ.

ރޭގެ މެޗަށްފަހު ޓީރެކްސް އާއި ލީގުގެ ޝީލްޑް ހަވާލު ކުރުންވެސް ވަނީ ބާއްވާފައެވެ.

ލީގުގައި މިރޭ ކުޅޭނީ ފަހު މެޗެވެ. ބައްދަލު ކުރާނީ ހަރިކޭނާއި ރެޑްލައިން ކްލަބެވެ. މިދެޓީމު ފުރަތަމަ ބުުރުގައި ކުޅުނު މެޗުން މޮޅުވީ ހަރިކޭނެވެ. މިމެޗުން ބަލިވިއަސް ހަރިކޭނަށް ދެވަނަ މަގާމެއް ނުގެއްލޭނެ އެވެ.