މާލޭ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިޔުއެސްސީ) އަށް ސަރުކާރުން ހަވާލުކޮށްފައިވާ ޕްރޮޖެކްޓް ދަށުން އެންމެ ބޮޑަށް ފެންބޮޑުވާ އަމީނީމަގުގައި ދެ "ގުރެވިޓީ ސިސްޓަމް" ބެހެއްޓުމުގެ މަސައްކަތް އެ ކުންފުނިން ފަށައިފި އެވެ.

އެސިސްޓަމްތައް ގާއިމް ކުރަމުންދަނީ ޣިޔާސުއްދީން ސްކޫލު ކައިރި ޓުރެފިކް ލައިޓްތައް ހުރި ސަރަހައްދުގަ އެވެ.

އެ ޕްރޮޖެކްޓުގެ ސުޕަވައިޒަރު މުހައްމަދު ޒަރީރު މިއަދު ސަން އަށް ވިދާޅުވީ އެ ދެ ސިސްޓަމްގެ އެހީގައި އަމީނީމަގުގެ ކާނުތަކަށް އެޅޭ ފެން ހިއްކުމަށް އެހީތެރިވެދޭނެ ކަމަށެވެ. އެކަމުގެ ސަބަބުން ފެން ބޮޑުވުމުގެ މައްސަލައަށް ބޮޑު ހައްލެއް އަންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ވަރަށް ބޮޑު ހައްލެއް އަންނާނެ، އެއްކޮށް ކަވަރުކުރެވޭނެ، މީގެ ސިސްޓަމެއް ބޮޑުތަކުރުފާނު މަގުގެ ކަޅުތުއްކަލާ ކޮއްޓާއި ދިމާލުގައި ވެސް އިންނާނެ،" ޒަރީރު ވިދާޅުވި އެވެ.

އެ ދެ ސިސްޓަމް ތައްޔާރުކޮށްފައި ވަނީ ކާނުތަކަށް އެޅޭފެން ބޮޑުތަކުރުފާނު މަގުގައި ހުންނަ ޕަންޕަށް ފޮނުވައި އެ ޕަންޕް މެދުވެރިކޮށް މޫދަށް ފޮނުވާ ގޮތަށެވެ.

ޒަރީރު ވިދާޅުވީ އެ މަސައްކަތް ފެށިތާ އަދިވީ ހަތަރު ދުވަސް ކަމަށާއި ކުރިއަށްއޮތް ހަފްތާއެއްގެ ތެރޭގައި މުޅި މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.

ފެން ބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް 4.3 މިލިއަން ރުފިޔާގެ މަޝްރޫއެއް އެމްޑަބްލިޔުއެސްސީ އާ މިދިޔަ މަހު ވަނީ ހަވާލުކޮށްފަ އެވެ.

އެމްޑަބްލިޔުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އުމަރު ވިދާޅުވީ، އެ ޕްރޮޖެކްޓުގެ މަސައްކަތް ގާތްގަނޑަކަށް ތިން މަސް ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށެވެ. އަދި ފެން ހިންދަން އިތުރަށް ޕަންޕް ބަހައްޓަން ޖެހޭ ނަމަ ނުވަތަ އިތުރަށް ހޮޅިވަޅުލަން ޖެހޭ ނަމަ އެކަން ކުރާނެ ކަމަށް އުމަރު ވިދާޅުވި އެވެ.

ވާރޭ ފެން ފޮދެއް ވެހިލާއިރަށް މާލޭގެ ބޮޑު ބައެއްގައި އުނދަގޫވާ ވަރަށް ފެންބޮޑުވެ އެވެ. އަމީނީމަގުން ފިނޭންސް މިނިސްޓްރީއާ ހަމައިން ފެށިގެން ވިޔަފާރި ވެރިންގެ މިސްކިތާ ހަމައަށް އެ މަގުގައި ފެންބޮޑުވެ އެވެ. އަދި ބޮޑުތަކުރުފާނު މަގުން ވެސްޓްޕާކާ ދިމާލުގައި ވެސް ފެންގަނޑުބޮޑުވެ އޮންނަނީ ކޯރުހެދިފަ އެވެ.