މިދިޔަ ހަފްތާގެ ތެރޭގައި ހއ. އަތޮޅަށް ދަތުރެއް ކުރީމެވެ. މާލެއިން ފުރައިގެން ހއ. އަތޮޅަށް ދިޔައީ ގާތްގަނޑަކަށް 14 ވަރަކަށް ގަޑިއިރަކަށް ފަހު ކަނޑުމަގުންނެވެ. އެ ދަތުރު ކުރަމުން ދިޔަ އިރު އެންމެ ބޮޑު "ދުއްތުރާލަކާ" ކުރިމަތިވީ ފޯނަށް ރޭންޖް ނުލިބުމާއި ހަބަރު ލިޔަމުން ދިޔަ ލެޕްޓޮޕަށް އިންޓަނެޓްގެ ހިދުމަތް ނުލިބުމުންނެވެ. ދަތުރުގެ ބޮޑުބައެއް ހޭދަކުރަން ޖެހުނީ އެ އަސާސީ ހިދުމަތުން މަހުރޫމްވެ ހުރެ އެވެ. މިއީ މިފަދަ ޒަމާނެއްގައި އަތޮޅުތެރޭ ގިނަ ރަށްރަށަށް ވެސް ދިމާވެފައިވާ މައްސަލައެކެވެ.

އަހަރެންގެ މަންޒިލަކަށް މިފަހަރުވީ ހއ. ތަކަންދޫ އެވެ. އެރަށަށް ދިއުމަށް ފަހު ވެސް ހަބަރުތައް ފޮނުވުމާއި ހަބަރުތައް ކިޔުމުގެ އިތުރުން އިންޓަނެޓު ބޭނުންކޮށްގެން ކުރަން ޖެހޭ ކަންކަން ކުރުމަކީ "ބޮޑުވޭނަކަށް"ވި އެވެ. އަތޮޅުތެރޭ ރަށްތަކުގެ ކަވަރޭޖަށް ގޮސް އެތައް ފަހަރަކު މިހާލުގައި އުޅެންޖެހެއެވެ. އަހަރެން ގެންގުޅޭ ނެޓްވޯކުގެ އިންޓަނެޓު ހިދުމަތް އާންމުކޮށް ލިބެނީ ރަށުގެ ހުރާ މައްޗަށާއި ބަނދަރާއި ދިމާލުން މޫދާ ހިސާބަށެވެ. އެހެން ކަމުން އިންޓަނެޓް ބޭނުން ކުރަން ޖެހޭ ކޮންމެ ފަހަރަކުހެން ލެޕްޓޮޕް ނުވަތަ ފޯނު ހިފައިގެން ދާންޖެހެނީ އެސަރަހައްދުތަކަށެވެ. ރަނގަޅަށް އިންޓަނެޓުގެ ހިދުމަތް ލިބޭނީ ރާޅުޖަހާ ފަށުގައި އެތައް އިރަކު ވަގުތު ހޭދަކޮށްގެނެވެ.

މި ކުޑަކުޑަ ރާއްޖޭގެ އެތައް ރަށެއްގެ ހާލަތަކީިއީ އެވެ. މުއާސަލާތީ ހިދުމަތް ތައާރަފްވެފައިވާތާ އެތައް އަހަރުތަކެއް ވެފައިވާ އިރު ރާއްޖޭގެ މިއޮށް ކުޑަ ސަރަހައްދަށް މިވަނީ ރަނގަޅު ހިދުމަތެއް ނުދެވި އެވެ. މުއާސަލާތީ ހިދުމަތްދޭ ދެ ކުންފުނީގެ ހިދުމަތް ރަނގަޅަށް ނުލިބޭ އެތައް ސަރަހައްދެއް ރާއްޖޭގެ އެކި ހިސާބުތަކުގައިވާ ކަމުގެ ޝަކުވާ އެތައް ފަހަރެއްގެ މަތިން ވަނީ ލިބިފަ އެވެ.

"މިރަށަށް މިދޭތެރެއަކުން ދިޔަ ދިރާގު ރޭންޖް ނުލިބި ހަފްތާއެއް، މިހާރު ވެސް ބައެއް ފަހަރު އެރޯ އަރާ، އުރީދޫގެ ރޭންޖް ރަށު ތެރެއަށް ނުވެސް ލިބޭ، އެ ދެ ނެޓްވޯކުގެ ވެސް ތްރީޖީ އިންޓަނެޓަކީ ހުވަފެނެއްގައި ވެސް ލިބޭ އެއްޗެއް ނޫން މިރަށަކަށް،" ބ. ފުޅަދޫ އަބުދުލް ވާހިދު ބުންޏެވެ.

ވާހިދު ބުނި ގޮތުގައި ފޯނުގެ ރޭންޖް ހޯދުމަށް މަޝްހޫރު ކޮމޭޑިއަން "ޔޫސޭ"ގެ ފިލްމްތަކުން ފެންނަ ފަދައިން ގަސްގަހަށް އަރަންޖެހޭ ހާލަތްތައް ވެސް އާދެ އެވެ. ހަމަ އެހެންމެ ރަނގަޅު އިންޓަނެޓު ހިދުމަތެއް ހޯދުމަށް ދާންޖެހޭނީ ގޮނޑުދޮށަށް ކަމަށް އޭނާ ބުންޏެވެ.

ރާއްޖެ ފަދަ ކަނޑުގެ ސަރަހައްދު ބޮޑު ގައުމެއްގެ ކަނޑުގެ ބޮޑުބަޔަކަށް މުއާސަލާތީ ހިދުމަތް ނުލިބުމަކީ ހިތާމަވެރި ހާދިސާތަކުން ސަލާމަތްވުމަށް އެޅޭ ހުރަހަކަށް ނޫނީ ނުވެ އެވެ. ހަމައެހެންމެ ދިވެހިންނަކީ ޓެކްނޮލޮޖީއަށް ހޭލުންތެރި އިންޓަނެޓު ބޭނުން އެތައް ގޮތަކުން ހިފަމުންދާ ބަޔަކަށް ވުމާއި ފޯނުން މުއާސަލާތު ކުރުމަށް ބަރޯސާވެފައިވާ ބަޔަކަށް ވުމުން އަތޮޅުތެރެއަށް މުއާސަލާތީ ހިދުމަތް އެކަށިގެންވާ ގޮތެއްގައި ނުލިބޭ ކަމީ ބޮޑު މައްސަލައެކެވެ.

އެކަންކަމާ ގުޅިގެން ދިރާގުގެ އެސިސްޓެންޓް މެނޭޖަރު ޕަބްލިކް ރިލޭޝަންސް އިމްޖާދު ޖަލީލް ވިދާޅުވި ގޮތުގައި ރާއްޖޭގެ މީހުން ދިރިއުޅޭ އެއްވެސް ރަށަކަށް ފޯނުގެ ހިދުމަތް ނުލިބި ނުހުންނާނެ އެވެ. ނަމަވެސް މާލޭގެ ހަނި ދޭތެރެތަކަށް ދިމާވާ ފަދައިން އަތޮޅުތެރޭ ބައެއް އެފަދަ ހިސާބްތަކަށް ރޭންޖު ކެނޑުމުގެ މައްސަލައަކީ ދިމާވާ މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.

އިންޓަނެޓު ހިދުމަތާ ގުޅޭ ގޮތުން އިމްޖާދު ވިދާޅުވީ ވޭތުވެ ދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ވެސް އެކުންފުނިން 18 ރަށަކަށް އަލަށް ތްރީޖީގެ ހިދުމަތް ތައާރަފްކޮށްފައިވާ ކަމަށާއި ކުރިއަށް އޮތް އަހަރު ދުވަހުގެ ތެރޭގައި ވެސް ގިނަ ރަށްރަށަކަށް އެހިދުމަތް ތައާރަފް ކުރައްވާނެ ކަމަށެވެ.

"މިހާރު އާބާދީގެ 96 ޕަސެންޓަށް ދިރާގުގެ ތުރީޖީގެ ހިދުމަތް ލިބޭނެ، އެހެން ރަށްރަށަކީ ޕްލޭންގައި އުޅޭ ރަށްތައް، ނަމަވެސް އެރަށްރަށަކީ އާބާދީ ކުޑަރަށްރަށް، ވަރަށް އަވަހަށް ލަފާ ކުރެވޭ އެކަން ހައްލުވެގެންދާނެ ކަމަށް،" އިމްޖާދު ވިދާޅުވި އެވެ.

ކަނޑުގެ ސަރަހައްދަށް ރޭންޖް ނުލިބޭ މައްސަލާގައި އިމްޖާދު ވިދާޅުވީ ކަނޑުގެ ސަރަހައްދުތަކަށް ރޭންޖް ލިބުމުގައި ދަތިތަކެއް ކުރިމަތިވެދާނެ ކަމަށާއި ނަމަވެސް އެކަމުގެ ހައްލެއްގެ ގޮތުން އިމަޖެންސީ ހާލަތްތަކުގައި ބޭނުންކުރަން ސެޓްލައިޓް ފޯންގެ ހިދުމަތް އެކުންފުނިން ދެމުންދާ ކަމަށެވެ.

"ދުނިޔޭގެ އެއްވެސް ތަނެއްގައި ވާކަމެއް ނޫން، މިސާލަކަށް ބޮޑު ސަހަރާއެއްގައި ދަތުރުކުރާނަމަ ނުލިބިދާނެ، އެފަދަ ހާލަތްތަކުގައި ސެޓްލައިޓް ފޯން ބޭނުންކުރެވޭނެ، ދިރާގުން އެހިދުމަތް ލިބޭނެ،" އިމްޖާދު ވިދާޅުވި އެވެ.

މުއާސަލާތީ ހިދުމަތްދޭ އަނެއް ކުންފުނި ކަމަށްވާ އުރީދޫގެ ސީނިއާ ޝްޕެޝަލިސްޓް ޕަބްލިކް ރިލޭޝަންސް މަރިޔަމް އަހްމަދު ދީދީ ވިދާޅުވީ އުރީދޫގެ ޓޫޖީ ކަވަރޭޖް 99 ޕަސެންޓް ލިބޭނެ ކަމަށާއި އަދި އެކުންފުނީގެ ތްރީޖީ ޕުލަސްގެ ހިދުމަތް 95 ޕަސެންޓަށް ލިބޭއިރު ފޯޖީގެ ހިދުމަތް 40 ޕަސެންޓަށް ލިބޭނެ ކަމަށެވެ.

"ދެހާސް އަށް ވަނަ އަހަރުގައި ރާއްޖެ އަށް ތުރީޖީގެ ހިދުމަތް ތައާރަފްކޮށް، ވަރަށް ބޮޑު ބައެއް ވަނީ ކަވަރުކުރެވިފައި. ކަވަރޭޖުއަކީ ކަސްޓަމަރުންގެ ފީޑްބެކަށް ބަލައި ބަދަލުގެންނަންއެއްޗެއް، އުރީދޫގެ ސަބަބުން އިންޓަނެޓް މިހާރު ކުރިއަރާފައި ވަނީ،" މަރިޔަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އުރީދޫގެ ކަސްޓަމަރުންނަށް ރޭންޖު ނުލިބުމުގެ މައްސަލައެއް އުޅޭ ނަމަ އެކަމެއް އިންވެސްޓިގޭޓްކޮށް ފިޔަވަލުއަޅަންމުންދާ ކަމަށެވެ.

ދެ ކުންފުނީގެ ބަސް އެގޮތަށް ހުރި ނަމަވެސް ރައްޔިތުންގެ ޝަކުވާ ބޮޑެވެ. އެތައް ބަޔަކަށް ވަނީ މުއާސަލާތީ ހިދުމަތް ރަނގަޅަށް ނުލިބިފަ އެވެ.

މިއީ ދިވެހި ރައްޔިތުންނަށް އެންމެ ހައްގު މިންވަރެއް ނޫނެވެ. ތަފާތު ޕްރޮމޯޝަންތައް ތައާރަފް ކުރުމުގެ ބަދަލުގައި މިކަންކަމަށް އިސްނަގައިގެން ހައްލު ގެނައުން މާ މުހިންމެވެ. ރޭންޖް ހޯދުމަށް ނުވަތަ އިންޓަނެޓު ހޯދުމަށް ހުރާގަނޑަށް ދާންޖެހުމަކީ ދިވެހި ރައްޔިތުންނަށް އެންމެ ހައްގު މިންވަރެއް ނޫނެވެ.