ގދ. ތިނަދޫގައި މިހާރު ކުރިއަށް ގެންދާ ތިނަދޫ ޗެލްންޖް ކަޕް 2014ގެ ފައިނަލްގެ ފަހު ޖާގަ ޓީމް ހޯބަހަކުން ހޯދައިފި އެވެ.

މުބާރާތުގެ ފައިނަލުން އެ ޓީމް ޖާގަ ހޯދީ އިއްޔެ ހަވީރު ކުޅުނު އެ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗު ކާމިޔާބު ކޮށްގެނެވެ. އެ މެޗު ހޯބަހަކުން ކާމިޔާބުކުރީ ޓީމް ހެއްޔާނބޯއާ ވާދަކޮށް، 3-1 ގެ ނަތީޖާއަކުން އެ ޓީމުގެ މައްޗަށް ކުރި ހޯދައިގެނެވެ.

މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށް މެޗުގައި ލީޑު ނެގީ ހެއްޔާނބޯ އެވެ. މެޗުގެ 22 ވަނަ މިނެޓުގައި އެ ޓީމަަށް ލަނޑު ކާމިޔާބުކޮށްދިނީ އެ ޓީމުގެ އާދަމް ލަރީފު އެވެ. ނަމަވެސް ހޯބަހަކުން ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މެޗުގައި ހޯބަހަކުންނަށް އެ ޓީމުގެ ފުރަތަމަ ލަނޑު ކާމިޔާބު ކޮށްދީ، މެޗުގެ ނަތީޖާ ހަމަހަމަ ކޮށްދިނީ 38 ވަނަ މިނެޓުގައި އެ ޓީމުގެ ޔަސްފާދު ހަބީބު އެވެ.

މެޗުގެ ދެވަނަ ހާފް ފެށިތާ 20 މިނެޓުތެރޭ ހޯބަހަކުންގެ ދެވަނަ ލަނޑު ކާމިޔާބުކޮށް، މެޗުގައި އެ ޓީމަށް ލީޑު ހޯދަދިނީވެސް ޔަސްފާދު އެވެ. އަދި މެޗު ނިމެން މިނެޓަކަށް ވެފައި ވަނިކޮށް ހޯބަހަކުންގެ ތިންވަނަ ލަނޑު ކާމިޔާބުކޮށް، މެޗު އެ ޓީމަށް ކަށަވަރު ކޮށްދިނީ އެ މުބާރާތުގައި އެ ޓީމަށް ކުޅެދެމުން އަންނަ ކްލަބް އީގަލްސްގެ މިޑްފީލްޑަރު އިސްމާއިލް އީސާ (މެސީ) އެވެ.

އިއްޔެގެ މެޗުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ޓީމް ހޯބަހަކުންނަށް މެޗުގައި ދެ ލަނޑު ކާމިޔާބުކޮށްދިން އެ ޓީމްގެ ޔަސްފާދު ހަބީބު އެވެ. މެޗުގެ މޮޅު ކުޅުންތެރިޔާއަށް އިނާމް ހަވާލުކޮށްދެއްވީ މެޗުގެ ޝަރަފްވެރި މެހެމާނު އަދި އެންވައިރަމެންޓް މިނިސްޓްރީގެ މިނިސްޓަރު ތޯރިގް އިބްރާހިމް އެވެ.

އެ ނަތީޖާއާއެކު ޓީމް ހޯބަހަކުން މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވާއިރު، ފައިނަލްގައި އެ ޓީމާއި ދެކޮޅަށް ވާދަކުރަން ހަމަޖެހިފައި ވަނީ ސެންޓަ ފޮކްސަސް އެވެ. ސެންޓަ ފޮކްސަސް މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައި ވަނީ ގްރޫޕް ސްޓޭޖުގައި ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗު ކާމިޔާބުކޮށް، މުޅިއެކު ނުވަ ޕޮއިންޓާއެކު ތާވަލްގެ އެއްވަނަ މަގާމް ހާސިލް ކޮށްގެނެވެ.

ޓީމް ހޯބަހަކުންނަށްވެސް ގްރޫޕް ސްޓޭޖުން މުޅިއެކު ނުވަ ޕޮއިންޓު ލިބިފައި ވާއިރު، އެ ޓީމް ތާވަލްގެ ދެވަނައިގައި އޮތީ ފައިދާ ގޯލުގެ ގޮތުން ސެންޓަ ފޮކްސަސް އަށްވުރެ އެއް ގޯލު ދަށްވުމުންނެވެ.

ތިނަދޫގެ ފަސް ޓީމެއް ވާދަކުރި އެ މުބާރާތުގެ ފައިނަލް މެޗު ކުޅެން ހަމަޖެހިފައި ވަނީ މާދަމާ ހަވީރު އެ ރަށުގެ ރަސްމީ ފުޓްބޯޅަ ދަނޑުގައެވެ.

އެ މުބާރާތުގެ ޗެންޕިއަން ޓީމަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެއް ހުށަހަޅާފައި ވާއިރު، މުބާރާތުގެ ރަނަރަޕް ޓީމަށްވެސް ފައިސާގެ އިނާމުގެ ގޮތުގައި 50،000 ރުފިޔާ ދޭން ހަމަޖެހިފައިވެއެވެ.