22 Dec 2014, 09:48
މިސްރާއި ޣައްޒާގެ ބޯޑަރު ސަރަހައްދުގައި އޮންނަ ރަފަހްގެ ބޯޑަރު އިއްޔެ އިން ފެށިގެން ދެ ދުވަހުގެ މުއްދަތަށް ހުޅުވާލައިފި އެވެ.
މިއީ، މިސްރުގެ ސައިނާގައި އޮކްޓޯބަރު މަހުގެ 25 ވަނަ ދުވަހު ހިނގި ބޮންގުންވުމުގެ ހަމަލާއެއްގައި އެގައުމުގެ 30 ސިފައިން މަރުވުމާ ގުޅިގެން އެގައުމުގައި ކުއްލި ހާލަތު އިއުލާންކޮށް އެ ބޯޑަރު ބަންދުކުރި ފަހުން އެ ބޯޑަރު ހުޅުވާލި ދެވަނަ ފަހަރެވެ.
ރަފަހް އަކީ ޣައްޒާގައި ދިރިއުޅޭ 1.8 މިލިއަން ރައްޔިތުންނަށް ބޭރާ ގުޅުވައިދޭ އެންމެ މުހިއްމު މަގަށް ވާއިރު، އެ މަގު އެންމެ ފަހުން ހުޅުވައިލީ މިދިޔަ މަހު އެވެ. އެ ފަހަރު ވެސް މިސްރުގައި އުޅޭ އެތައް ހާސް ފަލަސްތީނުގެ ރައްޔިތުންނެއް ވަނީ އެގައުމަށް ބަދަލުވެފަ އެވެ.
ޣައްޒާ ކްރޮސިން އެންޑް ބޯޑާސް ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އެ ބޯޑަރު ހުޅުވާލާފައި ވަނީ ދެ ސަރަހައްދުގައި ތިބި ފަލަސްތީނުގެ ރައްޔިތުންނަށް ދަތުރުކުރުމުގެ ފުރުސަތު ހުޅުވާލުމުގެ ގޮތުން ކަމަށެވެ.
"ރަފަހް ބޯޑަރު މެދުވެރިކޮށް ޣައްޒާ އިން މިސްރަށް ދަތުރުކުރެވޭނީ ކުއްލި ފަރުވާ ބޭނުންވާ ބަލި މީހުންނާއި ކިޔަވާކުދިންގެ އިތުރުން ޣައްޒާގައި ތިބި އެެހެން ގައުމުތަކުގެ މީހުންނަށް،" އެ ބަޔާނުގައި ބުނެފައިވެ އެވެ.
މައުލޫމާތު : އަލްޖަޒީރާ