22 Dec 2014, 08:57
އުއްތަމަ ފަނޑިޔާރު އަހްމަދު ފާއިޒު ހުސައިނާއި ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނު ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގައި ނެގި ވޯޓުގައި ބައިވެރިވެވަޑައިނުގަންނަވާ މައްސަލާގައި ޕާޓީން ކޮންމެ ނިންމުމެއް ނިންމިޔަސް ބަލައިގަންނާނެ ކަމަށް ވިޕްލައިނާ ހިލާފުވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ފެލިދޫ ދާއިރާގެ މެމްބަރު އަހުމަދު މަރުޒޫގު ވިދާޅުވެއްޖެ އެވެ.
"ސަން"އާ ވާހަކަފުޅު ދައްކަވަމުން މަރުޒޫގު މިރޭ ވިދާޅުވީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން މިއަދު ކޮންމެ ގޮތަކަށް ނިންމެޔަސް އެކަން "ރުހިގެން" ގަބޫލުކުރައްވާނެ ކަމަށެވެ. އޭނާ ވިދާޅުވީ ދެ ފަނޑިޔާރުން ވަކި ކުރެއްވީ ޖަލްސާއަށް ހާޒިރު ނުވެވުނީ ސްރީ ލަންކާގައި ހުންނަވަން ޖެހިވަޑައިގަތުމުން ކަމަށެވެ.
"ދެން މާދަމާ ޕާޓީން ކޮންމެ ގޮތަކަށް ނިންމެވިއަސް އަޅުގަނޑު ހިތުން ރުހުމުން އެ ކަމެއް ބަލައިގަންނާނަން. އަޅުގަނޑަށް އެ ދުވަހުގެ ޖަލްސާއަށް ހާޒިރުނުވެވުނީ އަޅުގަނޑު ރާއްޖޭގައި ނެތުމުން. އެކަމަށް އަޅުގަނޑު ޕާޓީގެ މެމްބަރުންގެ ކިބައިން ނިހާޔަތަށް މައާފަށް އެދެން،" މަރުޒޫގު ވިދާޅުވި އެވެ.
މަރުޒޫގު ވިދާޅުވީ އެ މައްސަލާގައި މައާފަށް އެދި އެމްޑީޕީއަށް ސިޓީއެއް ވެސް ފޮނުވާފައިވާނެ ކަމަށެވެ.
ފަނޑިޔާނުން ވަކިކުރުމަށް ބޭއްވޭ ޖަލްސާގައި ބައިވެރިވެ ފަނޑިޔާރުން ވަކި ކުރުމާ ދެކޮޅަށް ވޯޓު ދިނުމަށް އެމްޑީޕީން އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ މެންބަރުންނަށް ތުރީ ލައިން ވިޕެއް ނެރެފައި ވަނިކޮށް އެ ވިޕްލައިނާ ހިލާފުވި މެމްބަރުންނަކީ ވައިކަރަދޫ ދާއިރާގެ މުހައްމަދު ނާޒިމް އާއި ވެލިދޫ ދާއިރާގެ އަބްދުﷲ ޔާމީނާއި މުލަކު ދާއިރާގެ އިބްރާހިމް ނަސީރާއި ފެލިދޫ ދާއިރާގެ އަހުމަދު މަރުޒޫގާއި ކުރެންދޫ ދާއިރާގެ އަބްދުލްބާރީ އަބްދުﷲ އާއި ހުޅުހެންވޭރު ދާއިރާގެ ރީކޯ މޫސާ މަނިކު އެވެ.
ދެ ފަނޑިޔާރުން ވަކިކުރުމުގެ ޖަލްސާގައި ޖުމްލަ 78 މެންބަރުން ބައިވެރިވެ ވަޑައިގެންފައިވާ އިރު، ދެ ފަނޑިޔާރުން ވަކިކުރަން ފެންނަ ކަމަށް ވޯޓު ދީފައި ވަނީ 53 މެންބަރުންނެވެ. އަދި އެއްވެސް ކޮޅަކަށް ވޯޓުދޭން ނުފެންނަ ކަމަށް ޕީޕީއެމްގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްދު ނަޝީދު ވޯޓު ދީފައިވާ އިރު ފަނޑިޔާރުން ވަކިކުރަން ނުފެންނަ ކަމަށް 21 މެންބަރުން ވަނީ ވޯޓު ދީފަ އެވެ.