21 Dec 2014, 23:24
އިންސާނީ ހައްގުތައް ދެމެހެއްޓުމަކީ އެންމެންއެކީ ކުރަން ޖެހޭ މަސައްކަތެއް ކަމަށް ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.
ނައިބު ރައީސް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންސާނީ ހައްގުތަކަކީ އެންމެ ބޮޑަށް އެ ހައްގެއް ހޯދުމަށް އިންސާނުން މަސައްކަތް ކުރަންޖެހޭ ހައްގު ކަމަށެވެ. ހަމަހަމަ ގޮތެއްގައި އިންސާނީ ހައްގުތައް އެންމެނަށް ލިބިދިނުމަށް މުޅި ދުނިޔެ މަސައްކަތް ކުރަން ޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)ގެ އޮފީހެއް އައްޑޫ ސިޓީގައި މިއަދު ހުޅުވާފައިވާތީ އެކަމަށް އިޝާރާތް ކުރައްވައި ނައިބު ރައީސް ވިދާޅުވީ އެފަދަ އޮފީހެއް އައްޑޫ ސިޓީގައި ހުޅުވިގެންދިޔުމަކީ އިންސާނީ ހައްގުތައް ހިމާޔަތްކުރުމަށް އެޅިގެންދިޔަ ވަރަށް މުހިންމު ބިންގަލެއް ކަމަށެވެ.
އައްޑޫ ސިޓީގެ ހިތަދޫގައި މިއަދު އެޗްއާރްސީއެމްގެ އޮފީސް ހުޅުއްވައި ދެއްވާފައި ވަނީ ނައިބު ރައީސެވެ. އެޗްއާރްސީއެމުން ބުނީ ކުރިއަށް އޮތްތަނުގައި ގއ. އަތޮޅާއި ގދ. އަތޮޅާއި އަދި ޏ. ފުވައްމުލަކުގައި ވެސް އެކޮމިޝަންގެ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.