21 Dec 2014, 23:08
ސަރުކާރުގެ ހިންގުމަށް ގެންނަ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް އެކަމުން ފެންނަ ނަތީޖާ ރަނގަޅުވާނެ ކަމަށް ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ރ. އުނގޫފާރު ހޮސްޕިޓަލުގެ އާ އިމާރާތް ހުޅުވުމަށް މިރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ދާއިރާތަކުގެ ހިންގުމަށް ގެންނަ ބަދަލުތަކާއި ވަޒީރުންގެ މަސައްކަތްތައް ބެހިގެންދާ ގޮތަށް ބަލައިފި ކަމަށްވާ ނަމަ ދާއިރާތަކަށް އަންނަ ބަދަލުގެ ނަތީޖާ ރައްޔިތުންނަށް ފެންނާނެ ކަމަށެވެ.
"މީގެ ކުރިން ވެސް ސަރުކާރުތަކުން ތަފާތު މަސައްކަތްތައް ވަނީ ކޮށްފައި. އެެހެންނަމަވެސް އެބޭފުޅުން ކުރެއްވި މަސައްކަތް އަޅުގަނޑުގެ ވިސްނުމުގައި އެއަށް ވުރެ ރަނގަޅު ކުރެވޭނެ. އެއީ ދާއިރާތަކުގެ ހިންގުމަށް ގެންނަ ބަދަލާއި ދާއިރާތަކުގެ ރިސޯސް ބެހިގެންދާ ގޮތާއި ވަޒީރުންގެ މަސައްކަތްތައް ބެހިގެންދާ ގޮތަށް ބަލާފައި ތަފާތު މޮޑެލެއް އެޑޮޕްޓް ކޮށްފި ކަމަށްވާ ނަމަ މީގެ ނަތީޖާ ރަނގަޅުވާނެ." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ މިހާރު ވެސް އެކަމުގެ ނަތީޖާ ރަނގަޅުވެގެން ދާތަން ރައްޔިތުންނަށް ފެންނާނެ ކަމަށެވެ. މިސާލު ޖައްސަވަމުން ރައީސް ޔާމީން ވިދާޅުވީ ސިއްހީ ދާއިރާ ހިންގަވަމުން ގެންދަވާ މިނިސްޓަރު މުހައްމަދު ނާޒިމަކީ ދައުލަތުގެ އިތުރު ތަނެއް ހިންގެވުމާ ހަވާލުވެ ވަޑައިގެން ހުންނެވި ބޭފުޅެއް ކަމަށެވެ. އެހެންނަމަވެސް އެ ހުރިހާ ކަމެއް ކުރައްވަމުން ހެލްތު މިނިސްޓްރީގެ މަސައްކަތްތައް ކުރެއްވުމަށް އެމަނިކުފާނަށް ވަގުތު ހޯއްދެވެނީ ކަންކަން ކުރެއްވުމަށް ވަކި ހާއްސަ ބަޔަކު ކަނޑައަޅުއްވާފައި ތިއްބެވުމުން ކަމަށް ރައީސް ވިދާޅުވި އެވެ.
"މިއަދު މިނިސްޓަރަށް ސިއްހީ ދާއިރާ އަށް ވަގުތު ދެއްވެނީ އެމަނިކުފާނު ވެސް ގަބޫލުފުޅު ކުރައްވާނެ އެކި އެކި މެޑިކަލް އިކިއުޕްމަންޓު ނެތިގެން އެއަށް އޯޑަރު ކުރުމާއި އޯޑަރު ހިނގައްޖެތޯ ބެލުމާއި އަދި މެޑިކަލް ސަޕްލައި ޑިޕާޓްމަންޓެއްގައި ހުރީ ކިހާ ވަރެއްގެ އިންވެންޓްރީއެއްތޯ ބެލުމާއި މިއީ މިއަދު އެމަނިކުފާނުގެ އިސްތަށިފުޅަށް އުނދަގުވާން ޖެހޭ ވަރުގެ ކަމެއްނޫން. އެކަންކަން ހޮސްޕިޓަލްތަކުން އަދި ސިއްހީ މަރުކަޒުތަކުން އެތަނެއްގައި ހުންނަވާ މެނޭޖަރަކު އިންވެންޓަރީއެއް އެކުލަވާލާފައި އިންވެންޓަރީއަށް އަންނަ ބަދަލުތަކާ އެކީ އެ ރިކުއެސްޓް ފޮނުވީމާ އެއީ އެސްޓީއޯ އިން ކުރާ ކަމެއް. އެކަން ކުރެވޭނެ އެސްޓީއޯ އަށް." ރައީސް ޔާމީން ވިދާޅުވި އެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ 2016 ވަނަ އަހަރު ނިމޭ އިރު ރާއްޖޭގައި މީހުން ދިރިއުރުޅޭ ހުރިހާ ރަށެއްގައި އެސްޓީއޯގެ ފާމަސީތައް ގާއިމް ކުރައްވާނެ ކަމަށެވެ. އަދި މި އަހަރުގެ ޑިސެމްބަރު މަހާ ހަމައަށް 57 ރަށެއްގައި ފާމަސީއެއް ހުޅުވި، އެ ފާމަސީތަކުން ހިދުމަތް ފޯރުކޮށްދެއްވަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.
"ސަރުކާރުގެ ފާމަސީތައް ހުޅުވިޔެކޭ ކިއާފައި އަމިއްލަ ފަރާތްތަކުގެ ފާމަސީތައް ބަންދު ކުރާކަށް ނުޖެހޭ. އަމިއްލަ ފަރާތްތަކުގެ ފާމަސީތައް މިތަންތަނުގައި އިތުރުވާންވީ. އެހެންނަމަވެސް ސަރުކާރުގެ ފާމަސީއެއް ހުރެއްޖެ ނަމަ މިވާ ފަސޭހައަކީ އަޅުގަނޑަށް ހިތްހަމަޖެހުމާ އެކު ނިދާ އެބަލެވޭ ސަރުކާރުން އެތަންތަނުގައި ބޭނުންވާ ބޭސް ހުންނާނެކަން [އެނގޭތީ]. ދެވަނަ ކަމަކަށް ރައްޔިތުންނަށް ބޭހުގެ އަގު ކޮންޓްރޯލް ކުރެވިގެން ބޭސް ލިބޭނެ ކަން އަޅުގަނޑަށް އެކަަށަވަރުކަން އޮވޭ." ރައީސް ޔާމިން ވިދާޅުވި އެވެ.