ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެންބަރު، އަދި އެމްޑީއޭގެ ނައިބު ލީޑަރު އަލީ މައުރޫފުގެ ނަމުގައި ނ. އަތޮޅުގައި ކުރިޔަށް ގެންދާ "ޢަލީ މައުރޫފު އިންވިޓޭޝަނަލް ފުޓުބޯޅަ ޓޯނަމެންޓް" ދެވަނަ މެޗު ލަންދޫ، ތިންވަނަ މެޗު ޅޮހި އަދި ހަތަރު ވަނަ މެޗު މަނަދޫ ކާމިޔާބުކޮށްފި އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މި މުބާރާތުގެ ދެވަނަ މެޗު ލަންދޫ ކާމިޔާބު ކުރީ ކެނދިކުޅުދޫ ކޭކޭ ޔުނައިޓެޑާ ބައްދަލުކޮށް 6-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވިފައި ވަނީ ލަންދޫގެ ޖޯޒީ ނަންބަރު 23 ހުސެއިން ޖަވާދު އެވެ. އިއްޔެ އޮތް މުބާރާތުގެ ތިން ވަނަ މެޗު ޅޮހި ކާމިޔާބުކުރީ ކެނދިކުޅުދޫ ކޭކޭ ސްޓާ އާ ބައްދަލުކޮށް 2-0 އިންނެވެ. އެ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ހޮވުނީ ޅޮހީގެ ޖޯޒީ ނަންބަރު 8 މުހައްމަދު ނައީމު އެވެ.

މިއަދު ހަވީރު ކުޅުނު މުބާރާތުގެ ހަތަރު ވަނަ މެޗު މަނަދޫ ކާމިޔާބުކުރީ ހެނބަދޫއާ ބައްދަލުކޮށް 1-0 އިންނެވެ. މި މެޗުގެ މޮޅު ކުޅުންޔެރިޔަކަށް ހޮވިފައި ވަނީ ހެނބަދޫގެ ޖޯޒީ ނަންބަރު 10 ހުސެއިން އަބްދުﷲ އެވެ. ދެވަނަ އަދި ތިން ވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ އަށް އިނާމުދެއްވީ ނ. އަތޮޅުގެ އިއްޒަތްތެރިއެއް ކަމަށްވާ މުހައްމަދު ގާސިމް އެވެ. މިއަދު އޮތް ހަތަރު ވަނަ މެޗުގެ މޮޅު ކުޅުންތެރިޔާ އަށް އިނާމު ދެއްވީ އަލީ މައުރޫފު އެވެ.

މި މުބާރާތުގެ މެޗުތައް ކުރިޔަށް ދަނީ ނ. ކުޑަފަރީ ރަސްމީ ބޯޅަ ދަނޑުގަ އެވެ.

މި މުބާރާތުގައި ވާދަކުރަނީ ޖުމުލަ އަށް ޓީމެވެ. އެއީ، ކުޑަފަރީ އާއި މާޅެންދޫ އާއި ހެނބަދޫ އާއި ލަންދޫ އާއި މަނަދޫ އަދި ޅޮހި މީން ކޮންމެ ރަށަކުން އެއް ޓީމާއި ކެނދިކުޅުދޫ އިން ދެ ޓީމެވެ. ކެނދިކުޅުދޫން ވާދަކުރަނީ ކޭކޭ ސްޓާ އަދި ކޭކޭ ޔުނައިޓެޑެވެ.

ޗެމްޕިއަން ޓީމަށް 50،000 ރުފިޔާ އަދި ރަނައަޕް ޓީމަށް 15،000 ރުފިޔާ އަލީ މައުރޫފު ވަނީ ހުށަހަޅުއްވައިފަ އެވެ.