21 Dec 2014, 21:30
ބާރަ ސްޕެޝަލިސްޓުންނާއެކު ރ. އުނގޫފާރު ހޮސްޕިޓަލުގެ އާ އިމާރާތް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމް މިރޭ ހުޅުވައި ދެއްވައިފި އެވެ.
އުނގޫފާރު ހޮސްޕިޓަލްގެ އާ އިމާރާތާއެކު އެ ހޮސްޕިޓަލުގައި އޮޕަރޭޝަންތަކާއި ދަތުގެ ފަރުވާ އާއި ޑައިލިސިސް ހެދޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ.
ހޮސްޕިޓަލްގެ އާ އިމާރާތް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް ވިދާޅުވީ ރ. އަތޮޅުގެ ހުރިހާ ރަށަކަށް ބޭނުންވާ ސިއްހީ އާލާތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ. ބަޔޯ މެޑިކަލް ސާމާނު ނެތިގެނޭ ބުނެ، ރ. އަތޮޅުގެ ސިއްހީ ހިދުމަތް ނުހުންޓޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ނާޒިމް ވިދާޅުވީ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް، ކުރިއަަށް ގެންދާ މަސައްކަތުގެ ދަށުން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޑޮކްޓަރުންގެ ސިއްހީ ހިދުމަތް ލިބޭނެ ކަމަށެވެ.
"ނަމަވެސް ދެ ރަށެއްގައި ޑޮކްޓަރުން މިވަގުތު ނެތަސް، ޖެހިގެން ހުރި ރަށްތަކުގައި ތިބި ޑޮކްޓަރުންގެ އެހީތެރިކަން އެ ދެ ރަށަށް ވެސް ލިބިގެންދާނެ،" ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ނާޒިމް ވިދާޅުވި އެވެ.