ހޭންޑްބޯލް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ކުރިއަށް ގެންދާ ލެވަލް ތިނެއްގެ ހޭންޑްބޯލް ރެފްރީކަމުގެ ކޯސް މިއަދު ރަސްމީކޮށް އިފްތިތާހު ކޮށްފި އެވެ.

މިއަދު ހަވީރު ހެންވޭރު ބޯޅަގޭގައި ބޭއްވި ރަސްމިއްޔާތެއްގައި އެ ކޯސް ރަސްމީކޮށް އިފްތިތާހު ކޮށްދެއްވީ މޯލްޑިވްސް ރެޑް ކްރެސެންޓުގެ ސެކްރެޓެރީ ޖެނެރަލް އަބްދުއްރައްޒާގް އިބްރާހިމް އެވެ. މިމަހުގެ 30 ވަނަ ދުވަހާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އެ ކޯސް ނުރަސްމީ ސިފައެއްގައި އިއްޔެ ވަނީ ފަށާފަ އެވެ.

އެ ކޯސް އިފްތިތާހު ކޮށްދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަބްދުއްރައްޒާގް ވަނީ ކުޅިވަރެއް ކުޅުމަށް ބޭނުންވާ ވަސީލަތްތަކުގެ މުހިންމު ކަމާ މެދު ވާހަކަ ދައްކަވައިފަ އެވެ. އަދި ކޮންމެ ކުޅިވަރަކަށް ވެސް ރަނގަޅު ވަސީލަތްތަކެއް ބޭނުންވުމުގެ އިތުރުން، އެ ކުޅިވަރެއް ކުޅޭ މީހުންގެ ކިބައިގައި ހުންނަން ޖެހޭނެ އަހުލާގީ މިންގަނޑުތަކަށް ވެސް އަލިއަޅުވާލާ އޭނާ ވަނީ ވާހަކަ ދައްކަވާފަ އެވެ.

ހޭންޑްބޯލް މޯލްޑިވްސް އިން ކުރިއަށް ގެންދާ އެ ކޯހުގައި ކިޔަވައިދޭން ހަމަޖެހިފައި ވަނީ ރާއްޖޭގެ ގައުމީ ހޭންޑްބޯލް ޓީމަށް ކޯޗުކަން ކޮށްދެމުން ވެސް ގެންދާ ތަޖުރިބާކާރު ހޭންޑްބޯލް ރެފްރީ މުހައްމަދު ޝާން އެވެ. ޖުމްލަ 30 ފަރާތަކުން ބައިވެރިވެފައިވާ އެ ކޯހުގެ ކްލާސްތައް ރަސްމީ ދުވަސްދުވަހު ކުރިއަށް ގެންދަން ހަމޖެހިފައި ވަނީ ހަވީރާއި ރޭގަނޑު އެވެ. އަދި ހުކުރު ދުވަހު މެނެދުރު ފަހުވެސް އެ ކޯހުގެ ކްލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ހޮނިހިރު ދުވަހު އެ ކޯހުގެ ކްލާސްތައް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ހެނދުނާއި މެންދުރު ފަހު އެވެ.