21 Dec 2014, 20:06
ބޭރު ކުޅުންތެރިން ނިއުރޭޑިއެންޓު ސްޕޯޓްސް ކްލަބަށް ގެނައުމުގެ މަސައްކަތް ފަށާފައިވާ ކަމަށާއި ނަމަވެސް ޓީމުގެ ކޯޗަކަށް އަންނަ ސީޒަންގައި ވެސް ހުންނާނީ މިހާރުގެ ކޯޗް މިކާ ލޮންސްޓްރޮމް ކަމަށް ނިއުގެ ޗެއާމަން އަލީ ވަހީދު (ބަލަކް) ވިދާޅުވެއްޖެ އެވެ.
އެފްއޭއެމް ހައުސްގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ބަލަކް ވިދާޅުވީ މިފަހަރު އެ ކްލަބްގެ ކޯޗް ބަދަލުކުރަން ހިޔާލުކޮށްފައި ނުވަނީ މިއަހަރު އެ ކްލަބުން ކަނޑައެޅި އަމާޒުތައް އޭނާގެ ކޯޗުކަމުގެ ދަށުން ކްލަބަށް ހާސިލްވެފައި ވާތީ ކަމަށެވެ. އެ އަމާޒުތަކުގެ ތެރޭގައި ޕްރެޒިޑެންޓްސް ކަޕް މިލްކުކުރުން ހިމެނޭ ކަމަށާއި، އެ ކަންކަން މިކާގެ ކޯޗުކަމުގެ ދަށުން މިއަހަރު ހާސިލްކުރެވިފައި ވުމުން އޭނާ ބަދަލުކުރަން ނުވިސްނާ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.
"ނިއުއިން މިއަހަރު ކަނޑައެޅި ޓާގެޓްތައް މިކާ ވަނީ ހާސިލް ކޮށްފަ. އޭގެ ތެރޭގައި މިދިޔަ 35 އަހަރު މިލްކުކުރަން ބޭނުންވި ތަށި ވެސް ނިއުއަށް ވަނީ މިލްކުވެފައި. އެހެން ކަމުން އަންނަ އަހަރުގެ އޭއެފްސީ ކަޕަށް ޓީމް ނިކުންނާނީ މިކާގެ އިރުޝާދުގެ ދަށުން،" އޭނާ ވިދާޅުވި އެވެ.
އަލީ ވަހީދު ވިދާޅުވީ އެ ޓީމުގެ ދިވެހި ކުޅުންތެރިންނަށް ބަލާއިރު މިހާރު ދެން އެ ކްލަބުން ވިސްނަމުން ދަނީ ހަމައެކަނި އެ ޓީމުގެ ގޯލްކީޕަރު އިމްރާނުގެ ނިންމުމަކަށް ކަމަށާއި ނަމަވެސް ބޭރު ކުޅުންތެރިއަކު ގެނެވުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. އަންނަ އަހަރުގެ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ނިއުއަށް ކުޅެދޭން އަދި މިހާތަނަށް އެ ޓީމަށް ގެންދިޔަ ދިވެހި ކުޅުންތެރިންނަކީ މާޒިޔާއަށް ކުޅެމުންދިޔަ މިޑްފީލްޑަރު އައްސަދު އަލީ (އަޑުބަރޭ) އާއި ޑިފެންޑަރު ރިލްވާން ވަހީދު (ރިލޭ) އެވެ.
ވޭތުވެދިޔަ އަހަރުތަކުގައި ރާއްޖެ އާއި ރާއްޖޭން ބޭރުގައި ފާހަގަ ކޮށްލެވޭފަދަ ކާމިޔާބީތަކެއް ހާސިލް ކޮށްފައިވާ ނިއުއަށް، އެ ކްލަބްގެ ކާމިޔާބީތައް ފާހަގަކޮށް ފީފާގެ ރައީސް ސެޕް ބްލެތާ ވަނީ ހާއްސަ ސިޓީއެއް ފޮނުވާފައެވެ. އެ ސިޓީ ހަވާލުކުރުމުގެ ރަސްމިއްޔާތު މިއަދު އެފްއޭއެމްގައި ބައްވާފައި ވާއިރު، އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އަލީ ވަހީދު ވަނީ އެ ކަލްބަށް މި އަހަރުގެ އޭއެފްސީ ކަޕް ދިޔަ ގޮތާމެދު ހިންހަމަނުޖެހުން ފާޅުކޮށްފައެވެ.