21 Dec 2014, 19:56
މިއަހަރު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން، ދެ ދުވަހުގެ ތެރޭގައި 50 ކުރޯޑް ލިބުނު ފިލްމުތަކުގެ ލިސްޓުން ބޮލީވުޑުގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އާމިރު ޚާނާއި އަނުޝްކާ ޝަރުމާ ތަރިންގެ ގޮތުގައި ފެނިގެންދާ ކޮމެޑީ ފިލްމް "ޕީކޭ" ހިމެނިއްޖެ އެވެ.
ދުނިޔޭގެ 6000 ސްކްރީނުގައި މިދިޔަ ހުކުރު ދުވަހު އެޅުވި އެ ފިލްމަށް ބޮލީވުޑް ފިލްމް އިންޑަސްޓްރީ އިން މިހާތަނަށް ގިނަ ރިކޯޑްތަކެއް މުގުރާނުލި ނަމަވެސް، މިއަހަރު ރިލީޒް ކުރި ފިލްމުތަކުގެ ތެރެއިން ދެ ދުވަހުގެ ތެރޭގައި 50 ކުރޯޑް ހޯދި ފިލްމު ތަކުގެ ލިސްޓުން ޖާގަ އެއް ލިބުނީ، ވޭތުވެދިޔަ ދެ ދުވަހު އެ ފިލްމަށް ލިބުނު 56.97 ކުރޯޑާ އެކުގަ އެވެ.
އެ ލިސްޓުގައި ދެން ހިމެނެނީ ސަލްމާންގެ "ކިކް" އާއި ޝާހުގެ "ހެޕީ ނިއު އިޔާ" އަދި އަޖޭގެ "ސިންގަމް ރިޓާންސް" އެވެ.
ގިނަ ބައެއްގެ މަޤްބޫލުކަން ހޯދާފައިވާ "ތްރީ އީޑިއަޓްސް"ގެ ޑައިރެކްޓަރު ރާޖްކުމާރު ހިރާނީ ޑައިރެކްޓްކޮށްފައިވާ "ޕީކޭ" ރިލީޒް ކުރި ފުރަތަމަ ދުވަހު ލިބިފައި ވަނީ 26.63 ކުރޯޑެވެ. އަދި ދެ ވަނަ ދުވަހު އެ ފިލްމަށް ވަނީ 30.34 ކުރޯޑް ލިބިފަ އެވެ.
ރިލީޒް ކުރި ފުރަތަމަ ދުވަހު ލިބުނު އާމްދަނީއާއެކު ވެސް "ޕީކޭ" ވަނީ ޗުއްޓީ ނޫން ދުވަހަކު ރިލީޒް ކުރި ބޮލީވުޑްގެ ފިލްމުތަކުގެ ތެރެއިން އެންމެ ރަނގަޅު އާމްދަނީއެއް ހޯދި ލިސްޓުގެ ދެ ވަނަ ހޯދާފަ އެވެ. އެ ލިސްޓުގެ އެއްވަނާގައި 36 ކުރޯޑާއެކު އޮތީ "ދޫމް 3" ކެވެ.
ރިލީޒް ކުރި ފުރަތަމަ ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބޮލީވުޑްގެ ފިލްމުތަކުގެ ލިސްޓުގެ އެއްވަނައިގައި އޮތީ ދިވާލީގައި ރިލީޒްކުރި އަދި ބޮލީވުޑްގެ ގިނަ ރިކޯޑްތަކެއް މުގުރާލާފައިވާ ބޮކްސްބަސްޓާ ފިލްމު "ހެޕީ ނިއު އިޔާ" އެވެ. މިހާރު ވެސް ދައްކަމުން އަންނަ އެ ފިލްމަށް ވަނީ ރިލީޒް ކުރި ދުވަހު ފުރަތަމަ ދުވަހު އެކަނިވެސް 44 ކުރޯޑް ލިބިފަ އެވެ.
ބޮލީވުޑް ފިލްމް އިންޑަސްޓްރީ ދިރާސާކުރާ ތަޖުރިބާކާރުން ދެކޭގޮތުގައި، ފިލްމް "ޕީކޭ" ބޮލީވުޑް ފިލްމް އިންޑަސްޓްރީއަށް އިންގިލާބެއް ގެނުވަފާނެ އެވެ.