ދިވެއްސަކާއި އިނދެގެން އުޅުނު ހާއްސަ އެހީއަށް ބޭނުން އިންޑިއާ އަންހެނަކު، ހާލުގައިޖެހި ކޮޓަރިއެއްގައި އޮންނަތާ ދެ މަސް ވެފައިވަނިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް އޭނާ ގެންގޮސްފި އެވެ.

އެ އަންހެން މީހާ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދިއުމަށް އިސްކޮށް ހަރަކާތްތެރިވި، ޖެންޑާ މިނިސްޓްރީގެ ޑިސެބިލިޓީ އެމްބެސެޑަރު އަހުމަދު ހިޝާން "ސަން"އަށް ވިދާޅުވީ އެ އަންހެން މީހާ ހާލުގައި ޖެހިފައިވަނީ އޭނާގެ ފިރިމީހާ ނިޔާވުމުން ކަމަށާއި މިއަދު ހަވީރުގެ ވަގުތެއްގައި އެ އަންހެން މީހާ ގުރައިދޫގައި ހުންނަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ.

"މިކަން ކުރުމުގައި ދިވެހި ސަރުކާރާއި ފުލުހުންނާއި ރެޑް ކުރެސެންޓުންގެ އިތުރުން އިންޑިއާ ހައިކޮމިޝަނުގެ ފަރާތުން ބޮޑު އެއްބާރުލުމެއް ލިބުނު،" ހިޝާން ވިދާޅުވި އެވެ.

ސަން އަށް އެނގިފައިވާގޮތުގައި އެ އަންހެން މީހާ ހދ. ކުޅުދުއްފުށީ ފިރިހެނަކާ އިނދެގެން މާލެ އައީ މީގެ 23 އަހަރު ކުރިންނެވެ. އެ ކައިވެންޏަށް ދެ ދަރިން ލިބުނު ނަމަވެސް ދެ ދަރިންވެސް ވަނީ ނިޔާވެފަ އެވެ. އެ އަންހެން މީހާގެ އުނަގަނޑުން ތިރި ޕެރަލައިޒުވީ މީގެ 20 އަހަރު ކުރިން ހޮސްޕިޓަލުން ޖެހި އިންޖެކްޝަނެއްގެ ސަބަބުނެވެ.

ފިރިމީހާގެ އެހީއާއެކު ދިރިއުޅުނު އަންހެން މީހާ ފަހުން ހާލުގައި ޖެހުނީ ފުއްޕާމެޔަށް ޖެހުނު ބައްޔެއްގައި ފިރިމީހާ މީގެ ދެ މަސް ކުރިން ނިޔާވުމާއި ގުޅިގެންނެވެ.