21 Dec 2014, 18:02
ރާއްޖޭގެ ކްލަބްތަކުގެ މެނޭޖްމަންޓު ހަރުދަނާކޮށް ރަނގަޅު ކާމިޔާބީތަކެއް ހޯދަން ކްލަބްތަކުން އިތުރަށް މަސައްކަތް ކުރަން ޖެހޭ ކަމަށް އެފްއޭއެމްގެ ވަގުތީ ރައީސް މުހައްމަދު ޝަވީދު ވިދާޅުވެއްޖެ އެވެ.
ނިއުރޭޑިއެންޓުގެ ކާމިޔާބީތަކަށް މަރުހަބާ ކިޔައި ފީފާއިން އެ ކްލަބަށް ފޮނުވި ސިޓީ އެ ކްލަބާ ހަވާލުކުލުރަން މިއަދު އެފްއޭއެމް ހައުސްގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ޝަވީދު ވިދާޅުވީ އެފަދަ ކާމިޔާބީއެއް ނިއުއަށް ލިބިގެން ދިޔުމަކީ ރާއްޖޭގެ ކްލަބްތަކުން ވަރަށް ވިސްނަން ޖެހޭ ކަމެއް ކަމަށެވެ. އަދި ފީފާއިންނާއި އޭއެފްސީން ރާއްޖެގެ ކްލަބުތަކުގެ ކާމިޔާބީތަކާއި ހޯދާ ކުރިއެރުން ވަރަށް ގާތުން ބަލަމުން އަންނަ ކަން ނިއުގެ އެ ކާމިޔާބީން ދައްކުވައިދޭ ކަމަށް ވެސް ޝަވީދު ވިދާޅުވި އެވެ.
"ރާއްޖޭގެ ފުޓްބޯޅައިގެ ކަންކަން ބަލަމުން އަންނަނީ ހަމައެކަނި ރާއްޖެއިން ނޫންކަން ނިއުގެ އެ ކާމިޔާބީން ދައްކުވައިދޭ. މިއީ ކްލަބުތަކުން ވަރަށް ވިސްނަންޖެހޭ ކަމެއް. ރާއްޖޭގެ ކްލަބުތަކަށް ރަނގަޅު މުސްތަގުބަލެއް އޮތީ ޓީމްތަކުގެ މެނޭޖްމަންޓުތައް އިތުރަށް ހަރުދަނާކޮށް ރަނގަޅުކޮށްގެން،" ޝަވީދު ވިދާޅުވި އެވެ.
ނިއުގެ ކާމިޔާބީއާމެދު ވާހަކަ ދައްކަމުން އޭނާ ވިދާޅުވީ އެ ކާމިޔާބީއަކީ ނިއުގެ މަނޭޖްމަންޓުން ކުރި ހިތްވަރުގެ ނަތީޖާ ކަމަށާއި، ނިއުގެ މެނޭޖްމަންޓް އޮތް ފަދަ ފައްތަރަކަށް އެހެން ކްލަބުތަކުގެ މެނޭޖްމަންޓު ވެސް ގެންދަން އެ ކްލަބުތަކުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި ފީފާއިންނާއި އޭއެފްސީން ރާއްޖޭގެ ފުޓްބޯޅަ ތަރައްގީ ކުރަން ގިނަ މަސައްކަތްތަކެއް ކޮށްދޭ ކަމަށާއި، ރާއްޖޭގެ ކްލަބްތަކުގެ މެނޭޖްމަންޓް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އަންނަ އަހަރު 'ކިކްއޮފް' ޕްރޮގްރާމްގެ ދަށުން ފީފާގެ މެނޭޖްމަންޓް ޓީމްތަކެއް ރާއްޖެ އަންނަން ހަމަޖެހިފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"ރާއްޖޭގެ ފުޓްބޯޅަ ތަރައްގީކޮށް އިތުރަށް ހަރުދަނާ ކުރަން ފީފާއިން ގިނަ އެހީތަކެއްވޭ. އެގޮތުން އަންނަ ފެބްރުއަރީ މަހު ހިންގާ 'ކިކްއޮފް' ޕްރޮގްރާމްގެ ދަށުން ފީފާގެ މެނޭޖްމަންޓް ޓީމްތަކެއް ވަނީ ރާއްޖެ އަންނަ ގޮތަށް ހަމަޖެހިފައި. އެ ޓީމުތަކުން ރާއްޖޭގެ ކްލަބުތަކުގެ މެނޭޖްމަންޓުތަކަށް ހުރި ދަތިތަކާއި އުންދަގޫތައް ދެނެގަތުމުގެ މަސައްކަތް ކުރިއަށް ގެންދާނެ. އަދި އެ ޓީމްތައް ރާއްޖޭގެ ކްލަބުތަކުގެ މެނޭޖްމަންޓުތައް އިތުރަށް ހަރުދަނާކޮށް، އެ ކްލަބުތައް ހިންގުމުގެ އެކިއެކި ކަންކަމުގައި އިރުޝާދުދީ އެހީތެރިވާނެ،" އޭނާ ވިދާޅުވިއެވެ.
ޝަވީދު އިތުރަށް ވިދާޅުވީ އެ ޕްރޮގްރާމަށް އެއްބާރުލުންދީ، އެކަމުގައި ބައިވެރިވުމަށް ކްލަބްތަކުގެ ކިބައިން ވަރަށް ބޮޑަށް އެދޭ ކަމަށެވެ.